26 ނޮވެމްބަރ 2021 - 06:39
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ އަސްލު މައްސަލައިގެ ފަހަތުން ސީރިއަސްކަމާ އެކު ނޫޅެ، މިހާރު ފެންނަނީ ކުދިކުދި މައްސަލަތަކުގެ ފަހަތުން އުޅޭތަން ކަމަށް ވިދާޅުވެ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު އިއްޔެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތް ހިންގި މީހުން ދެނެގަނެ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށް ހާއްސަކޮށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާ އިރު، ހިޔާނާތުގެ މައްސަލަތައް ބަަލަމުން އަންނަނީ ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.
މި ސަރުކާރަށް ތިން އަހަރުވި އިރު ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވެ އެވެ. އެކަމަކު ހިޔާނާތުން މަންފާވި މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް ބައެއް މީހުންގެ މައްޗަށް އަންނަނީ ދައުވާ އުފުލަމުންނެވެ. ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުކުރި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް މިދިޔަ ބުދަ ދުވަހު ވަނީ 33،000 ޑޮލަރުގެ މައްސަލައިގައި ރިޝްވަތުގެ ދައުވާ އުފުލައިފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ވާހަކަ ދައްކަވަމުން ކުރީގެ ޕީޖީ މުއިއްޒު "މިހާރު" އަށް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އޭގެއިން ފައިދާ ހޯދުން ކަމަށެވެ. ތަހުގީގުގެ މިސްރާބުން މިހާރު ފެންނަނީ، އެ ހިޔާނާތުން އެކި ވަރަށް ފައިދާވި މީހުންގެ މައްސަލަ މާބޮޑު ކަމަކަށް ހަދައިގެން އުޅޭ ތަން ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ހިޔާނާތުގެ ތެރޭގައި 54 ރަށެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. އޭގެއިން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑްރިން ހިންގައި ބޭނުންކުރީ ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓާށެވެ.
މިގޮތަށް ދޫކުރި ރަށްތަކުގެ ތެރެއިން ރިސޯޓް ތަރައްގީކޮށް، ދައުލަތަށް އޭގެއިން ފައިދާ ވަނީ މަދު ރަށަކުންނެވެ. އަނެއް ބައި ރަށްތައް ތަރައްގީކުރަމުން އަންނައިރު، އަތް ނުލައި ހުރި ރަށްތައް ވެސް އެބަހުއްޓެވެ.
"ރަށްތައް ނަހަމަ ގޮތުގައި ދިން މައްސަލައިގެ މަތިން ހަނދާން ނެތި ރަށްތައް ދޫކޮށްލައިގެން ކުދިކުދިކޮށް ލާރި ލިބުން މީހުންގެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ހަދައިގެން އުޅޭ ތަން މިހާރު ފެންނަނީ. އަޅުގަނޑު އެއްގޮތަކަށް ވެސް ނުދަންނަވަން އެއީ [މަންފާވި މައްސަލަތައް ބެލުމަކީ ވެސް] ކުޑަ މައްސަލައެކޭ. އެކަމަކު އަސްލު މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ހުރި ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބުނު ގެއްލުން އިޔާދަކުރަން ނުވަތަ ގެއްލުނު ފައިސާ ހޯދަން ދޭން ޖެހޭ ސަމާލުކަން ވެސް އެކަށީގެންވާ ގޮތެއްގައި ދޭ ތަނެއް ނުފެނެ އެވެ. އެމްއެމްޕީއާރުސީ ނޫނަސް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކުރީގެ ސަރުކާރުގައި ހިންގާފައިވާ ބޮޑެތި ހިޔާނާތްތައް ބެލުމުގައި ވެސް މާބޮޑު ކުރިއެރުމެއް ލިބޭ ތަނެއް ނުފެންނަ ކަަމަށް ވިދާޅުވި އެވެ.
އެ މައްސަލަތައް ބަލަން ހަވާލުކުރީ އެސެޓް ރިކަވަރީ ކޮމިޝަނާ އެވެ. އެކަމަކު ކޮމިޝަނަށް އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލޭ ކަމުގެ ފާޑުކިއުން ބޮޑެވެ.
ހިޔާނާތުގެ މައްސަލަތައް ބަލަން އެސެޓް ރިކަވަރީ ކޮމިޝަނަށް ދޭންވާ ވަސީލަތްތަކާއި އެއްބާރުލުން އެކަށީގެންވާ މިންވަރަށް ދީފައިވޭތޯ ވެސް މުއިއްޒު ސުވާލު ކުރެއްވި އެވެ. އަދި މައްސަލަތައް ކޯޓަށް ސާބިތުކުރެވޭ ވަރަށް ހެކި ހޯދަން ޖެހޭ ކަން ފާހަގަކުރައްވައި، އެކުވެރި ގައުމުތަކާ އެކު އެއްބާރުލުން ދިނުމުގެ މުއާހަދާތައް ހެދިއްޖެތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"ކޯޓަށް ގަބޫލު ކުރެވޭ، ބަލައިގަންނަ ގޮތަކަށް އެބަ ހެކި ހޯދަން ޖެހޭ. އެކުވެރި ދައުލަތަކުން ބުނެފާނެ މި ފައިސާގެ ކަންކަމަކީ މިހެން ހިނގާފައި އޮތް ކަމެކޭ. އެކަމަކު އޭގެ މުހިއްމު ކަމަކީ ކޯޓަކަށް ހުށަހެޅޭ ގޮތަށް އެ ހެކި ހޯދުން. ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގާނޫނުގެ ދަށުން ދޭދޭ ގައުމުތަކުގެ މެދުގައި ނުވަތަ ކޮމަންވެލްތުގެ ގައުމުގެ ދަށުގައި އެގްރިމެންޓް ނުހެދެންޏާ، ކުރިއެރުމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ މި މައްސަލައިގައި މާބޮޑަށް މިފަދަ ކަންކަން ވެސް ކުރާ ތަނެއް."
މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީން ތަހުގީގު ކުރަން ޖެހޭ މައްސަލަތަކުގައި ކުރިއެރުން ނުލިބޭ ނަމަ އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން މުއައްސަސާތައް ގާނޫނާ އެއްގޮތަށް މަސައްކަތް ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އޭނާ ފާހަގަކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތު ބަޔާންކުރާ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ "ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން ހިންގުންތެރިކަމާ އެކު މަސައްކަތް ކުރޭތޯ ބެލުން" ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވައި ހިންގުމުގައި އިސްކޮށް އުޅުނު މީހުންގެ އަމިއްލަ އިއުތިރާފާއެކު ދައުވާ ވަނީ ސާބިތުވެފަ އެވެ. އެކަމަކު އެ މީހުން ތިބީ ގޭބަންދުގަ އެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒިޔަތު ހިމެނެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި، އިސްކޮށް އުޅުއްވި އަދީބާ އެކު ދައުލަތުން ހެދީ ޕްލީ ބާގެއިން އެއްބަސްވުމެކެވެ. އެއީ، ކުށަށް އިއުތިރާފްވުމާ އެކު ތަހުގީގަށް އެއްބާރުލުން ދިނުމުން، ބަދަލުގައި 20 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމެވެ.
މި އިއުތިރާފްގެ އެއްބަސްވުމާ އެކު ދައުލަތަށް ގެއްލުނު ފައިސާ އަދީބުގެ އަތުން ވެސް ނުލިބުމުގެ ކަންބޮޑުވުން އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
27 November 2021
ރައީސް ޔާމީނު ޖަލައްލަން ބޭނުންވަނީ، އެކަން ދެން ކުރެވިއްޖެތާ، ދެން ނިމުނީ ތާ
ޢަރުތަ
26 November 2021
ނޫޅެނޫޅެ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިސްވެރިޔާ، ސަރުކާރާއެކު ޑީލެއް ހައްދަވައިގެން ނޫންކަމެއްވެސް ނޭގެ ގޭގަ އެހުންވަނީ، ޖަލުހުކުމެއް ކުރީ، ހުކުން ތަންފީޒު ކުރައްވަނީ ގޭގަ، ދެންހުރި މީހާވެސް ހުކުމް ތަންފީޒުކުރަނީ އާއިލާއާއެކު ގޭގަ، އެހެންވީމަ ކޮންކަމެއް ބެލޭނީ، މިދައުރު މިހެން ތަޅުވަމުން ތަޅުވަމުން ގޮސް ވެރިކަމުގެ މިފަސް އަހަރު ނިމޭ ހިސާބުން ތިއެންމެން މިނިވަންވާނެ، ދައުލަތުން ގެއްލުނު ފައިސާއާ ޒިންމާވާނެ ފަރާތެއްވެސް ނުވާނެ........
މުހަންމާ ކަލޯ
26 November 2021
މިސަރުކާރަކީ ހުސްއަގަތެޅި ސަރުކާރެއް. ވަގުން ހައްޔަރުކޮށް ވައްކަންކުރި ހުރިހާ ފައިސާއެއް ސަރުކާރަށް ވައްދާނެކަމަށް ވައުދުވި. ވަގުން ހިފާ ވަގުންހޯދަން ދަންނަ އެމްޕީ ވެސް އުޅޭ، ހުރިހާއެންމެން އެ މަޅީގަ ޖެހިތާށިވެފަ. ދުވަހަކުވެސް ވޯޓެއް ނުދޭނަން.
ސްޕައި
26 November 2021
އެންމެ ގިނަ ފައިސާ ނެގި މީހާއެކު "އެއްބާރުލުން" ދޭން އެއްބަސްވުން ހަދާފައި، އެހެރީ ގޭގައި ބަހައްޓާފައި! ބައި މީހުން ވެއްޖިއްޔާ އެ ފައިސާ "މާރުކުރީ" ނޫ ނީ މަސައްކަތުގެ އުޖޫރަ! އެންމެ މަތީ މަގާމުގައި ހުރި މީހާވެސް ކަޅު ދަބަހެއްގައި އެތަށް މިލިއަން ޑޮލަރު ގެންދިޔަ ވާހަކަ ބުނި މީހާ އެތަށް ތުހުމަތެއްގައި ޝަރީއަތަށް މައްސަލަ ހުށައެޅިފައި ވާއިރުވެސް ރާއްޖެ ގެންނަން ޕޮލިހުންގެ މުއައްސަސާ ވަނީ ނުކުޅެފައި! އަދި ކޮބާ، ރެޑްނޯޓިސް ނެރޭކަށް ވެސް ނުކެރުނު! މި ހުރިހާ ކަމަކަށް ވުރެ އެންމެ ހެއްވާ ކަމަކީ، މި މައްސަލައިގާ މީހުން ޕްރޮސެކިޔުޓްކުރަން ހުރި މީހާއަކީ، މައްސަލައިގެ މުގުލުގެ ކުރީގެ ގާނޫނީ ވަކީލު! އޭނާއަށް ވަނީ ވަކީލުކަމުގެ "އުޖޫރަ"އިގެ ގޮތުގައި އެމްއެމްޕީއާރުސީގެ އެތަށް ލައްކަ ޑޮލަރު ދީފައި ކަމަށް ސީދާ ބްރޯގެ އަގައިން ބުނި! ވީމާ، މިމައްސަލަ މި ސަރުކާރަށް ރަނގަޅަށް ބަލަން ކެރުމަކީ މުސްތަހީލުކަމެއް!
ސްޓޯރީ
26 November 2021
މިވެރިކަމުގެ މީހުން ލިއެގެން އުޅޭ ވާހަކައިގަ ކަންކުރި މީހާ އެހުރީ ހުކުމް އިއްވާފަ ރައްޔިތުން ތަންކޮޅެއް އަޑުގަދަކޮށް ސިޔާސީ އިދިކޮޅު ލީޑަރު ޖަލުގަ ބަހައްޓަނީއޭ ކިޔާތީ ގޭބަންދަން ބަދަލުކޮށްފަ. އަސްލު ކަންކުރި މީހާއާއެކު އެއްބަސްވުމެއް ހަދާފަ އޮތީމަ އޭނަ އަތުން ފައިސާ އަތުލެވޭކަށް ނެތް. އޭނާއަށް އިތުރު ކަމެއްވެސް ކުރެވޭކަށް ނެތް ކުޅޭ ގޭމް އެނގިދާނެތީ. ދައުވާ ކުރެވެމުންދާނީ މައިގަނޑުކޮށް އެކަކުގެ މައްޗަށް ކަމަށް ވާހަކަ ލިއުނު މީހުން އޮތީ ލިއެފައި.
ދިއްދޫމީހާ
26 November 2021
ފަހަތުން ކީއްކުރަން، ކުރިމަތިންވެސް އުޅެވޭކަށްނެތް، ނިމިދިޔަ މަޖިލިސްގެ ހުރިހާ މެމްބަރުން ހުރީ ޑޮލަރު ގަނެ އަދި ޑޮލަރު މާރުކޮއްފާ، ބަޔަކު މީހުންތިބީ ކަޅުދަބަހުގާވެސް ޑޮލަރު މާރުކޮއްފާ، މިހާރުގެ ރައީސްގެ ހާލަތު އިންގޭނެ ދެންއަންނަ ދައުރުގާ އެމް.އެމް.ޕީ.އާރް.ސީގެ ލާރި ބޭނުންކޮއްފަ ހުރިވަރު…
ޙިނި
26 November 2021
ޢިބޫ ދައުރު ނިމެނީ ކިހާފައިސާއެއް އަންބުރާ ހޯދިއްޖެތޯ، ވަގުން އަތުން ކިތައް އެސެޓް ސަރުކާރައް އަތުލެވިއްޖެތޯ.
އިނި
26 November 2021
ވަގުން ނެގި ފައިސާއަށްވުރެ އެކަންކަން ބަލަން އުފެއްދި ކޮމިޝަންތަކަށް ހޭދަ ކުރެވުނު ފައިސާ މިހާރު މާ ގިނަވެދާނެ.
ހަސަނު
26 November 2021
ބޮޑު ވައްކަމުގެ ތަހުގީގު އަދި މިފެންނަނީ ސިޔާސީ ބަރާ ނުފޫޒު ވަރުގަދަކުރަން ކުރާ މަސައްކަތެއްގެ ގޮތުގަ.. ވަކި ބަޔަކު ވިއްޔާ ތަހުގީގުވެސް ނުހިނގަ..
ވަހީދު
26 November 2021
މިޔޮއްތީ ބުޅާ ގޯނިން ބޭރުވެފަ. މައުމޫނުގެ މަހުލޫފުވަަހަކަ ހަމަދައްކާއިރަށް މައުމޫނުގެ ލޯޔަރު މުއިޒް އަކަށް މަޑަކުން ނުހުރެވުނު.
ހިސާން
26 November 2021
އައްސަދު އާ ސިއުނާއާ ސަކީލާ އަސްރަފަށް މިކަމެއް ނުވި. އިސްތިއުފާދީ. ހުރިހާ ހަޑި ނަމެއް ލިބެނީ އެމްޑީޕީއަށް