ހިޔާގެ ޓަވަރެއް-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 އޮކްޓޯބަރ 2022 - 18:32
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަކަށް، މާ އަގު ބޮޑުކޮށް ހިންގި މަޝްރޫއެއް ކަމަށާއި ގިނަ އަދަދެއްގެ މީހުން ފްލެޓަށް ކުލި ނުދައްކާ ކަމަށް ވޯލްޑް ބެންކުން ބުނެފި އެވެ.
ވޯލްޑް ބެންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނާ ގޮތުން މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ހިޔާ ފްލެޓުގައި 6،338 އާއިލާ ދިރިއުޅެން ފަށާފައި ވާއިރު އޭގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކަ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ސަރުކާރުން ދޫކޮށްފައިވާ އެކި ސޯޝަލް ހައުސިން ޔުނިޓުތަކުން ވެސް 800 އަށް ވުރެ ގިނަ މީހުން ކުލި ނުދައްކާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ކުލި ނުދައްކާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ބަޔަކު ޖޫރިމަނާކޮށްފައިވާ ކަމެއް ނުވަތަ ކުލި ނުދައްކާ މީހުންގެ އެއްވެސް ތަފާސް ހިސާބެއް އެ ކުންފުނިން އާންމެއް ނުކުރެ އެވެ.
ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުލި ދައްކަން އިތުރު ފުރުސަތު ދިނަސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. އަދި އެ މީހުން އަތުން ފްލެޓް އަތުލުމުގެ ބާރު އެޗްޑީސީ އަށް އޮންނަ ކަމަށާއި ނަމަވެސް އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ހިޔާ ފްލެޓްގެ ކުއްޔާ ބެހޭގޮތުން ފްލެޓްތަކުގައި ހަރުކުރި ބެނާތަކެއް -- ފޮޓޯ/މިހާރު
ހިޔާ މަޝްރޫއުގެ ޑިޒައިނާއި އެ ތަންފީޒު ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ވޯލްޑް ބެންކުން ވަނީ ތިން މައްސަލައެއް ފާހަގަ ކޮށްފަ އެވެ.
އެއް ކަމަކަށް ވޯލްޑް ބެންކުން ބުނީ ހިޔާގެ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށެވެ. އަދި ކޮންމެ ޓަވަރެއްގައި ކުޑަ ހަތަރު ލިފްޓު ހުންނަ އިރު ޕީކް ގަޑިތަކުގައި އެތަން ތޮއްޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ލޮބީ އޭރިއާ ބޮޑު ކުރުމަށް އެޗްޑީސީ އަށް އިތުރު ހަރަދުކުރަން ޖެހުނު ކަމަށް ވޯލްޑް ބެންކުން ބުންޏެވެ.
އޭގެ އިތުރުން ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅޭ މީހުން އަމިއްލަ އަށް ހަދަން ޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި ބީއެމްއެލް އިން ލޯނުތަކެއް ހަމަޖައްސާފައިވީ ނަމަވެސް ގިނަ މީހުންނަށް އެވަރުގެ ހަރަދެއް ކުރަން ދަތިވާނެކަން ފާހަގަކޮށްފައިވެ އެވެ.
ހިޔާގައި އުޅޭ ގިނަ ބަޔަކު ކުލި ނުދައްކާ ކަން ހާމަވެފައިވާ އިރު އެ ފްލެޓުގެ ވެރިން މީގެ ކުރިން ކޮށްފައިވާ އިހުތިޖާޖުތަކުގައި ވަނީ ކުލި ކުޑަ ކުރުމަށް ގޮވާލައިފަ އެވެ. އަދި ބައެއް ފްލެޓުތަކުގެ ބޭރުގައި މިހާރު ވެސް 5،600ރ. އަށް ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާ ހަރުކޮށްފައި ހުއްޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމްޒީ1
16 October 2022
މާލޭގައި ބޮޑުކުލީގައި އުޅުންއިރު ދެއްކޭ ފުލެޓަށް ކުޑަކުއްޔަށް ދިޔައީމާނުދެއްކޭ އަދި އެވެސް 20 އަހަރު ފަހުން އަމިއްލަވާގޮތަށް ވީމާ ކުލި ނުދައްކާ މީހުން ބޭރުކޮށްފަ ދެއްކޭ މީހުންނަށް ތިތަންތަން ދީ ތީއެތަށް ބައެއްގެ ހައްގު އެކުލެވޭ ކަމެއްމީ !!! މާލޭގައި ބޮޑު ކުލި ނުދައްކައިފިއްޔާ 2 މަސް ވާއިރު ބޭރުކޮށްލާ ސިފައިން އައިސް ވީމާ ސޯޝަލް ހައުސިންއަށް ކުލި ނުދާކާމީހުން ހާމަކުރަން ގޮވާލަން އަދި އެމީހުނާއި ދެކޮޅަށް އަޑުވެސް އުފުލާ އެންމެންގެ ހައްގުގައި...
ދުނިޔެމަތި
16 October 2022
ވޯލްޑް ބޭންކުންވެސް ހިޔާފްލެޓްތަކުގެ ހާލު އެބަ ބަލާ... ޗައިނާއިން ކުރިކަމެއްވީމަ.
ބޮޑުރިޔާ
16 October 2022
މާލޭގައި ބޮޑުކުލީގައި އުޅުންއިރު ދެއްކޭ ފުލެޓަށް ކުޑަކުއްޔަށް ދިޔައީމާނުދެއްކުލި ކޮންކުލި ހިޔާކުލި
ބަޑިތަކުރު
16 October 2022
ތިޔަށްވުރެ މާކުދިކުދި ކަންކަމަށް ޤާނޫނުތައް ހެދިފައިވާއިރު ބޯހިޔާވަހިކަމާބެހޭ ޤާނޫނެއްގައި ކުލި ދެއްކުން ލާޒިމްކޮށް ކުލި ނުދައްކާނަމަ ދެވޭނެ އަދަބުތައް ކަނޑައަޅަންވީއެވެ. އޭރުން އިދާރާއަކުން ހަދާ ގަވާއިދަކަށްވުރެ ބޮޑަށް އެއަށް އަމަލުކުރަން ފަސޭހަވާނެއެވެ. އެފަދަ ގޮތަކަށް ކަންތައް ނުކޮށް ތިބެނީ ދައުލަތަށް ކިތަންމެ ގެއްލުމެއް ވިޔަސް ކުރިމަތީގައި އޮތް އިންތިޚާބަށް ނޭދެވޭ އަސަރެއް ފޯރަފާނެތީކަމަށް ބެލެވެއެވެ.
ހަސީ
16 October 2022
ކުލި ނުދައްކާ އުޅެވެނީ އެކަމާއި ގުޅުންހުރި އިދާރާ ތަކުގެ އިހުމާލުން. އަގު އަދި ބޮޑަސް ތަނާއި ހަވާލުވަނީ އެ އަގަށް އެއްބަސްވެގެން. އެހެންކަމުން އަގުބޮޑު ވުމަކީ ފައިސާ ނުދައްކަންއޮތް އުޒުރެއް ނޫން.
ހާމިދު ޝާހިދު
16 October 2022
ސޯޝަލް ހައުސިންގ އަކީ ވަރަށް އާދައިގެ ގޮތަކަށް ދެވޭ ހައުސިންގ އެއް. އެއްވެސް މީހަކު ސޯޝަލް ހައުސިންގައި ތިމަންނާ މިދަނީ ލަގްޒަރީ ހޮޓަލަކަށް ކަމަށް ގަބޫލު ކޮށްގެން ނުވާނެ. ބޭސިކް ނީޑްސްތަކެއް އެތަނުން ފުއްދާދޭނީ. ކުލިވެސް އިންތިހާއަށް ކުޑަ ކުރަންޖެހޭނެ. ދެން އޮތީ 20،000 އިން މަތީގެ މުސާރަ އާއި އާމްދަނީ ލިބޭ މީހުންނަށް އޭ، ބީ، ސީ، ޑީ، އީ ކެޓެގަރީއާ ހަމައަށް އެޕާޓްމެންޓް، އެތަންތަންތަން ހިންގާނީ އަމިއްލަ ކުންފުނިތަކުންވީމާ ކުލި ނުދައްކާ ނުތިބެވޭނެ.
ލުކު
16 October 2022
ފުލެޓުނޭޅޫނު އިބުރާހިމު
ސޮލިއުޝަން
16 October 2022
މިސަރުކާރުންވެސް އެއަދަދަށް ފްލެޓް އެޅިނަމަ މިވަގުތަށް ބޯހިޔާވަހި ކަމަށް ހައްލެއް ދެވުނީސް
އެބުނި ކުލި
15 October 2022
ކުލި ނެގުން ދޯދިޔާ ކޮއްލީ ސަރުކާރުން ގަސްތުގައި. ބޭނުމަކީ ކޮންމެސް ބަހަނާއެއްގަ ބޭސިކް ހައުސިން ސްކީމް ހުއްޓާލުން. އެއީ ހިލޭ ބަހާލެވޭ ބިންތަކުގައި މަހުޖަނުން ހަދާ ބިޔަ އިމާރާތްތަކުގެ ޑިމާންޑް ހިފަހައްޓާ އެމީހުންގެ ފައިދޮށަށް ނިކަމެތިން ތިރިކުރަން.
މީ ކޮންމެވެސް މީހެކޭ
16 October 2022
މިއީ ޙައްޤު ތެދުކަން އަޅުގަނޑުގެ މި ކޮށި ވިސްނުމަށްވެސް ޤަބޫލުކުރެވޭ.. އެކަމަކު ޙައްޤު ބަހެއް ބުނެގެން ވާނެ އެއްވެސް ފައިދާއެއް މި ޒަމާނަކު ނޯވޭ...
ރ ޔާމީން
15 October 2022
ދެން އަންނަ ސަރު ކާރެއް ގައި ރައީސް ކަން ކުރާނީ މަ