ޔާމީންގެ ދައުވާ މުރާޖައާކޮށްދޭން ޕީޖީ ޝަމީމަށް ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ލޯންޑްރިންގެ ހުކުމް ކުރި ދައުވާ މުރާޖައާކޮށްދޭން ޕީޕީއެމުން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ރޭ ގޮވާލައިފި އެވެ.


ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކުރަން ގޮވާލަން ޕީޕީއެމާއި ޕީއެންސީން ރޭ ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ކޯޓަށް ހުށަހެޅި ބައެއް ދައުވާތައް ޕީޖީ އޮފީހުން މީގެ ކުރިން އަނބުރާ ނަގާފައި ވެސް އެބަހުރި ކަމަށެވެ. ޝަމީމް، މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޕީޖީ އޮފީހުން އަނބުރާ ނެގީ، ވަރަށް ގިނަ ސިޔާސީ ބޭފުޅުންނަށް ޔާމީންގެ ސަރުކާރުގައި، އޭރުގެ ޕީޖީ އައިޝަތު ބިޝާމް އުފުއްލެވި ޓެރަރިޒަމްގެ ދައުވާތަކެވެ.

ޕީޖީ އޮފީހުން ދައުވާތައް އަނބުރާ ނަގަނީ، އެ އުފުލި ދައުވާއަކާ މެދު ޝައްކެއް ނުވަތަ ސުވާލު އުފެދޭ ކަމެއް ހިނގުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޔާމީންގެ ތަހުގީގާއި އުފުލި ދައުވާ އާއި ޝަރީއަތް ހިންގާފައި ވަނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ޝިޔާމް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

އެކަން ޝަމީމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެއީ އޭނާ އަކީ ގާނޫނުތައް މޮޅަށް އެނގިވަޑައިގަންނަވާ، ފުންނާބު އުސް ބޭފުޅަކަށް ވުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެމަނިކުފާނު [ޝަމީމަށް] އެނގިވަޑައިގަންނަވާނެ ހުކުމުގައި ލިއެފައި އޮތް އެއްޗެއް. ކިހާ އަވަސް އަރުވާލާފައި ކޮން ދިމާލަކުން އައި ހުކުމެއް ކަން ވެސް މިއަދުގެ ޕްރޮސިކިއުޓަ ޖެނެރަލަށް އެނގިވަޑައިގަންނަވާނެ،" ޝިޔާމް ވިދާޅާވި އެވެ.

"ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ސީދާ ބުހުތާނު ދޮގުކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ."

ޝިޔާމް ވިދާޅުވީ ބައެއް މުއައްސަސާތަކާ ހަވާލާދީ ހުކުމުގައި ދޮގު ވާހަކަތަކެއް ވަނީ ލިއެފައި ކަމަށެވެ. ހުކުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސިޓިއަކާ ހަވާލާދީފައިވާ އިރު އެ ސިޓީގައި އޮތް ވާހަކަތަކާއި ހުކުމުގައި އޮތް ވާހަކަ ދިމާނުވާ ކަން ވެސް ޕީޖީ އަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޖީ ޝަމީމަށް އިތުބާރު އެބައޮތެވެ. އެ އިތުބާރު ދަމަހައްޓަވަން ޔާމީނަށް އުފުލި ގޯސް ދައުވާ އަލުން މުރާޖައާކުރަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން ވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީލުން ކަމާބެހޭ މުއައްސަސާތަކަށް ވަނީ ހުށަހަޅުއްވައިފަ އެވެ.