ސްޕީޑް އަވަސް, ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ބޮޑުތިލަދުންމަތި ގުޅާލުމުގެ ބޮޑު މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހްކޮށްދެއްވައިފި އެވެ.
ހއ. އާއި ހދ. އަދި ށ އަތޮޅުގެ ރަށްތައް ފެރީގެ ނިޒާމަކުން ގުޅާލައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. އެކަމަކު މި މަޝްރޫއު ރަސްމީކޮށް ރައީސް ފައްޓަވައިދެއްވީ ދިއްދޫގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
އާރުޓީއެލްގެ ފެރީ ނިޒާމުން ބޮޑުތިލަދުންމަތީގެ 41 ރަށް ވަނީ ގުޅާލައިފަ އެވެ. ޒަމާނީ ލޯންޗުގައި ދަތުރުކުރަނީ ހުރިހާ ފަސޭހަތަކަކާ އެކުގަ އެވެ. ދަތުރުތަކަށް ކުރިން ޓިކެޓް ބުކްކޮށްލައި، ބޭނުން ސީޓެއް ރިޒާވްކޮށްލެވެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލުއި ފަސޭހަގޮތްތަށް ހަމަޖައްސައިދެ އެވެ.
ހަފުތާއަކު 800ރ. ދަތުރަކަށް ހޭދަކުރި މީހުންނަށް ފެރީ ހިދުމަތާ އެކު ވަރަށް ބޮޑު ލުޔެއް ވަނީ ލިބިފަ އެވެ. ޑޮކްޓަރަށް ދެއްކުމަށާއި އެހެން ހިދުމަތްތަކަށް ކައިރި ރަށްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
ބޮޑުތިލަދުންމަތި ގުޅާލުމުގެ މަޝްރޫއު
- މަޝްރޫއުގެ ފޭސް1 ގައި، ޒޯން 1ގެ ހއ. ހދ. އަދި ށ. އަތޮޅު ގުޅާލައި ވަނީ ހިދުމަތް ފަށާފައި.
- ފޭސް2 އަދި 3ގެ ދަށުން، ބާކީ 17 އަތޮޅަށް ހިދުމަތް ދޭންފެށި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލާނެ.
- ޒޯން 1ގެ 41 ރަށަށް ކޮންމެ ދުވަހަކު ފެރީ އޮވޭ.
- ދަތުރުފަތުރުގެ ޝެޑިއުލް އާއި ޓިކެޓް ނެގުން ވަނީ ޑިޖިޓަލްކޮށްފައި.
އެމްޓީސީސީން ސިފަކުރާ ގޮތުގައި މި މަޝްރޫއާ އެކު ރައްޔިތުން ރަށު ބަންދުން ވީއްލިއްޖެ އެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގެ މަގު ވަނީ ހުޅުވިފަ އެވެ.