ރޭޕް ކުރި ކަމަށް ބުނެ އަންހެނަކު ސޯޝަލް މީޑިއާގައި ކުރި ތުހުމަތުތަކެއް، އެ މައްސަލަ ރައްދުވާ މީހާ ދޮގު ކޮށްފި އެވެ.

ޕޮލިހަށް މި މައްސަލަ ރިޕޯޓްކުރުމަށް ފަހު، ލިބުނު ޖަވާބާ މެދު ހިތްހަމަނުޖެހިގެން ޓުވިޓާގައި އެ ވާހަކަ ލިޔުނު އަންހެނަކު ބުނި ގޮތުގައި މީހަކު އޭނާ ރޭޕް ކޮށްލީ މިދިޔަ ހުކުރު ރައްޓެހިންތަކަކާ އެކު ހުޅުމާލެ އަށް ގޮސް އުޅެނިކޮށެވެ.

އޭނާގެ ލޯބިވެރިޔާ އެހެން މީހަކު ގެއަށް ލާން ދިޔަ ވަގުތު އެތަނުގައި ހުރި އެހެން ފިރިހެނަކު އޭނާ ގަދަކަމުން ސޯފާ މައްޗަށް އެއްލާލައި ރޭޕް ކުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ނަމާއި ފޮޓޯ ވެސް އޭނާ ވަނީ ޓުވީޓު ކޮށްފަ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެމުން ފިރިހެން މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތުހުމަތުތައް ދޮގު ކުރާ ކަމަށާއި ވީހާ ވެސް އަވަހަށް މައްސަލަ ތަހުގީގުކޮށް ހަގީގަތް ހާމަކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.

"އަހަރެން ދަންނަ އެންމެންނަށް އެނގޭނެ އަހަންނަކީ އަބަދުވެސް ރޭޕާ ދެކޮޅު މީހެއް ކަން،" އޭނާ ބުންޏެވެ.

އެ މައްސަލާގައި ފުލުހުން މިހާތަނަށް ބުނެފައި ވަނީ އެ މައްސަލަ ހިނގި ކަމަށް އަންހެން މީހާ ބުނިތާ ތިން ދުވަސް ފަހުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.