މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދޭ ފޯމު ފުރުމުގައި ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދެން ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މީހުންނަށް އެހީތެރިވުމަށް މޭޒުތައް ބަހައްޓާފައި ހުންނާނީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭ ބައި (ތައިސޭކޮށި) އަދި ކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށް އިއުލާނުގައިވެ އެވެ.
ކައުންސިލުން ބުނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ފޯމު ފުރުމުގައި އެހީތެރިކަން ލިބޭނެ ކަމަށެވެ.
ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ. ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރު 26ގެ ނިޔަލަށް އޮތްއިރު ކައުންސިލުން ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފޯމު ފުރުމާއި ހުށަހެޅުމުގައި އެހީތެރިވާނެ ކަމަށެވެ.
ކައުންސިލުން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު އެމްޑީޕީން ވެސް ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އާންމުންނަށް ޝެޝަންތަކެއް ބާއްވަން ފަށައިފަ އެވެ.
އެ ސެޝަންތައް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގަ އެވެ.
ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅު ހިއްކާ ސަރަހައްދުން 2000 ގޯތި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް މި ސަރުކާރުން ހުޅުވާލީ މިދިޔަ މަހުގެ 29 ގަ އެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނި ވެސް 4000 އަށް ވުރެ ގިނަ މީހުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލި އެވެ.
މާލެއިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވާލިއިރު މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.