ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 5،000 އަށް ވުުރެ މަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ، މިދުއަމް ސައުދު މި މަހުގެ 12 ގައި ފެށި އެ ޕެޓިޝަނުގައި މިވަގުތާހަމަށް 5،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައި ވާއިރު އެ ޕެޓިޝަނަކީ މިހާރު ވެސް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގެެނެސް ބަހުސްކޮށްގެން ގޮތެއް ނިންމަން ޖެހޭ ވަރަށް ސޮއި ހަމަވެފައި އޮތް ޕެޓިޝަނެކެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކާ މެދު އެގޮތަށް އަމަލުކުރަން ޖެހޭނީ ސޮއިކުރި މީހުންގެ 2،100 އަށް ވުރެ މަތި ވުމުންނެވެ.

ޕެޓިޝަނަކަށް މަޖިލީހުގެ ތަޅުުމުގައި ބަހުސްކުރުަމަށް ފަހު، އެ ޕެޓިޝަން މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓެއް ނަގާނެ އެވެ. ބަލައިގަންނަން ފާސްވެއްޖެ ނަމަ ޕެޓިޝަން ފޮނުވާނީ އެކަމާ ބެހޭ ކޮމިޓީއަށެވެ. ކޮމިޓީން ޕެޓިޝަނަށް ރިއާޔަތްކޮށް، އެއަށް ދޭނެ ޖަވާބެއް، ނުވަތަ އަމަލުކުރާނެ ގޮތެއް ނިންމައި އަނެއްކާ ވެސް ފޮނުވާނީ ތަޅުަމަށެވެ. 

މެމްބަރުންނަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހެލްތު އިންޝުއަރެންސް  ޕްލޭނެއް މިހާރު ލިބޭނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުންގެ މާލީ އިނާޔާތްތަކުގެ ބާބު 7 ގެ ހ. ގައި ވަނީ މަޖިލީހުގެ ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކް ގައުމުތަކާއި އޭޝިއާގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ވާނެ ކަމަށެވެ.

ހަމަ އެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާކޮށްދޭންވާނެ އެވެ.

އެހެންވެ އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން އަދި އެ ބޭފުޅުންގެ އާއިލާތަކަށް ރާއްޖެ އާއި ސާކް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ އިންޝުއަރެންސް ލިބެން ޖެހޭ ކަމަށް ބުނާ ގާނޫނުތައް އުވާލުމަށެވެ.

ހުރިހާ މެމްބަރުންނަކީ ވެސް އާންމު އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް ދެވޭ ބަޔަކަށް ހަދައި، އެއްވެސް މަޖިލިސް މެމްބަރަކަށް އަދި މެމްބަރެއްގެ އާއިލާއަކަށް ވެސް އާންމުންނަށް ނުދޭ އެއްވެސް ހާއްސަ ސިއްހީ އިނާޔަތެއް ނުލިބޭ ގޮތަށް ގާނޫނަށް އިސްލާހުތައް ގެނައުމަށް ޕެޓިޝަނުގައިވެ އެވެ.