މިރޭ ހުޅުމާލޭގައި އިހުތިޖާޖުކުރި ޓެކްސީ ޑްރައިވަރުން އެ މީހުންގެ ޓެކްސީތަކުގައި އެއް ލައިނަކަށް މާލެ ދާން މިސްރާބު ޖެހުމުން ބްރިޖް ސަރަހައްދު ކައިރިން އެ ޓެކްސީތައް ފުލުހުން ހުއްޓުވުމާއެކު، އެ ސަރަހައްދުގެ ޓްރެފިކް ހުއްޓި އެތައް ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ހުޅުމާލޭގައި އިހުތިޖާޖުކުރުމަށް ފަހު، ޓެކްސީ ޑްރައިވަރުން ނިންމީ މާލެ ގޮސް ހުރިހާ ޓެކްސީތަކުން އެއް ސަފެއްގައި ތިބެގެން ބުރެއް އަޅައިލުމަށެވެ. ނަމަވެސް ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ތިބި ޑްރައިވަރުން ޓެކްސީތަކުގައި ބްރިޖަށް އަރަން ދަނިކޮށް ފުލުހުން އެ އެންމެން ހުއްޓުވި އެވެ. އެ ވަގުތު ފަހަތުން ދިޔަ އެތައް ދުއްވާ އެއްޗިއްސެއް ވެސް ހުއްޓާލަން ޖެހި ބްރިޖް ކައިރިން ނިރޮޅުމަގު ތޮއްޖެހުނީ އެވެ.
އެ ކަމާ ގުޅިގެން ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން ބްރިޖަށް ނޭރި ދެ ގަޑިއެއްހާއިރު ދިގު ކިއޫއެއްގައި ތާށިވެފައި ތިބެން ޖެހުނެވެ. ބްރިޖަށް އަރަން ދިޔަ ބައެއް މީހުންގެ ތެރޭގއި އެއާޕޯޓަށް ފުރަން ދިޔަ ބަޔަކު ވެސް ހިމެނޭއިރު އެ މީހުންނަށް ގަޑިއަށް ނުދެވި ނުފުރުނު ކަމަށް ވެ އެވެ.
ދިގު ކިއޫލައިންގައި މާލެ އަށާއި އެއާޕޯޓަށް ދާން ހުޅުމާލެ އިން ނައްޓާލި ހައެއްކަ ބަސް ވެސް ތާށިވެފައި ދެ ގަޑިއެއްހާއިރު ތިބެން ޖެހުނެވެ.
ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ވަރަށް ކައިރިކައިރީގައި އުފުލެމުންދާތީ، މާލެ ސަރަހައްދުގެ ޓެކްސީތަކުގެ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް އެދި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ނަމަވެސް އެކަން އަދި ކޮޅެއްގައި ނުޖެހޭތީ ބައެއް ޑްރައިވަރުން ދަތުރުތައް ހުއްޓާލައި މިއަދުގެ މެންދުރު 2:00 އިން ފެށިގެން އިހުތިޖާޖެއް ފެށީ އެވެ.
ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި މިރޭ 9:30 ހާއިރު ވަންދެން އިހުތިޖާޖު ކުރުމަށް ފަހު، ޑްރައިވަރުން ޓެކްސީތަކުގައި މާލެ ދާން ނައްޓައިލީ ޓްރާންސްޕޯޓް މިނިސްޓްރީގެ މެސެޖެއް އިހުތިޖާޖުގެ ބައިވެރިންނަށް އިއްވުމުންނެވެ. އެ މެސެޖުގައިވާ ގޮތުން ޓެކްސީ ޑްރައިވަރުންގެ ހުށަހެޅުންތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަކި ޖަވާބެއް ދެވޭނީ އަންނަ ހަފުތާގަ އެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން ޓެކްސީ ސެންޓަރުތަކުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ވެސް އިއްޔެ ބައްދަލުކޮށްފަ އެވެ. އެކަމަކު، އެ ބައްދަލުވުމުން ވެސް ކުރިއެރުމެއް ނުލިބުނު ކަމަށް ޑްރައިވަރުން ބުނެ އެވެ. ސަރުކާރުން ބުނަނީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ވަކި ގޮތެއް ނިންމާނެ ކަަމަށެވެ.
ސަރުކާރު ދެކެ ޑްރައިވަރުން އައި ރުޅީގައި މިއަދު ހަވީރުން ފެށިގެން ވަނީ ޓެކްސީ ސެންޓަރުތައް ބަންދުކޮށް، ޓެކްސީ ދަތުރު ހޯދަން ބޭނުންކުރާ އެޕް ވެސް ޑައުންކޮށްފަ އެވެ. ނަމަވެސް ކުއްލި ހާލަތުގައި ހިދުމަތް ދޭން މާލެ އާއި ހުޅުމާލޭގައި 32 ޓެކްސީ ދުއްވަމުން ދިޔަ ކަމަށް ޓެކްސީ ސެންޓަރުތަކުގެ އިސްވެރިން ވިދާޅުވި އެވެ.