މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު "މިހާރު" އަށް ކުރިން އިންޓަވިއުދެއްވަނީ.- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 އެޕްރީލް 2022 - 14:29
އެޑިއުކޭޝަން މިނިސްޓްރީން ކުއްލި ގޮތަކަށް އެ ދުވަހު އޭނާ އަށް ގުޅާފައި އެންގީ ތާޖުއްދީން ސްކޫލަށް ނުކުމެވަޑައިނުގަތުމަށެވެ. އޭރު އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި އައިޝަތު މުހައްމަދު ސޯލިހް (އައިސްތު) އަށް އެ އެންގުމުން ބޮޑު ޝޮކެއް ލިބިވަޑައިގަތެވެ. ގަބޫލު ކުރެއްވުނީ އޭނާ ކުށްވެރިވެގެން އެންގި އެންގުމެއް ކަމަށެވެ. އެ ހާސްކަމުގައި އުޅުއްވަނިކޮށް ދެން އެންގީ އެޑިއުކޭޝަން މިނިސްޓްރީ އަށް ބައްދަލުވުމަކަށް ވަޑައިގަންނަވާށެވެ.
އެ ބައްދަލުވުން ވެގެން ދިޔައީ، މިއަދު 95 އަހަރު ފުރިގެން ކާމިޔާބީ ފާހަގަކުރާ މަޖީދިއްޔާ ސްކޫލުގެ އެންމެ މަތީ އެއް ޝަރަފު އައިސްތު އަށް ލިިބިވަޑައިގެންނެވި ކަމަކަށެވެ.
"އޭރުގެ މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، މަޖީދިއްޔާގެ ޕްރިންސިޕަލަށް ދާންވީ ނޫންހޭ. އަޅުގަނޑު ދެންނެވީ ރެޑީއެއް ނޫނޭ ދާކަށް. އެ ކަމަކު އެ ބޭފުޅުން އެ ކަން ގަބޫލެއް ނުކުރެއްވި. ވަރަށް މަސައްކަތް ކުރިން މަޖީދިއްޔާގެ ޕްރިންސިޕަލްކަމާ ހަވާލު ނުވާން،" އައިސްތު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޭރުގެ ވެރިން އައިސްތު އަށް ދުލެއް ނުދެއްވި އެވެ. އޭރު ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ޝަރީފް [މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު] އެދިވަޑައިގަތީ އޭނާއާ އެކު މަޖީދިއްޔާ އަށް ވަޑައިގަތުމަށެވެ.
"ޝަރީފް، އަޅުގަނޑު ގޮވައިގެން ގެންގޮސް ވެއްދީ ޕްރިންސިޕަލްގެ ކޮޓަރި އަށް. ވިދާޅުވީ މިއީ އައިސްތު އިންނަންޖެހޭ ކޮޓަރިއޭ. އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ޕްރިންސިޕަލުންގެ ފޮޓޯތައް އެ ކޮޓަރީގައި ހުރި. އެ ދައްކާފައި އަޅުގަނޑު ބުނިން ޕްރިންސިޕަލްކަން ކޮށްފިއްޔާ އަޅުގަނޑުގެ ފޮޓޯ ވެސް އެ ތަނުގައި ހުންނާނެ ދޯއޭ. ޝަރީފް ވިދާޅުވީ އެ ބޭފުޅުންނާ އެއް ހަމައަކަށް އަޅުގަނޑަށް ވެސް ދެވިދާނެއޭ އޭރުން،" އައިސްތު ވިދާޅުވި އެވެ.
މަޖީދިއްޔާ އަށް 95 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު މެންދުރު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ޕްރިންސިޕަލް އައިސްތު (މ) އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ޑެޕިއުޓީ މިނިސްޓަރު ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ޕްރިންސިޕަލުންގެ ފޮޓޯތައް ފެނިވަޑައިގަތުމުން ވެސް އައިސްތު ވަރަށް ބޮޑަށް އިންސްޕަޔާވި އެވެ. މަޖީދިއްޔާ ސްކޫލުގައި އޭރު ގޮންޖެހުންތައް ބޮޑެވެ. މައްސަލަ ފުންޏެއް ހުއްޓެވެ. އެކަން އެނގިވަޑައިގެން ހުންނަވައި ވެސް އެކަމާ ކުރިމަތިލައްވަން ނިންމެވީ އެވެ.
އެ ނިންމުން ތާޖުއްދީން ސްކޫލުގެ ބެލެނިވެރިންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެޑިއުކޭޝަންގެ އެ ނިންމުމާ ދެކޮޅު ހަދައި ތާޖުއްދީން ސްކޫލުގެ ބެލެނިވެރިން އައިސްތު "ބޭނުންވެގެން" ދިޔައީ މުޒާހަރާ ކުރަމުންނެވެ. ޕެޓިޝަންގައި 2،000 އަށް ވުރެ ގިނަ ބެލެނިވެރިން ސޮއިކުރި އެވެ. އެ ދުވަހު ސްކޫލަށް ވަޑައިނުގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގީ ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެތީ އެވެ.
އައިސްތުއަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލެވެ. އޭނާގެ ނަން ފަވާލެވިފައި ވަނީ މަޖީދިއްޔާގެ ފުރަތަމަ ޕްރިންސިޕަލް ހުސައިން ސަލާހުއްދީންގެ އިތުރުން މުހައްމަދު ޖަމީލާއި އިބްރާހިމް ފަރީދު އަދި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާ އެއް ހަމައެއްގަ އެވެ.
"އެއީ ވަރަށް ބޮޑު ޝަރަފެއް. މި ކަހަލަ މުނާސަބަތެއް ފާހަގަކުރާއިރު، މަޖީދިއްޔާގެ ޕްރިންސިޕަލަކަށް އަޅުގަނޑަށް ހުރެވުމަކީ ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް ފުރަތަމަ އަންހެން ޕްރިންސިޕަލަކަށް ވުން އަދި މާ އުފާވެރި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އައިސްތު ވިދާޅުވި އެވެ.
އޭޕްރީލް 20، 2017- މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި ޕްރިންސިޕަލް އައިސްތު އަދި މިނިސްޓްރީގެ ބައެއް ވެރިން.--- ފައިލް ފޮޓޯ: މިހާރު
ޕްރިންސިޕަލެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. އޭނާއަށް މަޖީދިއްޔާ ތަފާތު އެތައް ގޮތަކުން ހާއްސަ އެވެ.
އައިސްތު ޓީޗިން ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ވެސް މަޖީދިއްޔާގަ އެވެ. އޯ ލެވެލް އިމްތިހާނު ނިންމެވުމަށް ފަހު، އުމުރުން 18 އަހަރުން ފެށިގެން އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި އުޅުއްވި އެވެ. އޭގެ ފަހުން ޕްރައިމަރީ އަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލް ފަދަ ސްކޫލްތައް ހުޅުވުމުން އޭނާ ބަދަލުކުރީ ޖޭއެސް އަށެވެ. އޭރު އެއީ ސުޕަވައިޒަރެކެވެ.
ޖޭއެސް އަށް ފަހު، އިމާދުއްދީން ސްކޫލްގައި މަސައްކަތް ކުރައްވަނިކޮށް، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އެދިވަޑައިގަތީ މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލެއްގެ މަގާމަށް ވަޑައިގަތުމަށެވެ. އެ ފަހަރު ވެސް އައިސްތު ވަރަށް ދެކޮޅު ހެއްދެވި އެވެ. މަޖީދިއްޔާ ފަދަ ބޮޑު ހިޔާއެއްގެ އިސްވެރިއަކަށް ވަޑައިގަތުމުގެ އުނދަގޫ ފެނިވަޑައިގަނެ އެވެ. އެހެންވެ، ސަލާމަތް ވާނެ ގޮތެއް ހޯއްދަވަން ވަރަށް އުޅުއްވި އެވެ.
"އަޅުގަނޑު އިސްމާއިލް ޝަފީއު އަށް ދެންނެވިން އަޅުގަނޑު ފެއިލްވާކަށް ބޭނުމެއް ނޫނޭ. އެ ސްކޫލުގެ ހާލަތު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއޭ. ވަޒީފާ ގެއްލޭކަށް ބޭނުމެއް ނުވެއޭ. އިސްމާއިލް ޝަފީއު ވިދާޅުވީ، ފެއިލްއެއް ނުވާނެއޭ. އެ ހާލަތުގައި ތިމަންނަ ހުންނަ ތަނެއްގައޭ އައިސްތު މަސައްކަތް ކުރާނީ. ތިމަންނަ އަށް ކޮށްދޭ ކަމެއްގެ ގޮތުގައި މިކަން ކޮށްދޭށޭ،" އައިސްތު ވިދާޅުވި އެވެ.
މަޖީދިއްޔާ އަށް 95 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު މެންދުރު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ޕްރިންސިޕަލް އައިސްތު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އިސްމާއިލް ޝަފީއުގެ ހިތްވަރު ދެއްވުމާއެކު، މަޖީދިއްޔާ އަށް އެ ފަހަރު ވަޑައިގަތުމުން އެ ތަނުގައި އޭރު ހުންނެވި ބިދޭސީ ޕްރިންސިޕަލް ހަވާލުކުރެއްވީ ސްޓޫޑެންޓް އެފެއާޒް ނުވަތަ ދަރިވަރުންނާ ގުޅޭ ކަންކަމެވެ. ދެން އިދާރީ މަސައްކަތްތަކެވެ.
"އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއަކަށް ވީ. ބޭރުގެ ޕްރިންސިލެއް ވީމާ ކުދިންނާ ގުޅޭ ހުރިހާ ކަމެއް އަޅުގަނޑަށް ދޫކޮށްލުމުން ވަރަށް ގިނަ ކަންކަން ދަސްވި. ސްކޫލް ހިންގުމުގެ ކަންތައްތަކުގައި އޭރު އަޅުގަނޑަށް ބައިވެރިވާން ލިބުމަކީ ތަޖުރިބާއަކަށް ވީ،" ޕްރިންސިލްކަމުގައި 13 އަހަރު ހޭދަކުރައްވާފައިވާ އައިސްތު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ހޭދަވީ މުއްދަތުގައި އައިސްތު އަމިއްލައަށް ބޭނުންވެގެން ވަޒީފާ ބަދަލުކުރައްވައިފައެއް ނުވެ އެވެ. އޭނާ އަށް ޖެހިވަޑައިގަތީ ސްކޫލްތަކަށް އޭނާގެ ބޭނުން ޖެހިގެން އެ ތަންތަނުގައި ހިދުމަތް ކޮށްދެއްވާށެވެ. މިހެން މިކަން ވިޔަސް ނަތީޖާއާ ދޭތެރޭގައި އޭނާ ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ. ކޮންމެ ބޭފުޅަކަށް ވެސް އައިސްތު ވަނީ ނަތީޖާ ނެރެދެއްވާ ޕްރިންސިޕަލަކަށެވެ. އެހެންވެ، އައިސްތު ބޭނުން އޮންނަނީ އިންޓަވިއުއަކާ ވެސް ނުލައި ޖެހިފަ އެވެ. އެހާ ބޮޑު އިތުބާރެއް އޮވެ އެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމާ މީގެ ހަތް އަހަރު ކުރިން އައިސްތު ހަވާލުވެވަޑައިގަތީ، އެ ސްކޫލުގެ ވަރަށް ގިނަ ކަންކަން ބޮއްސުންލާފައި ވަނިކޮށެވެ. ހިންގުމުގެ މައްސަލަތައް ގިނަ އެވެ. ކުދިންނާ ގުޅޭ، އިސްލާހު ގެންނަން ވެފައި ހުރި ކަންކަން ވެސް މަދެއް ނޫނެވެ. އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންނަށް ފެނިވަައިގެންނެވި އެއް ބަދަލަކީ އަންހެން ޕްރިންސިޕަލަކު ހަމަޖައްސައިފި ނަމަ ތަފާތެއް ފެނިދާނެ ކަމެވެ. ކުދިންގެ އަހުލާގީ މައްސަލަތަކަށް ހައްލެއް ލިބިދާނެ ކަމަށެވެ.
"އަޅުގަނޑު މަގާމާ ހަވާލުވިތާ ކުރީކޮޅު އަހުލާގީ މައްސަލަތަކުގައި ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ ކުދިން އަޅުގަނޑުގެ ކޮޓަރިއަށް ގެންނަންޖެހޭ. އަހުލާގީ ކަންކަން ވަރަށް ގޯސްކޮށް އޭރު އޮތީ. ބައެއް ފަހަރު އަޅުގަނޑު ވެސް ބިރުގަންނަ ފަހަރު އާދޭ އެ ކުދިންނާ ވާހަކަ ދައްކާއިރު. އެހާ ގޯސް އޭރު،" އައިސްތު ވިދާޅުވި އެވެ.
"މިހާރު ނަމަ ކުދިންގެ އަހުލާގީ މައްސަލަތައް އެއްގޮތަކަށް ނެތޭ ވެސް ބުނެވޭނެ. އަޅުގަނޑު ކައިރިއަށް ގެނެސް އެ ފަދަ މައްސަލަތަކުގައި ނަސޭހަތް ދޭންޖެހޭ ކުދިން ހަަމަ ނެތް."
މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ޕްރިންސިޕަލް އައިސްތު ވާހަކަދައްކަވަނީ.---ފައިލް ފޮޓޯ: މިހާރު
އައިސްތުގެ ލީޑަޝިޕްގައި އެންމެ ބޮޑު ކުރިއެރުން ގެނައި އެއް ދާއިރާއަކީ ކުޅިވަރެވެ. މަޖީދިއްޔާގެ ނަން ކުޅިވަރުގައި ފަނޑުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އެ ނަން ދިރުވައިދީފި އެވެ.
"އަޅުގަނޑު ހަވާލުވިއިރު މަޖީދިއްޔާ އަށް ކުޅިވަރުގައި ކާމިޔާބީއެއް ނުލިބޭތާ 15 ވަރަކަށް 16 ވަރަކަށް އަހަރު ވެދާނެ. އަޅުގަނޑު ވަދެގެން ފުޓުބޯޅަ ތަށި މަޖީދިއްޔާ އަށް 14 އަހަރު ފަހުން އެ ލިބުނީ. އަޅުގަނޑުގެ ދެވަނަ އަހަރު އެ ތަށި ލިބުނީ. ބައެއް ކުދިން އެ ތަށި ލިބުނީމާ ރުއި. ވަރަށް ގިނަ މުބާރާތްތަކުގެ ފައިނަލްގައި ކުޅެފައި ނޫނީ ޗެމްޕިއަންކަން ލިބުނު،" އައިސްތު ވިދާޅުވި އެވެ.
މަޖީދިއްޔާ އަށް 95 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު މެންދުރު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލުގެ އަހަރީ ފޮތް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ނެރެދެއްވާއިރު އަރިހުގައި ޕްރިންސިޕަލް އައިސްތު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އައިސްތު ހަވާލުވެގެން ވެސް އެކަޑެމިކަލީ ބަލާ ނަމަ މަޖީދިއްޔާ އަދި ދަތުރުކުރަނީ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަޑެމިކަލީ ވެސް އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަނީ. ގޯހެއް ނޫން،" އައިސްތު ވިދާޅުވި އެވެ.
މަޖީދިއްޔާ އަށް 95 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އައިސްތުގެ ހިދުމަތްތައް އޭނާ އަމިއްލަ އަށް ފާހަގަ ކުރެއްވުނީ ފެނިވަޑައިގެންނެވި ފޮޓޯތަކުންނެވެ. އުމުރުން 18 އަހަރުން ފެށިގެން އެ ސްކޫލުގެ އެކި ހަރުފަތްތަކުގައި އުޅުއްވި ދުވަސްވަރު އޭނާގެ ފޮޓޯތައް އާކައިވުން ފެނިވަޑައިގަތުމުން ހިތަށް އެރީ މަޖީދިއްޔާ ކަހަލަ ތަނަކަށް ކޮށްދެއްވުނު ހިދުމަތްތަކުގެ އަގު ބޮޑުކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ހުސައިންބެ
21 April 2022
އައިސްތުއަކީ ވަރަށް ސާދަ ވަރަށްގިަނަ މީހުންނާގުޅެ ހިތްހެޔޮ މިޒާޖެއްގެ ޕްރިންސިޕަލެއްކަން ވަރަށް ގާތުން އިނގޭ. ތާޖުއްދީން ސްކޫލަށް ހެޔ ބަދަލުތައް ގެނުވާ "ގިރާވަރު" ސްކޫލުގެ ޓެގުން ސަލާމަތްކުރުމުގައި އިސްތުގެ ހިންގުންތެރިކަން ފާހަގަކުރެވޭ. ބެލެނިވެރިންނާއި ޓީޗަރުންގެ އަޑުއަހާ ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ ބޭފުޅެއް. ވަކި އާއިލާއަކަށް ނިސްބަތްވާތީއެއްނޫން މި ވާހަކަލިޔުނީ. މީބެލެނިވެރިއެއްގެ ޝުއޫރު.
ޔާމީނު
20 April 2022
ނަމޫނާ ކަނބަލެއް. އަހަރަމެން ދެމަފިރިންގެ ސަލާމް.
އަބްދުﷲ ޖާދު
20 April 2022
އަސްލު އައިސްތަކީ ރަނގަޅު މެނޭޖަރެއް. ހީވާގި ހިނގުންތެރިއެއް
އާސީނުތަށި
20 April 2022
މަށަށް އައިސްތުއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނޭނގެ. އިނގޭ ކަމަކީ ސުކޫލުގަ އެއްވެސް ކަމެއް ދުވަހެއް ފާހަގަ ކުރަންޏާ ހުރިހާ ޚަރަދެއް ކުރަން ޖެހެނީ ދަރިވަރުން. ޑެކަރޭޓް ކުރަނީ ދަރިވަރުން ލައްވާ ހަދާ މަލާ ތަރިއާ ފިޔައިން. ހަދިޔާ ދެނީ ކުދިން ލައްވާ ގަނުވައިގެން ގެންގޮސް. ކުޅިވަރު މުބާރާތަކުން ވަނަ ލިބުނަސް ދެނީ ޖޫސް ފުޅިއެއް. ސައިފަތް ފޮއްޓެއް. މަގޭ ދަރިއެއް ތިތަނަށް ނުފޮނުވާ ވަންޏާ ނުފޮނުވާވޭތޯ މަ ބަލާނީ. މިއީ މަޖީދިއްޔާ ވީމަ ޚާއްސަ ކުރާ ސުކޫލެއް
ފެއެ
20 April 2022
ހަރަދު ކުރަނީ ދަރިވަރުން ލައްވާ ކަމަށް ވަންޏާ ދެރަ. އެކަމަކު ދަރިވަރުން ލައްވާ ޑެކަރޭޓު ކުރުމާ އެއްޗެހި ހެދުން އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް.
އިބްރޫ
20 April 2022
އައިސްތު މެޑަމްއަކީ ރައީސް އިބޫގެ ދައްތަ. ކޮއްކޮއެއް ނޫން. އަހަރެންނަކީ އައިސްތު މެޑަމް ތާޖުއްދީން ސްކޫލަށް ޕްރިންސިޕަލްކަމަށް ވަޑައިގެންނެވި އިރު ދަރިވަރެއް. ފުރަތަމަ އަހަރު ތެރޭގައި ސްކޫލުގެ ހިންގުމާއި، ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ގުޅުމާއި، އަދި ޒިންމާދާރު ސްޓޫޑެންޓް ލީޑަރޒް އުފައްދަވަން ކުރެއްވި މަސައްކަތުގެ ފޮނި މޭވާތައް އަހަރެމެންނަށް ފެންނަން ފެށި. މިއީ ހަމަ ޖަވާހިރެއް ފަދަ ފިސާރި އަންހެނެއް. ވަރށް ލޯބިވޭ މެޑަމް ދެކެ ❤️
ޗކ
19 April 2022
ތިޔައީ ފެއިލިއަރުން. ކޮންކަމެއް ކުރެވުނީ ތިމީސްމީހުންނަށް.
ހަސަންދީ
19 April 2022
ސްކޫލެއްގެ ޓީޗަރުކަމުން ފެށިގެން ޕުރިންސްޕަލަކާ ހަމަޔައް ދިޔުމަކީ އަމުދުން އަންހެނަކަށް ކުޑަކަމެއްނޫން، އައިސްތު ވެދެއްވީ ޤައުމަށްޓަކައި އަގުނުކުރެވޭނެ ޤުރުބާނީއެއް ތިމާގެ ދަތިންނާއި ތިމާގެ ފިރިމީހާ ގުރުބާން ކުރުމަށް ފަހު މުޅިދުވާލު ހަތަތުދަމާއި އަދި ރޭގަޑުން ބައެއް ހޭދަ ކުރަނީ އަޅުގަޑުމެންގެ ލޮބުވެތި ދަރީންގެ ޙައްޤުގައި، އައިސްތުއަށް ސެލިއުޓްކުރަން، ކޮންމެ ބެލެނިވެރިއެއްގެ ހިތުގައިވެސް ޝުކުރުގެ ބަސް ނޫންދެވައެއް ނުވާނެ ޝުކުރިއްޔާ އައިސްތު..
މަހޯލި
19 April 2022
އައު ކޮންމެ އެއްޗަކީ ބައުވާނެ އެއްޗެކެވެ ފަނޑުވާނެ
ބެލެނިވެރިޔާ
19 April 2022
ހުރިހައި ކަމެއް އޮންނަނީ ބޮއްސުންލާފައި. މެނޭޖުމެންޓުގެ ކަންފުޅެއްވެސް ނެތް، ޖެހިގެން ހުއްނަނީ ޒާތީ ވެގެން ގޮސް ހައްދު ފަހަނަޅައިފައިވަ ކަނބަލެއް، ހުސް އަންހެނުން. ތިމާ ބޭނުންވާ ގޮތަށް ހުރިހައި ކަމެއް ކުރާނީ. ހީވާ ވެރިމީހާއަކީ ވެސް ތިމާހެން.