ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި ރައްޔިތުން ތިބީ މި ވެރިކަން ބަދަލުކުރުމަށް ވޯޓު ފޮއްޓާ ހަމައަށް ނުދެވިފައި ކަމަށް ޕީޕީއެމްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައިފަ އެވެ.
ކުރިއަށް އޮތް ދެ އަހަރުގައި އަމާޒު ހިފާފައި އޮތީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ރޭ ވިދާޅުވިޔަސް ހަގީގަތަކީ މިހާރު ހުރިހާ ވެސް އަމާޒަކީ ރިޔާސީ އިންތިހާބު ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ހޭލަ އެވެ. މި ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދާ "އަނިޔާ" އާއި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަން ގާތުން ތަޖުރިބާކޮށް، "ދިރާސާކުރަމުންދާ" ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން މި ބުނަނީ ވޯޓަށް ވަޑައިގަންނަވާށޭ، ބޮޑުތަނުން އިބްރާހީމް މުހައްމަދު ސޯލިހަށް ތިމަންނަމެން މިތިބީ ޖަވާބު ދޭން ތައްޔާރަށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ކަމެއް އޮތް ނަމަ އެންގެވުމަށް ރައީސް ވިދާޅުވި ވާހަކަފުޅާ ގުޅިގެން އަދުރޭ ވިދާޅުވީ ގައުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.
ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅައި މިނިވަންކަމަށް ބުރޫ އަރާ ފަދަ ކަންކަން ހުއްޓާލުމާއި ސަރުކާރުގެ ތެެރެއިން ކުރާ ވައްކަންތައް ހުއްޓައި އިސްލާހުތައް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.