މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ފުލުހުން އަމިއްލަ އަށް ރޭ ބަންދުން ދޫކޮށްލުމުން އެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
ސްރީ ލަންކާ އިން ރާއްޖެ އަށް އައި އަރުޝަދު ބަންދުގައި ބެހެއްޓުމަށް ފަހު ފުލުހުން ރޭ އޭނާ ދޫކޮށްލީ އޭނާ ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އޮއްވަ އެވެ. އެއީ ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައި ވާތީ އެކަމާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުން އަރުޝަދު ދޫކޮށްލީ ހައި ކޯޓުގެ އަމުރަކާ ހިލާފަށް އަދި އެ އޮފީހުގެ ލަފައެއް ހޯދުމެއް ނެތި ކަމަށެވެ. އެހެންވެ، އެގޮތަށް ނިންމި ފުލުހުންނާއި އެކަމުގެ ލިޔުން ތައްޔާރުކުރި ފުލުހުންގެ މައްސަލަ އެންއައިސީން ބެލުމަށް އެންގުމާ އެކު، އެ މައްސަލަ ޕޮލިސް ބޯޑަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހައި ކޯޓަށް ހާޒިރުކުރުމުގެ ކުރިން އަރުޝަދު ދޫކޮށްލާފައިވާތީ ހައިކޯޓުން ވެސް ރޭ އޭނާ ބަންދެއް ނުކުރި އެވެ. އެކަމަކު އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން އަމުރުކުރި އެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުން ހައި ކޯޓުން އަރުޝަދު ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ އެވެ.
އަރުޝަދަކީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ފުލުހުން ބުނާ މީހެކެވެ. އެ މައްސަލާގައި އޭނާއަށް މިހާތަނަށް ދައުވާއެއް ނުކުރެ އެވެ.