ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަން 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާ އެވެ.
އެ މަސައްކަތުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އާއި އިންޑިއާ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިން ވަނީ ސޮއިކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖައްސާފައިވަނީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެވެ. އެކަމަކު ހޮސްޕިޓަލްތައް އަޅަން ދިނީ ކިހާ މުއްދަތެއް ކަން އަދި ސާފެއް ނޫނެވެ.
މިނިސްޓްރީން ބުނީ އެއީ އަންސޮލިސިޓެޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އެކަމަށް ފައިނޭންސްކުރަން ހަމަޖައްސާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ ހޮސްޕިޓަލްތަކުގެ އިތުރުން، އިތުރު އެހެން ރަށްރަށުގައި ވެސް ހޮސްޕިޓަލްތައް އިމާރަތްކޮށްދޭނެ ބަޔަކު ހޯދަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.