ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގެއް: ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭ ބަދަލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
16 ޑިސެމްބަރ 2021 - 17:42
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭ ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހުޅުމާލެ ބެލެހެއްޓުމާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުގައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، އެ ކައުންސިލްގެ ދަށަށް ގެންދަން ނިންމި މައްސަލަ އެޗްޑީސީން ކުރިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ކޯޓުން އެ މައްސަލަ ނިމެންދެން ކައުންސިލްގެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެޗްޑީސީން އޮތީ ކޯޓުގައި އެދިފަ އެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށް ވާއިރު، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީއަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ އެކަން ހުއްޓުވަން ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން އެއީ ހުއްދަ ނެތި ބާއްވާ ޖަލްސާއެއް ކަމަށްވާތީ އެކަން އެޗްޑީސީން ހުއްޓުވުމުންނެވެ. ކައުންސިލްގެ ނިންމުމަށް އަމަލުނުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ވެސް ކުރިން އޮތީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރ
16 December 2021
މޭޔަރުމެންނަކީ ކުރިންވެސް ގާނޫނެއް ޤަވައިދެއް ބަލައިގެން ކަންކަން ކުރި ބައެއްނޫން. ބާރު އޮތީމަ ހިތުހުރި ގޮތެއް
ވސނ
16 December 2021
މީނަގެ ޢަމަލުތައްހުރިގޮތުން މަޖިލީހުން މީނައާއި ސުވާލުކޮށް ފިތުނަވެރިނޫންގޮތަކަށް މަސައްކަތްކުރަން އަންގަންއެބަޖެހޭ. ނުކިޔަމަންތެރިވާނަމަ، މަޤާމުން ދުރުކުރަންވެސް އެބަޖެހޭ. މީނަ ކަންކުރާގޮތުން އުފެދެނީ ފިތުނަ.
ޝީޕް
16 December 2021
އަމިއްލަ ޕާރޓީ ގެ ޖަލްސާ އެއް ބާއްވަން ހުއްދަ ނުހޯދާކަމަށް ބުނުމާއެކު ދެން އެހެންގޮތެއް ނެތޭ ބުނެ ރަޖިސްޓްރީ ބާތިލު ކޮށްލި ކޮށްލުމަކީ ވޭކްއަޕް ކޯލެއް ކަން ކަށަވަރު. ކޮންމެފަދަ ޑެމޭޖެއް ވެސް މި ނުމޮށޭ ގުރަ ދީފާނެ.
އުދުހޭ
16 December 2021
ކޯޓުގައި އޮތް މައްސަލައެއް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެލްޖީއޭއިން ގޮތެއް ނިންމުން މިއީ ގާނޫނާ ޚިލާފު އަމަލެއްނޫންތަ؟ ހަމަ އަހާލީ.
ސަންޕަ އިބުރާހިންފުޅު
16 December 2021
މޭޔަރުގެ ބޮލަށް ވަރަށް އަވަސް ފުރުސަތެއްގާ ބޭސްނުކުރެވެއްޖެނަމަ ގައުމަށް ނުހަނުބޮޑު ގެއްލުންވެދާނެކަމަށް މަށަށް އެބަހީވޭ.
ކޮރަލް
16 December 2021
ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް، މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭ ބަދަލުކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ދެން މައްސަލަ ހައި ކޯޓް އަށް ވެސް ހުށަ ހެޅި ދާނެ އެވެ.
އަލިކޮއި
16 December 2021
ލޮލް. މުއިއްޒުބްރޯ އަށް ބޮޅެއް. މިއަށްކިޔަނީ މުއިއްޒުވުން. ދެންވެސް ކުކުޅަށްވުރެ ބިސް ދޮށިނުވެ ހުރެވޭތޯ ތިޔާ ކައުންސިލުން ފާސްކުރިއްޔާ މާތާހިރުވާނެ. ވ. ސަލާން.
އަސް
16 December 2021
ކޮބާ މުއީޒް ކިހިނެއް މިވީ، އިހައްދުވަހު ކޯޓް ރަގަޅުވި މިފަހަރު ގޯސްވާނެ.
ގައްޒާފީ
16 December 2021
މުއިއްޒު ތިގޮތަށް ސައިޒެއް ނުކުރެވޭނެ. އެއީ ވަށަފަރު މީހެއް.
މުއަމަރަލް
16 December 2021
އެހެންވެ ދޯ ތަކުރާރު ކުރަނީ
ކުޑޭގެ ކޮއްޔަ
16 December 2021
ސިޓީ ކައުންސިލް އުވާލަން ކޯޓަށް ހުށަހަޅަން ފެނޭ. ކޮން ލާމަރުކަޒީ އެއްތަ؟ މިވަރުން ދަންޏާ މިމީހުން ބުނެފާނެ ކައިރީގަ ހުރި ރިސޯޓު ތަކަކީ ވެސް ތިމަންނަ މެންގެ އިހުތިސޯސް އޭ މީގެ ފަހުން ޓޫރިސްޓުން ބުކިން ހައްދަޖެހޭނީ ސިޓީ ކައުންސިލުންނޭ...
މާލެ ރެފިއުޖީ
18 December 2021
ކޮން އެޗްޑީސީއެއްތައް؟ ކިތައްމެ ރުޅިއަޔަސް ހުޅުމާލެއަކީ މާލޭގެއަވަށެއް. ކުންފުންޏެއްގެ ދަށުގަ އޮންނާކަށް ނުޖެހޭ.