ފުލުހުންނާއި ސިފައިންނަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށް އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަންތަނަށް ޑިއުޓީއަށް ފޮނުވަމުން ދާ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް މިއަދު ފާޑުކިޔައިފަ އެވެ.

އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ މި މަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ސަރުކާރުން އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ނުބަލާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"މިހާރު ޔުނީފޯމް ބޮޑީސް، ފުލުހުންނާއި ސިފައިނަށް އަމުރުކުރަމުން މި ގެންދަނީ އެމީހުން ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަންތަނަށް ވޯޓުލާ ދުވަހު ދިއުމަށް. އެމީހުންގެ ޑިއުޓީއޭ އެއީ، ޑިއުޓީއަށް އެމީހުން އެ ތަންތަނަށް ދާންޖެހޭނެއޭ، އެހެންވެއްޖެއްޔާ އެމީހުންގެ ވޯޓުލުމުގެ ފުރުސަތު މި ގެއްލެނީ،" އޭނާ ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ތޮލާލް ވަނީ އީސީގެ ކުރީގެ ރައީސް އަދި މިހާރު ސްޓެލްކޯގެ އެމްޑީއަކަށް ހުންނަވާ އަހްމަދު ޝަރީފަށް ވެސް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޝަރީފް ދަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުލުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް ބިރުދައްކަމުންނެވެ.

"ސްޓެލްކޯގައި ހުންނަވައިގެން، ސްޓެލްކޯގައި އިލެކްޝަންސް ކޮމިޝަން ހިންގަވަމުން ގެންދަވަނީ. އިހަށް ދުވަހު މި ފެންނަނީ ޕޯޑިއަމަށް އަރާ ހުންނަވައިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ބިރުދައްކަނީ، ތިމަންނަމެންނަށް ވޯޓު ދޭށޭ، އެހެން ނޫނީ ތި ހުރިހާ ބޭފުޅުންގެ ވަޒީފާ ގެއްލޭނެއޭ،" އޭނާ ވިދާޅުވި އެވެ.

ޖަލު ހުމެއްގައި ހުންނެވި އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެސެޖެއް ކަމަށް ބުނެ އިއްޔެ ދައުރުކުރި ގަނޑުކޮޅުތަކާ ބެހޭ ގޮތުން ވެސް ތޮލާލް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި އެވެ. އެ ގަނޑުކޮޅުގައިވާ ގޮތުގައި، ޔާމީން މުއިއްޒަށް އިތުބާރެއް ނުކުރައްވަ އެވެ. ނަމަވެސް، އެ މެސެޖަކީ ޔާމީން ފޮނުއްވި އެއްޗެއް ނޫން ކަމުގެ ޔަގީން ތޮލާލް މިއަދު ދެއްވި އެވެ.

ގަނޑުކޮޅެއް ކަމަށް ތޮލާލް ވިދާޅުވީ، ހައި ކޯޓުގައި ބޭއްވި ޔާމީންގެ އިސްތިއުނާފް އަޑުއެހުމަށް އެ މަނިކުފާނު ވަޑައިގަތް ވަގުތު ޕާޓީގެ ދެ ބޭފުޅަކާ ޔާމީން ދެއްކެވި ކަމަށް ބުނާ ވާހަކައަށެވެ. އެއީ މުއިއްޒު ވެރިކަން ކުރައްވާނީ އަމިއްލައަށް ކަމަށް ވިދާޅުވެފައި ވާތީ އާއި ޔާމީނާ ބެހޭ ގޮތުން މުއިއްޒު ދައްކަވާ ވާހަކައިގެ ސަބަބުން މުއިއްޒަށް ވޯޓު ގެއްލޭނެ ކަމަށް ބުނާ ވާހަކަތަކެވެ.

ތޮލާލް ތުހުމަތުކުރެއްވި ގޮތުގައި، އެއީ ޔާމީން ދެއްކެވި ވާހަކައެއް ކަމަށް ބުނެ ގަނޑުކޮޅުތަކެއް ބެހީ ޕީޕީއެމްގެ އެތެރޭގައި ގަޑުބަޑު އުފެއްދުމަށް އެމްޑީޕީން ރާވައިގެންނެވެ. އެއީ އެމްޑީޕީގެ ނޫސް ކޮންފަރެންސެއްގައި ބެހި އެއްޗެއް ކަމަށް ވެސް ތޮލާލް ތުހުމަތުކުރެއްވި އެވެ.