އެއާޕޯޓުގައި އާ މަދާސް ރޫމެއް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާއްމު ސަރަހައްދުގައި ހުންނަ މަދާސް ރޫމް ނުވަތަ ޅަދަރިމައިންގެ ކޮޓަރީގެ ފެންވަރު ދަށްކަމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ ތަނުގައި އެފަދަ އާ ތަނެއް، ރަނގަޅު ވަސީލަތްތަކަކާ އެކު ހަދައި، މިއަދު ހުޅުވައިފި އެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އާ ކޮޓަރި ވެސް ހުޅުވީ އިންފޮމޭޝަން ކައުންޓަރު ކައިރީގައި، ފާޚާނާ ބަރިއާ ޖެހިގެން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާއްމު ސަރަހައްދުގައި މިއަދު ހުޅުވި މަދާސް ރޫމް --ފޮޓޯ: މިހާރު

މަދާސް ރޫމެއްގެ ގޮތުގައި ކުރިން ޕާޓިޝަނެއް ޖަހައިގެން ހަދާފައި ހުރި ކުޑަކުޑަ ގޮޅީގައި ހުރީ ބާ ސޯފާ ގޮނޑިއަކާއި ވަރަށް އާދައިގެ ޕްލާސްޓިކް މޭޒަކާއި ކުޑަ ޑަސްބިނެއް އެކަންޏެވެ. ތުއްތު ކުދިންގެ ނެޕީ ބަދަލުކޮށް ސާފުކުރާށާއި ގާތުން ކިރު ދޭން ބޭނުންކުރަން ހުރި އެ ކޮޓަރީގައި ފެން ނެގޭނެ ގޮތެއް ވެސް ނެތެވެ.

ނަމަވެސް އަލަށް ހުޅުވި މަދާސް ރޫމްގައި އެ ކަންކަން ވަނީ ރަނގަޅުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާއްމު ސަރަހައްދުގައި މިއަދު ހުޅުވި މަދާސް ރޫމް. ފޮޓޯ: މިހާރު

އެއާޕޯޓުގެ ޓާމިނަލް މެނޭޖަރު އަލީ ރަޝީދު ވިދާޅުވީ އާ މަދާސް ރޫމްގައި ފާޚާނާއަކާއި އަތް ދޮންނަ ތިން ސިންކު ހުންނާނެ ކަމަށެވެ. އަދި ނެޕީ ބަދަލުކުރާ މޭޒަކާއި ބުއް ދޭން އިށީންނާނެ ދެ ގޮނޑި ވެސް ބަހައްޓާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަލީ ވިދާޅުވީ އާއްމުންގެ ޝަކުވާތަކަކީ "ރަނގަޅު ފީޑްބެކެއް ކަމަށް ބަލައިގެން" ފާޚާނާއަކާ އެކު ފެންވަރު ރަނގަޅު މަދާސް ރޫމެއް ހުޅުވީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭ ކުރިން ހުރި މަދާސް ރޫމަކީ އެއްގޮތަކަށް ވެސް ރަނގަޅު ތަނެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާއްމު ސަރަހައްދުގައި މިއަދު ހުޅުވި މަދާސް ރޫމް. ފޮޓޯ: މިހާރު

އާއްމު ސަރަހައްދުގެ މަދާސް ރޫމަކީ ރާއްޖެ އަންނަ ފަސިންޖަރުންނާއި ޑޮމެސްޓިކް ދަތުރުތައް ކުރާ މީހުންނާއި ރާއްޖެ އިން ބޭރަށް ފުރަން ޗެކިން ވުމުގެ ކުރިން މިފަދަ ބޭނުމެއް ޖެހޭ މީހުންނަށް ހުރި ހަމައެކަނި ތަނެވެ. އެ ކޮޓަރި ބޭނުންކުރި ބައެއް މީހުން ވަނީ އެ ތަނުގެ ހަޑިމުޑުދާރުކަމާއި ސާފުތާހިރު ވެވޭނެ ގޮތެއް ނެތުމާއި ވަސީލަތްތަކުގެ ދެރަވަރު ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްގައި ކުރިން ހުރި ޅަދަރިމައިންގެ ކޮޓަރި. ފޮޓޯ: ޔުމްނާ އަލީ

މި ކޮޓަރީގެ އިތުރުން އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުގައި ވެސް މަދާސް ރޫމެއް ހުރެ އެވެ.