ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމަށް ފަހު، ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް އެ ތަން ހާއްސަކުރަން ނިންމައިފި އެވެ.

ދެކުނުގެ ދެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، ފުވައްމުލަކަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ރަށުގެ ރައްޔިތުންނަށް މާހެފުމަށް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުވައްމުލަކަކީ ސިޓީއަކަށް ވާތީ ހިދުމަތްތައް ހުންނަން ޖެހޭނީ އެހެން ސިޓީތަކާ އެއް ވަރަކަށް ކަމަށެވެ. އެގޮތުން، އެ ރަށުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ހޮސްޕިޓަލް އެޅުމުން ހާއްސަ ހިދުމަތްތަކެއް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

"ފުވައްމުލަކު ހޮސްޕިޓަލް ތަރައްގީކުރަން އަޅުގަނޑުމެން ވިސްނަނީ ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަ، ސްޕެޝަލިޓީ ހިދުމަތް ދޭ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު މި އަހަރު ކުރިއަށްދާނެ،" އެ މަނިކުފާނު ވިިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލް ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަކުރާއިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލްތައް ވަކި ބަލިތަކަށް ހާއްސަކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ފުވައްމުލަކު ރައްޔިތުންނަށް މިރޭ ދިން މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކު ރައްޔިތުންނަށް މިރޭ ދިން މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފަސް ހޮސްޕިޓަލެއްގެ ތެރެއިން ތިން ތަނެއް ޓާޝަރީ ފެންވަރަށް ބަދަލުކޮށް، އެ ތަންތަނުން އަންނަނީ ވަރަށް ގިނަ، ބޮޑެތި އޮޕަރޭޝަންތައް ވެސް ކުރަމުންނެވެ. ސަރުކާރުގެ ވިސްނުމަކީ ވެސް ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކޮށް ނިމޭއިރު ކޮންމެ ވެސް މުހިއްމު އެއް ބައްޔަކަށް ހާއްސަ ކުރުމެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތަކުން، ކޮންމެ ހޮސްޕިޓަލެއް ވެސް އެއް ކަމަކަށް ސްޕެޝަލައިޒްވުން. އޭރުން ނޫންތޯ ދާންވީ ދިމާ އެނގޭނީ ރާއްޖެއިން ބޭރަށް ނުގޮސް. އެ މަޝްވަރާތައް ކުރަމުން މި އަންނަނީ،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.