އައްޑޫގައި މީދޫގައި ހުންނަ ސ.އަތޮޅު މަދަރުސާގެ އިންޑިއާ ޓީޗަރަކު އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ދަރިވަރުންނަށް ކިޔައިދިން މައްސަލައެއްގައި އޭނާ ސަސްޕެންޑުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ ދީނާ ހިލާފު ވާހަކަ ދެއްކި މައްސަލައިގައި އެ ޓީޗަރު މަސައްކަތުން އެކަހެރިކޮށް، ގޭގައި މަޑުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ދެން އަމަލުކުރާނެ ގޮތެއް އެނގޭނީ މައްސަލަ ބަލާ ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިދޭސީ ޓީޗަރެއް ވީމަ ޓާމިނޭޓުކޮށްފައި ގައުމަށް ފޮނުވާލަންޖެހެންޏާ އެކަން ކަނޑައަޅާނީ މިނިސްޓްރީން މައްސަލަ ބަލާ ނިމުނީމާ،" އަހުމަދު އަލީ ވިދާޅުވި އެވެ.
އެ ޓީޗަރު ވަނީ މާތްﷲ ވޮޑިގެންވާކަން ސާބިތުކޮށްދިނުމަށާއި ގުރުއާނަކީ ވެސް އިންސާނުން އަމިއްލައަށް ލިޔެފައިވާ ހިޔާލީ ވާހަކަތަކެއް ކަަމަށް ދަރިވަރުން ގާތު ބުނެފައިވާ ކަމަށްވެ އެވެ.