އެއްގަމު އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ގަވާއިދާ އެއްގޮތަށް ނެތް ނަމަ، ޖޫރިމަނާކުރަން ފަށަން ނިންމުމާ އެކު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ ނަމްބަރު ޕްލޭޓްތައް ހުންނަ އުޅަނދުތައް ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށަން ފުލުހުން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމްބަރު ޕްލޭޓްތައް ހުންނަން ވާނީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެކަމަކު ރައްޔިތުން އަތާއި އަނގަޔާ ދިމާނުވާ ހާލަތުގައި ތިއްބާ ފިޔަވަޅު އެޅުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރަން ވާނީ ވެސް އެކަމަށް މުނާސަބު ވަގުތެއްގައި ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ގަވާއިދު ބުނާގޮތުން ނަމްބަރު ޕްލޭޓްތައް ހުންނަން ޖެހެނީ އޭރިއަލް ބޯލްޑް ފޮންޓުން އަދި ހުދު ކުލައިގަ އެވެ. އަދި ވަކި ސައިޒެއްގައި އަކުރުތައް ހުންނަންޖެހެ އެވެ. ބޯޑު ހަރުކޮށްފައި ހުންނަން ޖެހެނީ ވެސް ވަކި ގޮތަކަށެވެ.
ގަވައިދާ ހިލާފަށް ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ހުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަން ހައްލު ކުރުމަށް މިވަގުތު ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ފެށި ސަބަބެއް ނޭނގެ އެވެ.