ސްރީ ލަންކާއަކީ ރާއްޖޭގެ މަސްވެރިކަމުގައި މުހިއްމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށާއި ދިވެހި މަސްވެރިންނަށް ސީދާ ލަންކާގެ ބާޒާރަށް މަސް ވިއްކޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް އުފައްދާފައި އޮންނަ ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އެތައް ގަރުނަކަށް ދެމިގެންދާ ކަމަށެވެ. އަދި އޭގެ ތެރެއިން މަސްވެރިކަމުގެ ވިޔަފާރީގައި ދެ ގައުމުގެ ގުޅުން ބަދަހިކަން ފާހަގަ ކުރެއްވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން ބާނާ މަސް ލަންކާއިން ގިނަ އަދަދަކަށް ގެނެ އެވެ. މި ސަރުުކާރުގެ އަދި އެމްޑީޕީގެ ވެސް އުއްމީދަކީ ދިވެހި މަސްވެރިންނަށް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހެދުން ކަމަށް ވިދާޅުވި އެވެ.
"ހަމަ އެ ގޮތަށް ބޭނުންވޭ ލަންކާގެ މަސްވެރިންނަށް ސީދާ ރާއްޖޭގެ މާކެޓަށް މަސް ވިއްކޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ވިއްކާ، ލަންކާގެ ކޮންސްޓްރަކްޝަން ސާމާނު ވަރަށް ވަރުގަދަ ކަމަށާއި އެ ގައުމުގެ އެ ނޫން ތަކެތި ވެސް ދިވެހި ބާޒާރުގައި އެބަހުރި ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ލަންކާގައި ވިއްކޭނެ ތަކެތި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ ސަރުކާރު މިވަނީ އެނބުރި އައިސްފައި. އަޅުގަނޑުމެންގެ ރައީސް އަކީ މި ދެގައުމުގެ ވިޔަފާރި ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.
ދިވެހި ތާރީހު ދިރާސާކޮށް، އިއްޔެ ނަޝީދު ނެރުއްވި "ދެ ރަދުން" ފޮތުގައި ވެސް ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާ ބެހޭގޮތުން ލިޔުއްވާފައި ވެ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ފޮތުގައި ލިޔުއްވީ 1800-1900ގެ އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމާ ބެހޭ ގޮތުންނެވެ. އެތައް ސަތޭކަ އަހަރެއްވީއިރު ވެސް އެ ގުޅުން ވަރަށް ވަރުގަދަވެފައިވާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.
އެ މަނިކުފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދެ ގައުމުގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.