ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ކުރިން ނުފޫޒު, މިފަހަރު ނަތީޖާ ނުނެރެވި ގާނޫނީ ހުސްކަމަކަށް!

އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށްް މައުލޫމާތު ދެއްވަނީ. ފޮޓޯ: މަޖިލިސް

ކުރީގެ ސަރުކާރުގައި މިނިވަންކަމާ އެކު ހިޔާނާތް ބަލާނެ ކަމުގެ އިތުބާރެއް ކުރީގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނެތެވެ. އެކަމަކު މި ސަރުކާރުގައި އައްޔަންކުރި މެމްބަރުން ސްޓޭންޑެއްގައި ހިފެހެއްޓެވި އެވެ. ނުފޫޒެއް ނުފޯރުވޭނެ އެވެ.

އެއްވެސް މައްސަލައެއް ނުފޫޒުން ނިންމި ކަމުގެ ތުހުމަތެއް އެ މެމްބަރުންނަކަށް ނެތެވެ. މުއައްސަސާގެ ގެއްލުނު އިތުބާރު ދެ އަހަރާއި ބައިގެ ތެރޭގައި އަލުން ހޯދި އެވެ. އެކަމަކު މައްސަލައަކަށް މިވީ ނުފޫޒަށް ނުގުޑާނެ ކަމަށް ދިން ޔަގީން ކަމާ އެކު ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އަވަހަށް ބަލައި ފިޔަވަޅު އެޅުން ލަސްވުމެވެ. އެ މެމްބަރުންނަށް ވާރުތަވި ގިނަ މައްސަލައާ އެކު އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުނެރެވުމެވެ.

މަޖިލީހުގައި އޮންނަ ޖަވާބުދާރީކުރުވުމުގެ ނިޒާމުގެ ތެރެއިން އޭސީސީގެ މެމްބަރުންނަށް ވުރެން ގިނައިން ކޮމިޓީއަށް ހާޒިރުކުރި ބަޔަކު ނެތެވެ. އެ މެމްބަރުންނަށް ކޮމިޓީގައި ބައެއް ފަހަރު ސުވާލުގެ ގޮތުގައި އިހްތިރާމެއް ނެތި ފާޑުކިއުން ވެސް އަމާޒުކުރި އެވެ.

އެންމެ ފަހުން ކޮމިޓީގެ ނިންމުމަކަށް ވީ މެމްބަރުން ވަކި ކުރުމެވެ. އެ ނިންމުން އެ ގޮތަށް ބުރަވި ސަބަބުތަކެއް އެބަހުއްޓެވެ. ދެ އަހަރުވި އިރު ނިސްބަތުން މަދު މައްސަލަތަކެއްގެ ތަހުގީގު ނިމުމެވެ. އޮޑިޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ހެދި ޕާފޯމަންސް އޮޑިޓުގައި ވެސް ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު އޭސީސީއަށް މައްސަލަތައް ނުބެލި ގިނަވެފައި ހުރި ކަމަށް އޮތުމަކީ ކޮމިޓީއަށް ލިބުނު ބާރެކެވެ.

އޭސީސީގެ މެމްބަރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ޖަވާބުދާރީވަނީ.---ފޮޓޯ: މަޖިލިސް

ތަހުގީގު ލަސްވުމުގައި އެ އޮޑިޓުން ފެންނަން އޮތީ ފަހުން އެކުލަވާލި ކޮމިޝަންގެ އިހުމާލު އެކަނި ނޫން ކަމަށް ބުނާ ވާހަކައަށް ރިއާޔަތްކުރަން ކޮމިޓީން ބޭނުމެއް ނުވި އެވެ. ސަބަބަކަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެއްކީ ކަންކަން ރަނގަޅު ކުރަން މި ކޮމިޝަނަށް ވަގުތު ދެވިފައި ވުމެވެ. އެކި ފަހަރު މަތިން ހާޒިރުކުރުމުން ޓައިމްލައިންތަކެއް ހަދައި މައްސަލަތައް އަވަސްކުރާނެ ކަމަށް ދިން ޔަގީންކަމަށް ވާސިލް ނުވެވުނު ކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޭސީސީއަށް ހުރި ގޮންޖެހުންތައް ވެސް އެއްފަރާތްކޮށް ކޮމިޓީގެ ނިންމުމަކަށް ވީ މެމްބަރުން ވަކިކުރަން ތަޅުމަށް ފޮނުވުމެވެ. އޭގެ ކުރިން ފަސް މެމްބަރުން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ ކޮމިޝަން މިހާރު އޮތީ މެމްބަރުން ނެތި ގާނޫނީ ހުސްކަމެއްގަ އެވެ. މި މުއްދަތުގައި ތަހުގީގަށް މީހަކު ހާޒިރުވާން އަމުރެއް ނުވަތަ ސިޓީއެއް ފޮނުވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ. އިދާރީ ކަންކަން ފިޔަވައި ތަހުގީގުތަކާ ގުޅޭ މާބޮޑު މަސައްކަތެއް އާ މެމްބަރުން އައްޔަން ކުރެވެންދެން ހިނގާ މުއްދަތުގައި ކުރިއަކަށް ނުގެންދެވޭނެ ކަމަށް އޭސީސީގެ ކުރީގެ މެމްބަރަކު ވިދާޅުވި އެވެ.

ނަތީޖާ ނުނެރެވުނީ ކީއްވެ؟

ކޮމިޝަނަށް އައްޔަންކުރީ ގާބިލް, ނަޒާހަތްތެރި މެމްބަރުންތަކެކެވެ. އޭސީސީގެ އާ މެމްބަރުންގެ މަސައްކަތް ވަޒަން ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން ފެށީ އައްޔަންކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ކޮވިޑް ފަރުވާ އަށް ހޯދި ވެންޓިލޭޓަރުގެ ހިޔާނާތް ބެލުން ލަސްވުމުގެ ކަންބޮޑުވުންތަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން ލަސްވުން ފަދަ މައްސަލަތައް ފެންމަތިކޮށް ކޮމިޓީއަށް ހާޒިރުކުރި އެވެ.

އޭސީސީ ހާޒިރުކުރާ ކޮންމެ ދުވަހަކު ވެސް ކޮމިޓީގެ މެމްބަރުން ކުރައްވަން އޮންނަނީ އެއް ޝަކުވާ އެކެވެ. މައްސަލަތައް ބެލުން ލަހެވެ. ހިޔާނާތުން ދައުލަތަށް ގެއްލުންވި ފައިސާ ނުހޯދޭ ކަމެވެ.

"ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށް ހިތްހަމަނުޖެހުންތަކެއް އަންނަ ކަން ވެސް އޭސީސީއަށް އެނގޭ. ފުލް ކެޕޭސިޓީގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައި ނަތީޖާ ނުނެރެވި އޮތުން އެއީ މައްސަލައެއް," ތަހުގީގީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެމްބަރުން ބައްދަލުވުމެއްގައި. -- ފޮޓޯ/މިހާރު

ދެ އަހަރު ތެރޭގައި ނިސްބަތުން މަދު މައްސަލަތަކުގައި ދައުވާކުރަން ފޮނުވިކަން ފެންނަން އޮތުމަކީ ހިޔާނާތުގެ އަމަލުތައް ހަމަ މަގަށް އަޅުވަން ހަވާލުވި ކޮމިޝަނާ ދޭތެރޭގައި ސުވާލު އުފައްދަން ޖާގަ ލިބުނު ކަމެކެވެ.

އޭސީސީއަށް ތަހުގީގު ލަސްވާ ސަބަބުތަކާއި ކުރިމަތިވާ ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ.

ކޮމިޝަނުން އެކި ފަހަރު ބުނެފައިވާ ގޮތުގައި އަދި ފަހުން ނެރުނު ބަޔާނުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ހުށަހެޅޭ މައްސަލަތަކާ އަޅާބަލާއިރު ކޮމިޝަންގައި ތިބީ ނިސްބަތުން މަދު އިންވެސްޓިގޭޓަރުންނެވެ. އޭސީސީގެ މެމްބަރުން ފުރަތަމަ އިސްކަމެއް ދެއްވީ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި އޮތް މުއައްސަސާ އިސްލާހު ކުރުމެވެ. އެ ބަދަލު ގެނެވި މައްސަލަތައް އަވަސްކުރެވުނު ކަމަށް ކޮމިޝަނުން ބުންޏެވެ.

"ކޮމިޝަނުގެ މި ހިނގާ ދައުރުގެ މެމްބަރުން މަގާމާ ހަވާލުވި އިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅު ނޭޅި ހުރި 400 އަށް ވުރެން ގިނަ ޝަކުވާ އޮތެވެ. އަދި ތަހުގީގު މަރުހަލާގައި 500 އަށް ވުރެން ގިނަ މައްސަލަ އޮތެވެ." އޭސީސީން އާދީއްތަދުވަހު ނެރުނު ބަޔާނުގައިވެ އެވެ.

އިންވެސްޓިގޭޓަރުން މަދުވުމާ އެކު އޮފިސަރުންގެ ހުނަރުވެރިކަމާއި ގާބިލިއްޔަތު އިތުރު ނުކުރެވުމަކީ ވެސް އޭސީސީން ފާހަގަކުރާ މައްސަލައެކެވެ. ތަހުގީގު އަވަސްކުރަން ގެނައި މުހިއްމު އެއް ބަދަލަކީ އޭސީސީން ބުނެފައިވާ ގޮތުގައި އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސްޓްރަކްޗާ އަށް ގެނައި ބަދަލެވެ.

ކޮމިޝަނުން މިގޮތަށް ގެނައި ގިނަ ބަދަލުތަކެއް ނޫސްބަޔާނުގައި އާއްމުކޮށްފައިވެ އެވެ.

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ކުރީގެ ކޮމިޝަނުން ކޮށްފައި ހުރި ހުރިހާ ކަމެއް ބަދަލުކުރަން އުޅެ އެކަމަށް ވަގުތު ހޭދަވުމަކީ ވެސް މަސައްކަތްތައް ލަސްވާނެ ސަބަބެކެވެ. މައްސަލަތަކުގެ އަދަދާއި ތިބި އިންވެސްޓިގޭޓަރުންގެ އަދަދާ ބަލާއިރު ކޮމިޝަނަށް ކުއްލިއަކަށް ކަންކަން ބަދަލުކުރެވުމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޝަކުވާތައް ފެންމަތިވި ހިސާބުން ވެސް އޭސީސީގެ މަސައްކަތް ލަސްވާ ސަބަބު ދެނެގަނެވޭނީ އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ އިންވެސްޓިގޭޓަރުންނާއި ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރުންނާ ވެސް ވާހަކަ ދެކެވިގެންނެވެ. ހަމައެކަނި އޮޑިޓަކުން އަސްލު މަންޒަރު ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

"މި ދެބައި ގުޅުނީމަ މި ނަތީޖާ ނުކުންނަނީ. ދެން ފާހަގަކުރެވުނީ ޕީޖީ އޮފީހާއި އޭސީސީއާ ދޭތެރޭގައި އޮންނަން ޖެހޭ ގުޅުން ވަރަށް ބޮޑަށް ހަނިވެފައި އޮތް ތަން, ބައެއް މައްސަލަތަކުގައި އެކަން ފެނުނު," އޭނާ ވިދާޅުވި އެވެ.

އޭސީސީއަށް މުވައްޒަފުން އިތުރުކުރުމަކީ އަވަސް ހައްލެއް އަންނާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިނުގަންނަވަ އެވެ. އެއީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލަން ބަޖެޓުގައި ހިމަނައިގެން އާ އިންވެސްޓިގޭޓަރުންތަކެއް ނަގައި ތަމްރީންކުރަން ވެސް މުއްދަތުތަކެއް ހޭދަވާނެތީ އެވެ.

ވަކިކުރީ ރަނގަޅަށްތޯ އުފައްދާ ސުވާލު

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އޭސީސީއަށް އެންމެ ބޮޑު ފާޑުކިއުންތަކެއް ކޮމިޓީގައި އަމާޒުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ލަސްވާތީ ކަމަށެވެ. އެކަމަކު އެއީ ހަމައެކަނި އޭސީސީގެ އިހުމާލުން ލަސްވެފައި އޮތް ތަހުގީގެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަނެއް އުފައްދައި އެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ޒިންމާ އެ ކޮމިޝަނަށް އޮތް އިރު އެއީ އޭސީސީގެ ބޮލުގައި އެކަނި އަޅުވައި ނިންމޭނެ ކަމެއް ނޫނެވެ.

ޕާފޯމަންސް އޮޑިޓެއް ހެދުމުގެ ބޭނުމަކީ ތަނެއްގައި ހުރި މައްސަލަތައް ބަލައި ހައްލުކުރާނެ ގޮތް ކިޔައިދީ އެ ފުރުސަތު ދިނުން ކަމަށްވާ އިރު އޭސީސީއާ މެދު އަމަލުކުރީ އެ އުސޫލުން ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.

"އޮޑިޓުގެ ޕްރެޒެންޓޭޝަނެއް ދީފައި އެ ރިޕޯޓާ ގުޅޭ ގޮތުން ވެސް ކޮމިޓީގައި ބަހުސެއް ނުކުރޭ. އެހެންވީމަ ފެށުނީއްސުރެން ވެސް މި ކޮމިޓީން އަމަލުކުރަމުން އައީ ވީހާވެސް އަވަހަކަށް އޭސީސީގެ މެމްބަރުން ވަކިކުރުމުގެ ނިޔަތުގައި ކަމަށް ގަބޫލުކުރަނީ," އުޝާމް ވިދާޅުވި އެވެ.

އެ މެމްބަރުން ވަކިކުރީ އެންމެ އިންސާފުވެރި ޕްރޮސެސްއެއްގެ ތެރެއިން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"މެމްބަރުން ވަކިކުރަން ނިންމި އިރު ވެސް ކޮންމެ މެމްބަރަކު އޮތް 22 ސޮފްހާގެ ލިއުމެއް ފޮނުވާފައި. އޭގައި އެބަހުރި ގާނޫނީ ވާހަކަތައް, އެބަހުރި ޕްރޮސީޖަރަލް އިޝޫސްތަކުގެ ވާހަކަތައް. އޭގައި އެބަހުރި އޮޑިޓު ރިޕޯޓުގައި ތުހުމަތުކޮށްފައި ހުރި ކަންތައްތަކަށް އެ މީހުން ޖަވާބުދާރީ ވެސް ވެފައި," އުޝާމް ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން ލިއުމުން ޖަވާބުދާރީވެވަޑައިގެން ހުށަހެޅުއްވި ބަޔާނާ ގުޅިގެން އިތުރު ވަގުތު ނުދީ ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ޖަވާބުދާރީ ވުމުގެ މުއްދަތު ހަމަވި ފަހުން ހުށަހެޅުމާއި ކުރިން ވެސް ތަކުރާރުކޮށްފައި ހުރި ވާހަކަތަކެއް އޭގައި ހުރުމެވެ.

އުޝާމް ވިދާޅުވި ގޮތުގައި މެމްބަރުން ވަކިކުރާ އިރު ދެން އަންނާނެ ގާނޫނީ މައްސަލަތަކަށް ވެސް ކޮމިޓީން ވިސްނަން ޖެހެ އެވެ. އެކަމަކު އެކަމަށް ވެސް މެމްބަރުން ފަރުވާލެއް ބެހެއްޓި ތަނެއް ނުފެނުނު ކަމަށް ވިދާޅުވި އެވެ.

"ދެން ވެސް ގޮންޖެހުން, ހައްލު ހޯދައިދޭން ޖެހޭ"

އަނެއްކާވެސް އާ މެމްބަރުންތަކެއް އައްޔަންކޮށް ނަތީޖާ ނުނެރެވިގެން ވަކިކުރާނީ ހެއްޔެވެ؟

"މިނިވަން މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަން ބޭނުންވާ ރިސޯސަސް ސަރުކާރުން ވެސް ހަމަޖައްސައިދޭން ޖެހޭ. ނުދޭ ކަމަށް ވަންޏާ އަހަރަކު އެއްފަހަރު ކޮމިޝަން ބަދަލުކުރިއަސް ވެސް އެކަމަކުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ," އުޝާމް ވިދާޅުވި އެވެ.

ދެން އޮތީ ސިޔާސީ ނުފޫޒު ފޯރުވުމެވެ. އޭސީސީ ފަދަ މިނިވަން މުއައްސަސާއެއްގައި ނުފޫޒަށް ނުގުޑާނެ މެމްބަރުންތަކެއް ތިބުމަކީ އެތައް ބަޔަކު ޖެހިލުންވާނެ ކަމެކެވެ. ތަހުގީގުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބަންދުވެފައި އޮތުމަކީ އުނދަގޫވާނެ ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން. -- ފޮޓޯ/ މަޖިލިސް

އެ އުނދަގުލުން އޭސީސީގެ މެމްބަރުންނަށް އެތައް ގޮންޖެހުންތަކެއް ކުރުމަތިކުރުވި ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. މި މެމްބަރުން ވަކިކުރީ ސިޔާސީ ނުފޫޒު ނުފޯރުވޭތީ ކަމަށް ބުނާ ތުހުމަތު އޮތުމާ އެކު ދެން ކޮމިޝަނަށް އައްޔަންކުރާ މެމްބަރުންނަކީ އާއްމުން ގަބޫލުކުރާ ބައަކަށް ވާން ޖެހެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެން އައްޔަންކުރާ މެމްބަރުންވެސް މިވަރަށް ޖަވާބުދާރީ ވެސް ކުރުވަން ޖެހެ އެވެ. ކޮމިޓީގެ މި ގާނޫނީ ނިޒާމް ހިނަގަން ޖެހެނީ ހަމައެކަނި އޭސީސީއަކަށް ނޫނެވެ. އެހެން ކޮމިޝަންތަކަށް ވެސް މި އުސޫލު ހިނގަން ޖެހެ އެވެ.

އޭސީސީގައި ވޭތުވެދިޔަ ހަތް އަހަރެއްހާ ދުވަހު ކަން ހިނގި ގޮތަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އެއް ކޮމިޝަނަށް އޮތީ ނުފޫޒެވެ. އަނެއް ކޮމިޝަނަށް ތަހުގީގުތަކުން ނަތީޖާ ނުނެރެވުމެވެ. އާ މެމްބަރުން އައްޔަންކުރާ އިރު މިކަމަށް ހައްލެއް ހޯދަން ޖެހެ އެވެ.

އޭސީސީގެ މަސައްކަތަށް ކުރިމަތިވާ ގޮންޖެހުންތައް އޭސީސީގެ ބަޔާނާއި އޮޑިޓަ ޖެނެރަލްގެ ޕާފޯމަންސް އޮޑިޓުން ވެސް ފެންނަން އެބައޮތެވެ. މިއީ ދެން އަންނަ ކޮމިޝަނެއް ކުރިން ވެސް މަޖިލީހުން ހައްލު ހޯދައިދޭން ޖެހޭނެ ކަމެކެވެ. ނޫން ނަމަ އަނެއްކާވެސް ފެންނާނީ ވޭތުވެދިޔަ ދެ ކޮމިޝަނުގައި ކަން ހިނގި ގޮތަށް އިތުބާރެއް ނެތި, ނަތީޖާ ނުނެރެވި ކޮމިޝަނުގެ މެމްބަރުން ވަކިކުރަން ޖެހޭ ތަނެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 14%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޒާހާ

29 December 2021

ޤާނޫނު އަސާސީއިން އުފެދިފައިވާ މުއައްސަސާއަކަށް މަޖިލީހުގެ އެންމެ ދެތިން މެމްބަރަކު ވެގެން ބިރުދައްކާ 5 މެމްބަރަކު ވޯޓުދީގެން ވަކި ކުރަން ހުށަހަޅާ، މަޖިލީހުގެ މައިނޯރިޓީ ވޯޓުން ވަކިކުރެވޭ ގޮތަށް އޮތުން އެއީ "މިނިވަން" މުއައްސަސާއަކަށް ނުވާކަން ސާބިތުކޮށްދޭ ކަމެއް. ޤާނޫނީ ބަލިކަށިކަމެއް. މިކަން ދިރާސާކޮށްފަ ނޫސވެރިޔާގެ ރިޕޯޓެއް ލިޔެދިނުން އެދެނެ.

The name is already taken The name is available. Register?

ހާމަ333

28 December 2021

ނަތީޖާ ނުނެރެވޭނެ 2 މުވައްޒަފުންނާއި 1900 ޒަމާނުގެ ކޮމްޕިއުޓަރުގަނޑަކާއި މޭޒެއް ދީފަ ފެލަން އުޅުނަކަސް...ސަރުކާރު ގިނަ އޮފީއްތައް އުޅެނީ ޓެކްނޮލޮޖީ ގޮތުން ވަރަށް ފަހަތުގަ...ދެން ޒަމާނާއި އެއްގޮތަށް ކޮން ހިދުމަތެއްތޯ ދެވޭނީ...މުވައްޒަފަކަށް ޓްރޭނިންއެއް ދެނީކީވެސް ނޫން...ވޯކް އެންވަރަމެންޓް އެހާ ނިކަމެތި...ބިލިއަނުން ފައިސާ ހަރަދުކުރަނީ އިސްރާފަށް...ސިޔަސީ މަގާމުތަކަށް މުސާރަދޭން..

The name is already taken The name is available. Register?

އިންވެސްޓިގޭޓަރު

28 December 2021

ތި ހުރިހާ ކޭސް އެއް ނިންމާލުމަކީ އެއްވެސް ކަމެއް ނޫން! ތުހުމަތު ކުރެވޭ އެންމެން ޤާނޫނާ އަރާ ހަމަ ކުރަން ކަންތައް ކުރަންވީ ގޮތްވެސް އިނގޭ! އޭސީސީ އާ ފުލުހުންނާ ގުޅިގެން ރޭވިގެން އޮޕަރޭޝަންތައް ގެންދެވިދާނެ! ތިމީހުން ތިއުޅެނީ މާ ލޮނުމަޑުކޮށް! ބިރު ގަންނަނީ! ބިރު ފަހަނަޅާފަ ތިބި ބަޔެއް ތިތަނަށް ލީމަ ރަގަޅު ވާނެ!

The name is already taken The name is available. Register?

ބަރުލަމާނު

28 December 2021

އަޅުގަނޑުވެސް ތިޔަ ކޮމިޝަނުގެ މަސައްކަތަށް ތަޢުރިފުކުރަމެވެ. ބޮލެއް ކަނދުރާއެއް ބެލުމެއްނެތި މައްސަލަތައް ބެލިއެވެ. ވަޒީރެއް އަމީރެއްނެތި މައްސަލަތަކުގައި ހާޒރުކޮށް ސުޥާލުކުރިއެވެ. މަހުލޫފާއި، ނަހުލާއާއި، އަމީރާއި، ރިއްފަތުއާއި، މިހެންގޮސް އެތައް ބަޔަކު ހާޒިރުކޮށް ސުވާލުކުރިއެވެ. ނަތީޖާއަކަށްވީ އަބުރު ކަތިލެވި މަގާމުން އިސްތިއުފާ ދޭންޖެހުމެވެ. ރައީސްއެވެ. ދައުވާ އުފުލިފައިވާ ވަޒީރަކު ކައިރީ ބަހައްޓައިގެން ތިޔަކުރާ މަސައްކަތުން އިންސާފު ލިބެއެވެ.

The name is already taken The name is available. Register?

9898

28 December 2021

ކޮމިޝަންތަކުގެ މެންބަރުންގެ ޕާފޯމަންސް ވ.ދަށްވާނެ. ހަވާލުކުރާ މައްސަލަތަކުގެ ތެރެއިން 5 ޕަސެންޓުވެސް މެންބަރަކަށް ނުބެލޭނެ. ހުރިހާ މެންބަރުން އުޅޭނި އިދާރީ ހިންގުމުގައި. ބަޖެޓާ މުވައްޒަފުން ނެގުމުގައި އެމީހުން ބޭނުންވާ ގޮތަކަށްކަން ނިންމޭތޯ އުޅޭނީ. ދެން އޮންނަނި 5 މެންބަރުންގެ ކޯޅުން. ކޮމިޝަންތަކަށް ރައީސް އެއް އެކަނި ލީމަ މާ އަވަހަށް މައްސަލަތައްނިމި ދައުލަތަށް ޚަރަދު ކުޑަވާނެ.

The name is already taken The name is available. Register?

ކޮރަލް

28 December 2021

އެއްފަހަރާ އަހަރުގެ މައްސަލަ ބަލަން ޖެހުނީ އެވެ. ދެން މިނިވަން ކަމެއް ނުލިބުނެވެ. މައްސަލަ ތައް ބެލުމުގަ ވަކި ބައެއްގެ މައްސަލަ ތައް ކުރިން ބަލަން ޖެހުނީ އެވެ. ސިޔާސީ ނުފޫޒު ވަނީ އެވެ. ކުއްވެރި ވީ މެމްބަރުންނެވެ. އަޑިގަ ހުރި ބަޔަކު ސަލާމަތް ވީ އެވެ.

The name is already taken The name is available. Register?

ޒީރޯ

28 December 2021

މިގައުމުގައި މިހާރު އެންޓިކޮރަޕްޝަން ކޮމުޝަނެއް ނެތް. ކޮރަޕްޝަން ހުއްޓުވަނީ މިގޮތަށް. ކޮރަޕްޝަން ހުއްޓުވަންއައިމީހުން މުއައްސަސާ ގާނޫނީހުސްކަމަކަށްގެނައީ. ސަޅިއެއްނު.

The name is already taken The name is available. Register?

ސާބެ

28 December 2021

ޒަރިޔަންދު ބުންޔަސް ކޮރަޕްޗަންގެ މައްސަލަތައް ކިހިނެތް 1 މަސް ތެރޭ ނިންމާނީ! ހެހެެހހެހ

The name is already taken The name is available. Register?

ބަރުލަމާނު

28 December 2021

ދެން އެ ކޮމިޝަނަށް އަންނަނީ ތިޔަ ބުނާ ޒަރިޔަންދެވެ. ދެން ފަތުއަޑުކިޔާފަ މައްސަލަ ނިންމާތަން ފެނިގެންދާނެއެވެ.

The name is already taken The name is available. Register?

ކިޔު

28 December 2021

މެންބަރުންގެ ދައުރު ނުނިމެނީސް ވަކިކުރާނަމަ ނުފޫޒަށް މަގުތައް ފަހިވެގެންދާނެ. މިނިވަން މުއައްސަސާއޭ ކިޔަނީ ކީއްވެކަން ވިސްނާލުން ހުރި.

The name is already taken The name is available. Register?

ށަލީ

28 December 2021

އެންޑީޕީ އަކީ ތިކަހަލަ ބައިގަނޑެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454