ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔައުގޫބްގެ ނަން އިއްވީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބަހުސް ހިނގަމުން ދަނިކޮށެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވުމުން ޔައުގޫބް ގެންދެވީ އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަ ކުރައްވަމުންނެވެ.

އެހެންވެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވުމަށް ފަހު ޔައުގޫބްގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަންގަވައިފަ އެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މައްސަލާގެ ބަހުސްގައި އެމްޑީޕީގެ ނަޝީދު ފެކްޝަން މެންބަރުން އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

އަދި އެކަމާ ހިތްހަމަޖެހިވަޑައިނުގެން ސަރުކާރު މެންބަރުން ތަކުރާރުކޮށް ނިޒާމީ މައްސަލަ ނެންގެވި ނަމަވެސް ބަހުސަށް ހުރަސް އަޅަން ނަޝީދު ފުރުސަތެއް ނުދެއްވަ އެވެ.