ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބަހުރި ކަމަށާއި އެ ބިލުތައް އަވަހަށް ނުދައްކައިފި ނަމަ ހިދުމަތް ކަނޑާލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސްޓެލްކޯއިން ދީފި އެވެ.
ރައްޔިތުން މަޖިލީހުގެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީގައި މިދިޔަ އަންގާރަ ދުވަހު ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ޕީއެސްއެމް އަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ކަރަންޓު ބިލަށް އެންމެ ގިނައިން ފައިސާ ނުދައްކާ އޮތް ކުންފުނި ކަމަށެވެ.
ޕީއެސްއެމުން ދައްކަން ޖެހޭ ކަރަންޓު ބިލުތަކުގެ ޖުމްލަ އަދަދު 80.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުދައްކާ ހުރި ބައެއް ބިލުތަކުގެ ޖުމުލަ އަދަދެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ޕީއެސްއެމުން ކަރަންޓުގެ ހިދުމަތް ކަނޑާލުމުގެ މަސައްކަތް ކުރައްވަމުން ދާ ކަމަށާއި އެކަން މިހާރު ފިނޭންސް މިނިސްޓްރީއާ ވެސް މިހާރު ހިއްސާކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެކަން ފިނޭންސް މިނިސްޓްރީ އަށް އެންގުމަކީ އުސޫލެއްގެ ގޮތުން ސްޓެލްކޯ އިން ކުރަން ޖެހޭ ކަމެއް ނޫނެވެ. ބިލު ނުދައްކާ ނަމަ ކަރަންޓު ކަނޑާލުމަކީ އެ ކުންފުންޏަށް ލިބިގެންވާ ހައްގެކެވެ.
"ސަރުކާރުގެ އެކި ތަންތަނުގެ ކަރަންޓް ބިލުތަކުން ސްޓެލްކޯ އަށް 499 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި.... އެއީ ސްޓެލްކޯގެ ހިދުމަތްތައް ފުޅާކުރުމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް،" ޝަރީފް ވިދާޅުވި އެވެ.
ބިލު ދައްކަން ފިނޭންސުން ޕީއެސްއެމް އަށް ފައިސާ ދިން
ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ކަރަންޓް ބިލުތައް ދެއްކުމަށް އެ ކުންފުންޏަށް އިހުތިޔާރު ދިން ނަމަވެސް، އެ އެއްބަސްވުމަށް ވެސް އިހުތިރާމުނުކޮށް، އެ ކުންފުނިން ބިލުތައް ދައްކާފައެއް ނުވެ އެވެ.
އެހެންވެ، އެ ބިލުތަކަށް ވާ ފައިސާ ހޯދުމަށް މިދިޔަ އަހަރު ފެބްރުއަރީ 2ގައި ސްޓެލްކޯ އިން ފިނޭންސް މިނިސްޓްރީ އަށް ސިޓީއެއް ވެސް ފޮނުވި އެވެ. އޭގެ ފަހުން، އެ އަހަރު އޮކްޓޯބަރު 4ގައި ކަރަންޓު ބިލުތައް ދެއްކުމަށް ފިނޭންސް މިނިސްޓްރީން ޕީއެސްއެމް އަށް 12 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ނަމަވެސް އެ 12 މިލިއަން ރުފިޔާގެ ތެރެއިން ޕީއެސްއެމުން ސްޓެލްކޯ އަށް ދައްކާފައި ވަނީ އަށް މިލިއަން ރުފިޔާ އެވެ. ބާކީ އޮތް 4 މިލިއަން ރުފިޔާ މިދިޔަ މަހުގެ ނިޔަލަށް ވެސް ދައްކައިފައެއް ނުވެ އެވެ.
ޕީއެސްއެމަށް ތުހުމަތުވާ 100 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، އެ ކުންފުނީގެ ބޯޑު ޖަވާބުދާރީކުރުވުމަށް އިއްޔެ ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވި ގޮތުގައި، ކަރަންޓް ބިލުތައް ނުދެއްކިފައި ވަނީ ނެޓްވޯކް ހިންގުމުގެ މަސައްކަތަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެން ކަމަށެވެ.
"ކަރަންޓު ބިލުގެ ވާހަކަދައްކާއިރު ޕީއެސްއެމްގައި މި ހިނގަނީ ވަރަށް އަގުބޮޑު އޮޕަރޭޝަންތަކެއް. އޭގެ ތެެރެއިން ގާނޫނުގެ ތެރޭގައި ލިޔެފައި އޮވޭ މި އޮޕަރޭޝަންތައް ހިންގަން ދައުލަތުން ފައިސާ ދޭންވާނެ، އެއީ ރޭޑިއޯ ޗެނަލްއަކާއި ޓީވީ ޗެނަލެއް ހިންގަން،" އޭނާ ވިދާޅުވި އެވެ.
"[ޕީއެސްއެމްގެ ނެޓްވޯކް ހިންގަން] 26 ތަނެއްގައި ރާއްޖޭގައި ޓްރާސްމީޓަރުތައް ހުރޭ. އެ ތަންތަނުގައި ވެސް ޓާރްސްމީޓަރު މައްސަލަ ޖެހިދާނެތީ މީހުން ބަހައްތަން ޖެހޭ، މަރާމާތުކުރަން ވެސް ހަރަދު ހިންގާ."
ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ރަނގަޅު ކުރަން ތިލަފުށީގައި ހެދި ތަނުގެ ކަރަންޓް ބިލަށް އެކަނި ވެސް މަހަކު 126،000ރ. އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުނީގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ޕްރޮގްރާމުތައް ހެދުމަށް ނޫން ކަމަށާއި، ބޮޑު ހަރަދު ހިންގަނީ ނެޓްވޯކް ހިންގުމަށް ކަމަށެވެ.
އަލީ ހާލިދު ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުވާން އޮތީ އެ ކުންފުނިން ހިލޭ ސާބަހަށް އިވެންޓުތައް ކަވަރު ކޮށްދިނުން ހުއްޓާލައި، ވިޔަފާރީގެ އުސޫލުން އެކަން ކުރެވޭނެ ގޮތް ހަދައިގެންނެވެ. މިހާރު ވެސް އެ ކުންފުނިން ގިނަ ހިދުމަތް ދެނީ އަގު ނުނަގާ ކަމަށެވެ.