ވެރިކަމުގެ ދެ ވަނަ ދައުރަކަށް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.

ދެ ވަނަ ދައުރަކާ ގުޅޭގޮތުން ޕްރެސް ކޮންފަރެންސްތަކުގައި ރައީސަށް ސުވާލު ދެންނެވުމުން އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެކަމާ މެދު ނުވިސްނަވާ ކަމަށެވެ. އެންމެ އިސްކަމެއް ދެއްވަނީ އަދި އަމާޒަކީ ފަސް އަހަރުގެ ދައުރަށް ވެވަޑައިގަތް ވައުދުތައް ފުރަތަމަ ފުއްދެވުން ކަަމަށެވެ.

އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުދައްކަވާ ކަމަށް މަބްރޫކް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ދިވެހި ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ވެސް އެހެން ބޭފުޅުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުން މުހިއްމު ކަމަށެވެ. އެއާ ވިއްދައި ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވަފާނެ ކަމަކަށް ލަފައެއް ނުކުރެއްވޭ ކަަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ސޯލިހާ އަޅުގަނޑާ ނޫން އެހެން ބޭފުޅުން ވެސް މި ރޭހުގެ ތެރޭގައި ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެ ވާހަކަ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމްކުރައްވަނީ. -- ފޮޓޯ/ މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާމްކުރައްވަނީ. -- ފޮޓޯ/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން ނަޝީދު މިގޮތަށް ވާހަކަ ދެއްކެވި އިރު، މި ފަހުން އެމަނިކުފާނު ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ނަޝީދު މިއަދު ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރެއްވުމުގެ ވާހަކަ ދައްކަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ނިޒާމަށް ތާއީދު ކުރައްވަން އެދިވަޑައިގެންފަ އެވެ. ކުރިން އެމަނިކުފާނު ގަބޫލުކުރެއްވި ގޮތަށް އަދިވެސް އެގޮތުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެ ގުޅުން ގޯސްވި އެއް ސަބަބަކީ ބަރުލަމާނީ ނިޒާމެވެ. އެ ނިޒާމުގައި ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގަތުމުން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ރައްޔިތުން ނިންމައިގެން ތިބި ރިޔާސީ ނިޒާމް ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންނަށް ކަމަށެވެ. އެއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.