ބަންގްލަދޭޝްމީހުން ދިރިއުޅޭ ގެސްޓްހައުސްއެއްގެ ތެރެއިން ކެނަބިސް ފެނުނު މައްސަލައެއްގައި އެ ކޮޓަރީގައި އުޅޭ ބަންގްލާދޭޝް ދެ މީހުންގެ މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ދައުވާ، އެ މީހުންގެ ކޮޓަރިއަށް އެހެން މީހުން ނުވަންނަކަން ސާބިތުކޮށްނުދެވުމުން ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައިވާ ގޮތުން، ބަންގްލަދޭޝްގެ ދެމީހުން ކަމަށްވާ ސޮހެލް ޗޮކެންދަރާއި ދިލާވަރު ހޮސައިންގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލީ އެ ދެ މީހުން ދިރިއުޅުނު ގޭގެ ގްރައުންޑް ފްލޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިގެން، އެތަން ފާސްކުރި އިރު އެތަނުން ގިނަ އަދަދެއްގެ ކެނަބިސް ފެނިގެންނެވެ.
އެ ދައުވާއަށް އިންކާރުކުރަމުން ސޮހެލް ޗޮކެންދަރު ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނުތަނަކީ ތަޅުލާފައި ހުރި ތަނެއް ނޫނެވެ. އޭނާ އާއި ދިލާވަރު ހޮސައިންގެ ކޮޓަރިއަކީ ވެސް ތަޅުލާފައި ހުރި ތަނެއް ނޫން ކަމަށާއި އެތަންތަނަށް އެހެން އެތައް ބަޔަކު ވަންނަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެ ދެމީހުންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައިވާ ގޮތުން، ދެ މީހުން ވެސް ބުނީ ފުލުހުން ހޯދި މަސްތުވާތަކެއްޗާ އަދި އެހެން އެއްޗިއްސާ ވެސް އެ މީހުންނާ ގުޅުމެއް ނެތް ކަމަށެވެ.
މީހުން ދިރިއުޅޭ ތަނެއްގެ ތެރެއިން ހޯދާ، މަސްތުވާތަކެއްޗަކީ، ދައުވާ ރައްދުވާ މީހާގެ އެއްޗެއް ނޫން ކަމަށް ބުނެ، އިންކާރުކުރާ ހާލަތުގައި، އެއީ އެ މީހާގެ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުންނެވެ.
ހުކުމުގައި ބުނެފައިވަނީ ފެނުނު ޑްރަގަކީ، ސޮހެލް ޗޮކިންދަރާއި ދިލާވަރު ހޮސައިންގެ އެއްޗިހި ނޫންކަ ކަމަށް ބުނެ އުފެއްދި ޝައްކު ފިލައިދާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ނުވާ ކަމަށެވެ.
"...ދައުލަތުގެ ފަރާތުން މައްސަލަ ސާބިތުކުރުމުގެ ގޮތުން ހުށަހަޅާފައިވާ، ހެކިގަރީނާތަކަށް ބަލާއިރު، މި މައްސަލައިގައި ސޮހެލް ޗޮކިދަރާއި ދެލާވަރު ހޮސައިންގެ ފަރާތުން އުފައްދާފައިވާ ޝައްކުތައް ފިލައިދާ މިންވަރަށް، ދައުލަތުން ހެކިހުށަހަޅާފައި ނުވާތީ، މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވުނު ކުށް މި ދެ މީހުން ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ދައުލަތަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައިވާކަން [އެނގޭކަށް ނެތެވެ]،" ހުކުމުގައިވެ އެވެ.
މިގޮތަށް ނިންމުމުގައި ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާއަކާ ވެސް ހަވާލާދީފައިވެ އެވެ.
ދައުވާ ލިބުނު މީހުން ވަކީލުންގެ އެހީގައި ދިފާއުވެ ބުނެފައިވަނީ ޑްރަގްސް ފެނުނު ފްލޯގައި އުޅެނީ އެ ދެ މީހުން ނޫންކަމާއި އެތަން ކޮންޓްރޯލްކުރަނީ ވެސް އެ މީހުން ނޫންކަން ސާބިތުކުރަން ހެކި ހުށަހަަޅައިފަ އެވެ.