ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން އެންގި އެންގުން ބާތިލްކުރަން އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަކީ ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަކަށް ވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ނަގަން ފުލުހުން އެންގުމަށްފަހު ކޯޓު އަމުރެއްގެ ދަށުން މިދިޔަ އޭޕްރީލް މަހު ފުލުހުން އެގެއަށް ވަދެ، ބެނާ ނެގި އެވެ. އެކަމަކު ހައިކޯޓުން ފަހުން ވަނީ ބެނާ ނަގަން ނެރުނު އަމުރު ބާތިލްކޮށްފަ އެވެ.
އެ މައްސަލާގައި ޔާމީން ސިވިލް ކޯޓުގައި ދައުވާ ކުރެއްވީ ބެނާ ނަގަން ފުލުހުން އެންގި އެންގުން ބާތިލް ކުރުމަށެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމީ ދައުލަތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ދައުލަތުން ނެގި އިޖްރާއީ ނުކުތާއަކީ ޔާމީންގެ ފަރާތްޕުޅުން މި މައްސަލާގައި އެދޭ ކަންކަމަކީ ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަންތައްތަކަށް ވާތީ ސިވިލް ކޯޓުން އެކަމާ މެދު އަލުން ގޮތެއް ނުނިންމޭނެ ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުގެ ނިންމުމުގައިވަނީ ޔާމީންގެ ފަރާތްޕުޅުން އެދިފައިވަނީ ފުލުހުން އެންގި އެންގުން ބާތިލްކުރަން ކަމަށާއި އެކަމަކު އެއީ ހައި ކޯޓުގައި ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނު ކަންކަން ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުން ފަދަ އެހެން ކަމަކަށް ސިވިލް ކޯޓުގައި އެދިފައިނުވާ ކަމަށާއި އެހެންވެ، ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަކާ ގުޅިގެން ސިވިލް ކޯޓުގައި އަލުން ބަހުސްކޮށް، ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ނިންމީ ކަމަށް އެ ހުކުމުގައިވެ އެވެ.
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގެ ދަށުން ފުލުހުން ނިކުމެ، އާންމު ތަންތަނުގައި ހުރި އެފަދަ އެހެން ބެނާތައް ވެސް ނެގި އެވެ.