ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ބަދަލުވި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް ހުއްޓާލަން ސަރުކާރުން އަންގައިފި އެވެ.

ސައުދުﷲ ގެ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެ މަޝްރޫއުތައް ހުއްޓާލަން އެންގުމަކީ، އެ ކުންފުނިން ބުނި ގޮތުގައި، މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހުމެވެ.

ސްވިފްޓް އިންޖިނިއަރިންގެ ޑިރެކްޓަރު މުހައްމަދު ޒުބައިރު މިއަދު ވިދާޅުވީ ސަރުކާރުން ހުއްޓާލަން އެންގި މަޝްރޫއުތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ކުރިމަތިކުރި ފިއްތުންތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މަޝްރޫއުތައް ހުއްޓާލަންވީ އެއްވެސް ސަބަބެއް ސަރުކާރުން އަންގާފައެއް ނެތް. އެހެންވީމަ މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ދެވޭނެ ގެއްލުމެއް،" ޒުބައިރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ސައުދުﷲ އަށް ގުޅާލުމުން ވިދާޅުވީ ޕްރޮޖެކްޓްތައް ހުއްޓުވާލަން ސަރުކާރުން އެންގި މައްސަލާގައި މީޑިއާއާ އެއްވެސް އެއްޗެއް ހާމަކުރައްވަން ބޭނުންނުވާ ކަމަށެވެ.

ސައުދުﷲ ވާހަކަ ދައްކަވަނީ: ކުންފުނިން ބުނަނީ މަޝްރޫއުތައް ހުއްޓުވުމުގައި ސިޔާސީ މަގުސަދު އޮތް ކަމަށް - ފޮޓޯ: ނިޝާން އަލީ/ މިހާރު
ސައުދުﷲ ވާހަކަ ދައްކަވަނީ: ކުންފުނިން ބުނަނީ މަޝްރޫއުތައް ހުއްޓުވުމުގައި ސިޔާސީ މަގުސަދު އޮތް ކަމަށް - ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުން ހުއްޓާލަން އެންގި ޕްރޮޖެކްޓްތައް:

- ޅ.ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުން

- ޅ. ނައިފަރުގައިި ސްކޫލް އިމާރާތެއް އެޅުން

- ފ. ނިލަންދޫގައި ސްކޫލް އިމާރާތެއް އެޅުން

- ލ. މާވަށުގައި ސްކޫލް އިމާރާތެއް އެޅުން

- ދ. ކުޑަހުވަދޫގައި ސްކޫލް އިމާރާތެއް އެޅުން

- ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އެޅުން

ޒުބައިރު ވިދާޅުވީ ހަ ޕްރޮޖެކްޓް ހުއްޓާލަން އެންގީ، މަސައްކަތަށް ބޭނުންވާ މީހުން ރާއްޖެ ގެނެސްފައިވަނިކޮށް ކަމަށެވެ. އެހެންވެ އެމީހުންނަށް މުސާރަ އާއި ކެއުމާއި މެޑިކަލް އާއި އެކޮމޮޑޭޝަނާއި އިދާރީ ގޮތުން އެތައް ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބައެއް ތަކެތި ގެންނަން ލެޓާ އޮފް ކްރެޑިޓް ހުޅުވައި، ބައެއް ތަކެތި ގެންނަން ޓެލެކްސް ޓްރާންސްފާ ހަދާފައި ހުންނާނީ،" ޒުބައިރު ވިދާޅުވި އެވެ.

"ބައެއް ތަކެތި ކުއްޔަށް ގެނެސްފައި ހުންނާނީ. އެ ތަކެއްޗަށް ވެސް ހަރަދުތައް ހިނގާނެ."

ސްވިފްޓް އިންޖިނިއަރިންގައި ސައުދުﷲ އާ އެކު ހަތަރު ހިއްސާދާރުން ތިއްބަވާއިރު، ކޮންމެ ބޭފުޅަކަށް ވެސް 25 ޕަސަންޓު ހިއްސާ އޮވެ އެވެ. އެހެންވެ، ޒުބައިރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހުއްޓާލާފައި އޮތުމަކީ އެހެން ހިއްސާދާރުންނަށް ވެސް ލިބޭނެ ގެއްލުމެކެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެހެން ދާއިރާއެއްގައި ވިޔަފާރި ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމް ދެ ބައިވެ، ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަކާއި މައުމޫންގެ ފެކްޝަނެއް އުފެދިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީޕީއެމް ބައެއް މެމްބަރުން ވެސް ދެ ބަޔަކަށް ބެހުނެވެ. އެ ގޮތުން މައުމޫންގެ ފެކްޝަނާ މަޖިލީހުގެ މެމްބަރުންތަކެއް ގުޅުމަށް އޮކްޓޯބަރު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

ނަމަވެސް އޭނާ މިހާރު ހުންނެވީ ކޮން ފަޅިއެއްގައި ކަމެއް މީޑިއާގައި ހިއްސާ ކުރައްވާފައެއް ނުވެ އެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ވާހަކަ ވެސް ނުދައްކަވަ އެވެ.