ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާ ސާފުނުވާ ކަމަށް އެ މަނިކުފާނު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމަށް ފަހު ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މަނިކުފާނުގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާއެއް ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމަށް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމް ދިން ކަމަށެވެ. އެ ޗެކް ޔާމީން ގަބޫލު ކުރައްވައި، އަދި އެ ޗެކް ޝަންހައި ބޭންކްގެ އެކައުންޓަކަށް އެމަނިކުފާނު ޖަމާކުރެއްވި ކަމަށް ދައުވާގައިވެ އެވެ.
މަނީ ލޯންޑްރިންގެ ދައުވާގައި ވަނީ ޝަންހައި ބޭންކްގެ އެކައުންޓަށް ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޔާމީން ޖަމާކުރެއްވި ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި އިތުރު ފައިސާއާ އެކު، އެ ބޭންކްގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ދައުވާ އިއްވުމުން ޔާމީން ވިދާޅުވީ އެ ދައުވާ ސާފުވެ ވަޑައިނުގަންނަވާ ކަމަށެވެ.
ދައުވާ އިން ސާފުނުވަނީ ކޮން ކަމެއްތޯ އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ އޭގެކުރިން އެމަނިކުފާނުގެ ވަކީލުންނާ އެކަމުގައި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
އިސް ގާޒީ ޝަކީލް ވިދާޅުވީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ދެން އޮންނަ އަޑުއެހުމުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމް، ސިއްހީ ސަބަބުތަކަށްޓަކައި މިއަދު ކޯޓަށް ހާޒިރު ނުވެވޭތީ އޭނާގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.
އިސް ގާޒީ ވިދާޅުވީ އޭނާގެ ބައި އަންނަ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭގެފަހުން އެ މައްސަލަ ކުރިއަށް ގެންދަވަނީ ޔާމީނާއި ޔޫސުފްގެ ބައި ވެސް އެއްކޮށް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.