ސިނަމާލެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާދެމުން އައި 21 އަހަރުގެ ޒުވާނަކު މިއަދު ނިއާވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ނިއާވެފައި ވަނީ ސ. ހުޅުދޫ، މުހައްމަދު ހައިކަލް އިސްމާއިލެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އޭނާ ނިއާވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގީ ހުޅުމާލެ އިން މާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި އަންނަނިކޮށް ސައިކަލް ކޮންޓްރޯލުން ނެއްޓުމުންނެވެ. އޭނާ ވެއްޓި އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ އަށެއް ޖަހަން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.