އިންތިހާބުގެ "އޮޅުންބޮޅުން" ފިލުވައި އިންސާފު ހޯދައިދޭން ޖެހޭ: ޖޭޕީ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިކޮށްފައިވާ "އޮޅުންބޮޅުން" ފިލުވައި އެތައް ބައެއްގެ ގެއްލިގެންދާ ހައްގަށް އިންސާފު ހޯދައިދޭން ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު "މިހާރު" އަށް ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭނުންވެގެން އިންތިހާބު ހުއްޓުވާލާފައިވާއިރު، ކުރިން ވެސް ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން އަންނަ ކަމަށެވެ. އެކަމަކު ސިވިލް ކޯޓުގެ ހުކުމެއް އޮއްވައި އިލެކްޝަނުން އެކަން ކުރާނެ ގޮތެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނުއަރީ 14 ގައި ބާއްވަން ނިންމި އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެތައް ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ އެ މައްސަލާގައި ގޮތް ނިންމުން ލަސްވަމުން ދާތީ ވެސް ޖުމްހޫރީ ޕާޓީން ކަންބޮޑުވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭއްވެވި މަޝްވަރާ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަދުލު އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އިންތިހާބުގައި ވާދަކުރާ މީހުންނާއި ވޯޓުލާން ތައްޔާރަށް ތިބި އެތައް ބައެއްގެ ހައްގު ގެއްލިގެންދާ ދިއުމަކީ،" ސަމީރު ވިދާޅުވި އެވެ.

"އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަނުން ބުނާއިރު، ސިވިލް ކޯޓުގެ ހުކުމާ މެދު އަދި ގޮތެއް ނުނިމޭ. އެހެންވީމަ މިއީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއް. މިކަމަށް ހައްލެއް ހޯދައިދޭން ޖެހޭ."

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެތައް ބަޔަކު ޗުއްޓީ ނަގައިގެން ތިބިއިރު ކަނޑައެޅި ތާރީހަށް އިންތިހާބު ނުބޭއްވުމަކީ އެ ކެންޑިޑޭޓުންގެ ވަގުތާއި މާލީ ހާލަތަށް ބަލާއިރު ވެސް ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

އަދުލު އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އިންތިހާބުގައި ވާދަކުރާ މީހުންނާއި ވޯޓުލާން ތައްޔާރަށް ތިބި އެތައް ބައެއްގެ ހައްގު ގެއްލިގެންދާ ދިއުމަކީ. --ސަމީރު

ހުކުމެއް އޮތް ނަމަވެސް އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަނުން ބުނެފައިވާއިރު އިންތިހާބުގެ ތައްޔާރީތައް ހަރުދަނާކޮށް އެ ކޮމިޝަނުން ކުރިއަށް ގެންދާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަލީ މިއަދު ވެސް ވިދާޅުވީ ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް އެ ކޯޓުން އަދި އެ މައްސަލަ ބަލާކަށް ނުފަށަ އެވެ. މި ދުވަސްވަރު ހައި ކޯޓް ވެސް ވަނީ ރިސެސް އަށް ގޮސްފަ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ގާނޫނުގައި ލާޒިމްކުރާ މުއްދަތަށް ވުރެ ފަހުން އިންތިހާބު ބާއްވަން އަންގައި، ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ފެބްރުއަރީ މަހު ހަމަވިޔަސް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން އެ ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ އެވެ. ކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.