އިންތިހާބުގެ ތާރީހު އިއުލާން ކުރުން ލަސްކުރާތީ ޕާޓީތަކުން ކަންބޮޑުވެއްޖެ

އަންނަ މަހުގެ 14 ގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފްގެ މައްސަލަ އަނބުރާ ނެގުމަށް ފަހު ވެސް އިންތިހާބުގެ ތާރީހް އިއުލާން ކުރުން އިލެކްޝަންސް ކޮމިޝަނުން ލަސްކުރަމުން ދާތީ ޕާޓީތަކުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.


އިންތިހާބުގެ އިސްތިއުނާފް މައްސަލަ މިދިޔަ ހަފުތާގައި އަނބުރައި ނެގީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވާނެ އާ ތާރީޚެއް އިއުލާންކުރަން، އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީން ލަފާ ދީފައިވާތީ އެވެ.

ޕާޓީތަކުން މިއަދު ބުނީ އިންތިހާބު ލަސްކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުޅޭ "ގޭމެއް" ކަމަށެވެ. އެކަން ސާފުވަނީ، އިންތިހާބުގެ އިސްތިއުނާފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުން ކަމަށް ވެސް ޕާޓީތަކުން ބުންޏެވެ.

"އަޅުގަނޑުމެން އިލެކްޝަނުގައި އެދިފައި ވާނީ އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހެއް އިއުލާންކޮށްދޭށޭ. އިންތިހާބު ލަސްވާ ކޮންމެ ދުވަހަކީ ވެސް އެތައް ބައެއްގެ ހައްގަށް އަރައިގަނެވޭނެ ދުވަހެއް،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި އެވެ.

"ހަގީގަތަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ދައުރު، ޒިންމާދާރުކަމާ އެކު އެންމެ ފުރިހަމަ އަށް އަދާނުކުރެވި ދިޔަ މަންޒަރު މި ފެނިގެން ގޮސްފައި ވަނީ. އެކަމާ އަޅުގަނޑުމެން ހިތާމަކުރަން."

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހަދަން އުޅޭ ގޮތެއް ސާފު ނުވާ ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމުގައިވާ ބައެއް ކަންކަން ސާފުނުވާ ކަމަށް ބުނެ، އިންތިހާބަށް އާ ގައިޑްލައިނެއް ސެޓްކުރަން އުޅޭ ކަމަށް ވެސް ނިޔާޒު ތުހުމަތުކުރެއްވި އެވެ.

"އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޓީމާ ވާހަކަ ދައްކައިގެން އިންތިހާބުގެ ތާރީހެއް އިއުލާން ކުރެވޭނެ. ތާރީހު އިއުލާން ކުރާކަށް ސިވިލް ކޯޓުގެ އަމުރުގައި ހުރަހެއް ނެތް،" ނިޔާޒް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް ވިދާޅުވީ ދެ މަހަށް އިންތިހާބު ފަސްކޮށްފައިވާއިރު، އަންނަ މާޗް މަހުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވޭނެ ކަމާ މެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ. އިންތިހާބު އަލުން އިއުލާންކުރުމުގެ ބަދަލުގައި އަދާލަތު ޕާޓީން އެދިފައި ވާނީ އިންތިހާބު އެންމެ އަވަހަށް ބާއްވާނެ ތާރީހެއް ވީހާވެސް އަވަހަކަށް އިއުލާންކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދުނީ އަލުން އިއުލާން ކުރާކަށް ނޫން. ވީހާވެސް އަވަހަށް ތާރީހް އިއުލާންކުރުން. އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ބައެއް ކަންކަމަށް މުއްދަތުތަކެއް ދީފައިވާއިރު ދެކޮޅު ނުޖެހޭ ކަންތައްތަކެއް އެބަހުރި،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގެ ތާރީހް އިއުލާންކުރުން ލަސްވާ ސަބަބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ "މިހާރު" އިން ސުވާލުކުރުމުން މެމްބަރަކު އެދިވަޑައިގަތީ، ބޭނުންވާ މައުލޫމާތު ހޯދުމަށް ލިޔުމުން ސުވާލުތައް ފޮނުވުމަށެވެ. ސުވާލުތައް ލިޔުމުން އިއްޔެ ފޮނުވުމުން ވެސް އެ ކޮމިޝަނުގެ ޖަވާބެއް އަދި ނުލިބެ އެވެ.

އިންތިހާބު ދެ މަހަށް ސިވިލް ކޯޓުން ފަސްކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.