ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން އެތަނުގެ ތެރެއަށް ވަދެގަނެ އިންޒާރުދީ ހިންގި ހަމަނުޖެހުމުގައި ޕީޕީއެމްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ބަޔަކު ހިންގި ހަމަނުޖެހުމުގައި އިދިކޮޅު ޕީޕީއެމަށް ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. މި ތުހުމަތު ގުޅުވަނީ، ޕާޓީގެ އޮފީހުގެ ތެރެއިން ރޭ ފަތިހު ދިދަތަކެއް ނެރެ ބަޔަކާ ހަވާލުކޮށްފައިވާތީ އެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޕީޕީއެމުން މި ފަހުން ބޭއްވި ޖަލްސާއެއްގައި ބޭނުންކުރި ޝަހާދަތުގެ ދެކަލިމަ ލިއެފައިވާ ހުދުކުލައިގެ ދިދަތައް އެ އޮފީހުން ނެރެނީ ފަތިހު އެވެ. މި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގީ ޕީޕީއެމާއި ސަލަފުން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެކަމަކު ޕީޕީއެމުން މި ތުހުމަތު ދޮގު ކުރެ އެވެ. އަދި ދީނީ ޖަމިއްޔާ ސަލަފަށް މިކަމާ ގުޅިގެން އަމާޒުވާ ތުހުމަތަށް އެ ޖަމިއްޔާއިން ވެސް ވަނީ އިންކާރުކޮށްފަ އެވެ.

ޕީޕީއެމްގެ އޮފީހުން ދިދަތައް ނެރޭ ފޮޓޯ: މިކަން ހިނގި ގޮތް ސާފުވާނީ ހަރަކާތް ކޮމިޓީއާ ވާހަކަ ދެކެވުމުން ކަަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި.
ޕީޕީއެމްގެ އޮފީހުން ދިދަތައް ނެރޭ ފޮޓޯ: މިކަން ހިނގި ގޮތް ސާފުވާނީ ހަރަކާތް ކޮމިޓީއާ ވާހަކަ ދެކެވުމުން ކަަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "މިހާރު" އަށް ވިދާޅުވީ އެ ޕާޓީއަކީ އެއްވެސް ހަމަނުޖެހުމަކަށް ހިތްވަރުދޭ އަދި އެފަދަ އެއްވެސް ކަމެއް ހިންގާނެ ޕާޓީއެއް ނޫން ކަމަށެވެ. ޔޯގާ ހަރަކާތާ ދެކޮޅަށް ގެންދިޔަ އަޑުއުފުލުމާ އެ ޕާޓީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުށްވެރިކުރަން ހަމަނުޖެހުން ހިންގުން. މި ޕާޓީއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން އެއީ،" ޔޯގާ އިވެންޓުގައި ހިނގައިދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ޕާޓީ އޮފީހުން ދިދަތަކެއް ނެރެނީ ކަމަށް އާއްމުވި ފޮޓޯ އޭނާއަށް ވެސް ފެނިވަޑައިގަތް ކަަމަށާއި ގަލޮޅު ދަނޑު ސަރަހައްދުގައި ތިބި މީހުން ހިފައިގެން ތިބީ އެ ޕާޓީން ބޭނުންކުރި ދިދަތަކާ އެއް ވައްތަރުގެ ދިދަތަކެއް ކަަމަށެވެ. އެކަމަކު ސާފުކޮށް އެކަން ހިނގައިދިޔަ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު އޮޅުންފިލާނީ ހަރަކާތް ކޮމިޓީއާ ވާހަކަ ދެކެވުމުން ކަމަށް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ގައުމީ މައްސަލަތަކުގައި ޕީޕީއެމްގެ މެމްބަރުން ބައިވެރިވެ ހިޔާލުފާޅުކުރަން އެ ޕާޓީން ހުރަހެއް ނާޅާނެ އެވެ. އެފަދަ ކަންކަމަކީ ޕާޓީގެ ރަސްމީ ހަރަކާތެއް ނޫނަސް ވަސީލަތްތައް ދިނުން ފަދަ އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތް ކަމެއް ނަމަ އެކަން ކޮށްދޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހިންގާ ހަރަކާތްތަކުގައި ހަމަނުޖެހުން ފަދަ ކަންކަމަކީ އެ ޕާޓީއާ ގުޅުން އޮންނަ ކަންކަމެއް ނޫނެވެ.

ޔޯގާ އިވެންޓް ރަސްފަންނުގައި ނުބޭއްވޭނެ ކަމަށް ސިޓީ ކައުންސިލުން އެންގުމާ އެކު ގަލޮޅު ދަނޑުގައި ބާއްވަން ނިންމުމުން އެކަން ހުއްޓާލަން ބަޔަކު ސޯޝަލް މީޑިއާގައި ރޭ ދިޔައީ އަޑުއުފުލަމުންނެވެ. ޔޯގާ ހަރަކާތް، ދަނޑުގައި ފެށިއިރު ބަޔަކު ތިބީ އެ ސަރަހައްދަށް އެއްވެ އެވެ.

ބެރިކޭޑް ޖަހައި އެ މީހުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ތިބުމުން ފުރަތަމަ ތިބީ އަޑު އުފުލަން އެ ސަރަހައްދުގަ އެވެ. ދީނީ ޝިއާރުތައް ގޮވަމުން ދަނޑުތެރެއަށް ވަދެ ގަނެ، ހަމަނުޖެހުން ހިންގީ އެވެ. އެތަނަށް ވަން މީހުން ވަނީ އެ އިވެންޓަށް ސައި ހަދާފައި ވަނިކޮށް އެތަންމިތަނަށް ކާއެއްޗެހި ވެސް އުކާލައިފަ އެވެ. އޭރު ޔޯގާ މެޓު މަތީގައި ތިބި މީހުން ބިރުން ދުވެފައިވާ ދާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ.

"މި ތަނުން ނުކުމޭ"، "ﷲ އަކްބަރު" ގޮވަމުން އެ މީހުން ވަނީ ޔޯގާ ހަދަން ތިބި ބައެއް މީހުންގެ ކައިރި އަށް ގޮސް އިންޒާރު ވެސް ދީފަ އެވެ.

އެ އިވެންޓުގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ރާއްޖޭގައި ތިއްބެވި އިންްޑިއާ އާއި އެހެން ބައެއް ގައުމުތަކުގެ ޑިޕްލޮމެޓުން ވެސް ތިއްބެވި އެވެ.

ދަނޑަށް ވަދެގަތް މީހުން މައިތިރިކުރީ ފުލުހުން ގޮސް ޓިއާ ގޭސް ޖަހައިގެންނެވެ. ނަމަވެސް ދަނޑަށް ވަން މީހުން ވަދެގަތް ގަޑީގައި އެ ސަރަހައްދުގައި ތިބީ ހައެއްކަ ފުލުހުންނެވެ. ދަނޑަށް ވަން މީހުން ހުއްޓުވަން ފުލުހުންގެ ފައުޖެއް ދިޔައީ ފަހުންނެވެ.

މި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.