އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އަހްމަދު ޝަރީފް ހުންނެވިއިރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލައި ޖިނާއީ ބޮޑެތި ކުށްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތާ އެކު އެ މައްސަލަތައް ސީރިއަސްކޮށް ބަލައި ޖިނާއީ ދައުވާކުރެވެން ހުރި ފަރާތްތަކަށް ދައުވާކޮށްދޭން ޕީޕީއެމުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ޕީޕީއެމުން ހުށަހެޅި މައްސަލަތަކުގައި ބުނެފައި ވަނީ 2018 ގެ ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުގެ ވެރިންނާއި އިންތިހާބުގެ ވޯޓުގެ އެކި ކަންކަމުގައި އުޅުނު އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގެންފައިވާ ކަމަށް އެ ޕާޓީއަށް ގަބޫލުކުރެވޭ ކަމަށެވެ. އިންތިހާބުގެ ހުރިހާ މަރުހަލާއެއްގައި ވަކި ކެންޑިޑޭޓަކަށް ފައިދާވާ ގޮތަށް އަނެއް ކެންޑިޑޭޓަށް ގެއްލުންދޭން ދުރާލައި ކަންކަން ރާވައި އިންތިޒާމުކޮށްގެން ހިންގާފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމުގެ ޝަކުވާ ހުށަހަޅައި އެއީ ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމަށް ފެންނަ ނަމަ ތަހުގީގު ކުރުމުގެ އަމުރު ނެރުމުގެ ބާރު ގާނޫނުއަސާސީން ޕީޖީއަށް ލިބިދީފައިވާ ކަން ޕީޕީއެމުން ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ބަލައިދޭން ޕީޕީއެމުން އެދުނު މައްސަލަތައް
- ވޯޓު ކަރުދާސް ޗާޕްކުރުމުގައި ތުހުމަތުކުރާ ގާނޫނާ ހިލާފު ކަންކަން.
- ރިޔާސީ އިންތިހާބަށް ރީރަޖިސްޓްރީކުރަން ހުށަހެޅި 15,000 ފޯމު ރަޖިސްޓްރީކޮށް ނުދީ ނައްތާލި މައްސަލަ.
- ވޯޓު ކަރުދާހުގެ ފާހަގަ ބަދަލުކޮށްލަން އަނގޮޓިއެއް ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތާއި އެކަމުގެ ސަބަބުން ހިންގި ގާނޫނާ ހިލާފު އަމަލުތައް.
- ބައެއް ރަށްރަށަށް ސެކިއުރިޓީ އުރަ ކެނޑުމަށް ފަހު ވޯޓު ފޮށިތައް ފޮނުވި މައްސަލަ.
- ވޯޓުލީ ދުވަހުން ފެށިގެން ކޮމްޕްލެއިންޓްސް ބިއުރޯގެ ބާރު ކަނޑުވާލާފައިވާ މައްސަލަ.
- ވޯޓުގައި ގެންގުޅުނު ޓެބްލެޓްތައް އަތުލައި ފަހުން ބޭނުން ނުކުރެވޭ ގޮތް ހެދި މައްސަލަ.
- އިންތިހާބާ ގުޅޭ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އީސީގެ އޭރުގެ ރައީސް ޝަރީފް މީޑިއާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު.
- އިންތިހާބުގެ ބޮޑެތި މައްސަލަތަކެއް ހުއްޓައި ވޯޓު ކަރުދާސް ނައްތާލުން.
އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ކޯޓުން ނިންމީ އިންތިހާބު ބާތިލްކުރަން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.
ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި އިންތިހާބު އޮޅުވާލާފައި ވަނީ އިންޑިއާގެ އެހީއާ އެކުގަ އެވެ. މި ފަހުން މި ތުހުމަތާ އެކު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އިންތިހާބުގެ މައްސަލަ ބަލައިދޭން ފުލުހުންނާއި އޭސީސީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.