މިދިޔަ ހުކުރު ދުވަހު، އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހަތަރު ދުވަސް ފަހުން މިއަދު ހުއްޓާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަ ސ. ހިތަދޫ، މުހައްމަދު މިންހާޖު، 28، ހޯދުމަށް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ އެކަނިވެސް 300 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި، ކަނޑުމަގުން ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާއި ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަ ކުރާފްޓް "ހަކުރާ" އިން 665 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުންޏެވެ.
ސިފައިންގެ ޑޯނިއާ މަތިންދާބޯޓުގައި ވައިގެމަގުން 2،000 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް ބުންޏެވެ.
އުސޫލު އޮންނަ ގޮތުން އެމްއެންޑީއެފްގެ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތައް އަބަދުވެސް ކުރިއަށް ގެންދަނީ ގިނަވެގެން ހަތަރު ދުވަހަށެވެ.
ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު އެ ލޯންޗުން ދެ މީހަކު ދަތުރުކުރިއިރު، އެތަނުން އެކަކު ވަނީ ފަތާފައި އއ. ފެރިދު އަށް އަރައިފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.
އެ މީހުންގެ ލޯންޗު ބަންޑުން ޖަހައިލީ ކިހިނެއް ކަމެއް އަދި އެ މީހުން އުޅުނީ ކޮން ދަތުރެއްގައި ކަމެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ. އެ ލޯންޗާ ގުޅިގެން ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންނާއި ސިފައިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.