ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް ބީލަމުގެ އުސޫލުން މިއަދު ހުޅުވާލައިފި އެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި، ބީލަމަށް އެދޭ ފޯމު ވިއްކާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ 31 ގެ ނިޔަލަށް [email protected] އަށް މެއިލް ކުރާ މީހުންނަށެވެ. އަންނަ ފެބްރުއަރީ ތިން ވަނަ ދުވަހުގެ ހަވީރު 3:30 ގެ ކުރިން އެ މެއިލް މެދުވެރިކޮށް، އެކަމުގެ މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ނުވަތަ ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 9 ގަ އެވެ. އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ އެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ.
ބީލަށް ހުށަހެޅުމަށް ނަމްބަރު ދޫކުރާއިރު ބީލަން ފޯމު ހުށަހަޅަން ޖެހޭ ތަނުގެ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 320،000ރ. އެވެ.
އެޗްޑީސީން ބުނީ ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާން ކުރާނެ ކަމަށެވެ.
ބިން ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބޮޑު އާބާދީއަކަށް އަމާޒު ކޮށްފައިވާ އެ ތަނުގައި ސޯޝަލް ހައުސިން އަށް 6،720 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި މި ފަހަރު ބިން ވިއްކުމަށް ހުޅުވާލާއިރު މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހުންނަށް އެ ފުރުސަތެއް ނުލިބޭނެ އެވެ. މި ފަހަރު ބިން ވިއްކާނީ މުޅިން އަލަށް ބިން ގަންނަ މީހުންނަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ. ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން ހުޅުވައިލި އެވެ. އެކަމަކު މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފޭސް އިން "މުއްސަނދިންނަށް" ބިން ވިއްކުން އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.