ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ފަދަ އިންޝުއަރެންސް ސްކީމެއް އެ ބޭފުޅުން ޕްރިމިއަމް ދައްކަވައިގެން ނަމަވެސް އަނބިން/ފިރިން އަދި 18 ނުފުރޭ ދަރިންނަށް ހަމަޖައްސައިދޭން މަޖިލީހުން ފާހެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން އޮންނަ ފަދަ އިންޝުއަރެންސް ސްކީމެއް އެ ފަރާތްތަކުގެ އާއިލާއަށް ހަމަޖައްސައިދިނުމާ މެދު ގޮތެއް ނިންމުމުގެ ބަހުސް މިއަދު ކުރިއަށް ގެންދިޔައީ އާއްމު ކޮމިޓީން ހުށަހަޅައިގެންނެވެ.

ކުރީގެ މެމްބަރަކު ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން އާއްމު ކޮމިޓީން މަޝްވަރާކުރުމަށް ފަހު އެދުނީ އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށެވެ. ބަހުސްގައި ގިނަ މެމްބަރުން ދެކޮޅު ހެއްދެވުމަށް ފަހު ވޯޓުގައި ނިންމީ ވެސް އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށެވެ.

އެގޮތަށް ފާސްވީ ހާޒިރުވި 40 މެމްބަރުންގެ ތެރެއިން 26 މެމްބަރުން ވޯޓުންނެވެ.

އާއްމު ކޮމިޓީގެ ހުށަހެޅުން

- މެމްބަރުކަން ކޮށްފައިވާ ބޭފުޅުން ޕްރިމިއަމް ދައްކަވައިގެން، އާއިލާއަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސަން އެދިފައިވާތީ ގޮތެއް ނިންމައިދޭން.

- ގިނަ ގައުމުތަކުގައި މިގޮތަށް އަމަލުނުކުރާ ކަމަށް ރިޕޯޓުގައިވޭ.

ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ކުރީގެ މެމްބަރުން ވެސް ޕްރިމިއަމް ދައްކަވައިގެން ދައުލަތުން އިންޝުއަރެންސް ފޯރުކޮށްދޭން ދެކޮޅު ކަމަށެވެ. އެގޮތަށް ހެދުމަކީ މާލީ ގޮތުން ދައުލަތަށް ބޭކާރު ބުރައެއްގެ ގޮތުގައި ގިނަ މެމްބަރުން ސިފަކުރެއްވި އެވެ.

މެމްބަރުކަން ކުރެއްވި 400 މެމްބަރުންނަށް މިހާރު ވެސް އިންޝުއަރެންސް ފޯރުކޮށްދެ އެވެ. މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ބާރުތަކުގެ ގާނޫނުގައި ވަނީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ އެވެ. އެކަމަކު އޭގެ ތެރޭގައި އަނބިން/ފިރިން 18 އަހަރު ފުރޭ ދަރިން ނުހިމެނެ އެވެ.

ކުރީގެ މެމްބަރުންތަކެއް ބޭނުންވެގެން، އާއިލާ އޭގެތެރޭގައި ހިމަނުއްވަން ހުށަހެޅުއްވިޔަސް އެއީ ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި ގޮތުގައި ދުނިޔޭގައި ވެސް ނުކުރާ ކަމެއް ރާއްޖޭގައި ހާއްސަކުރަން ޖެހޭ ސަބަބެއް ނެތެވެ. ދައުލަތުގެ މަގާމެއް މީހަކު ފުރުއްވުމަކީ އޭނާގެ ޒިންމާ ފަހުން ވެސް ރައްޔިތުންގެ ފައިސާ އިން ބަލަހައްޓަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ވީތީ ހާއްސަ ޕެކޭޖެއް ދިނުން ގަބޫލު ނުކުރެއްވޭ ކަމަށެވެ. އާސަންދަ އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި ބޮޑެތި ބައްޔެއް ކުރިމަތިވުމުން އާއްމު މީހާ އަދިވެސް ޖެހެނީ ސޯޝަލް މީޑީއާގައި ސަލާން ޖަހަން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ހައްލު ހޯދައި ދޭން ޖެހޭނީ އާސަންދަ ހޯދުމުގައި ރައްޔިތުން އުފުލަން ޖެހޭ ތަކުލީފަށެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހުސެއިން އަފީފް ވިދާޅުވީ ޕްރިމިއަމް ދައްކަވައިގެން އިންޝުއަރެންސްގައި ބައިވެރިކޮށްދޭން އެދުނު ގޮތަށް ފަހުން ދެން ހުށަހަޅުއްވާނީ އެ ފައިސާ ވެސް ދައުލަތުން ދައްކައިދޭން އެދެން ކަމަށެވެ. އެހެންކަމުން އެއީ އޭނާއަށް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގިނަ މެމްބަރުން ގޮވާލެއްވީ އާސަން ސްކީމް މިހާރަށް ވުރެން ރަނގަޅުކޮށް، އެންމެންނަށް ހަމަހަމަ އުސޫލަކުން ސިއްހީ ހިދުމަތުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.