ކެރޭނު ވެއްޓުމުން ފުރާނަ ސަލާމަތްވީ ކިރިޔާ!

ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮތް ލ. ގަމު "މިޔަވާލި 4" ދޯނީގެ ކެޔޮޅު، ހުސެން ހަނީފު އެ ވަގުތު އިނީ އެ ދޯނީގެ ކޮޅުފަސްކޮޅުގައި އިންޖީނު ކައިރީގަ އެވެ. ގާތްގަނޑަކަށް 80 ފޫޓުގެ ދޯނީގެ އިންޖީނު މަރާމާތުކުރަން އިންޖީނު ރޫމުތެރޭގައި އިތުރު މީހަކު އުޅުނެވެ. ކުއްލިއަކަށް ހަނީފަށް ފެނުނީ ބޯމަތިން އެ މީހުންނާ ދިމާއަށް ކެރޭނެއްގެ ބިޔަ ދަނޑި ވެއްޓޭ ތަނެވެ.


"ސަލާމަތްވީ ކިހިނެއް ކަމެއް ބުނާކަށް ވެސް ނޭނގެ. ބަލަބަލާ ހުއްޓައި، އެ ދަނޑި ވެއްޓުނީ ސީދާ އަޅުގަނޑު އިން ތަނާ ދިމާއަށް ދޯނީގެ މައްޗަށް،" އެ ނުރައްކާތެރި ހާދިސާގައި ފުރާނަ ސަލާމަތްވުމުން، އުފަލުން ރޮވިފައި ހުރި ހަނީފު ބުންޏެވެ.

"ހިއެއް ނުކުރަން އިންޖީނު ރޫމްގެ ތެރޭގައި އިން މީހާ ވެސް ސަލާމަތްވާނެ ކަމަކަށް. އެކަމަކު އޭނާ ވެސް އަޅުގަނޑުމެން ވެސް ވަރަށް އެހެން ކަހަލަ ގޮތަކަށް ސަލާމަތްވީ."

ހޯނޑެއްދޫ އުތުރު ފަރާތުގައި ހޮރައިޒަން ފިޝަރީޒް އިން ހަދާފައި އޮންނަ ސައިޓް ކައިރީ ފަޅުތެރޭގައި މިއަދު މެންދުރު ފަހު ހިނގި މި ހާދިސާގައި، ކެރޭނު މޫދަށް ވެއްޓި އެއްކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި ދޯނި ދެ ބުރި އަށް ބުރިވެ، އެކަކަށް ވަނީ އަނިޔާވެފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން، ކެރޭނުގެ ދިވެހި ޑްރައިވަރާ ހަވާލާދީ ބުނިގޮތުގައި، ހޮރައިޒަން ފިޝަރީޒްގެ އެ ބޮޑު ވެހިކަލް އޭނާ ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގަ އެވެ. މޫދަށް ވެއްޓުނީ ކެރޭނުގެ ބްރޭކް ހަލާކުވެފައި ހުރުމުން އޭތި ކޮންޓްރޯލް ނުވެގެން ކަމަށްވެ އެވެ. އޭރު އެތަނުގައި މިޔަވާލި ދޯނި އަޅާފައި އޮތީ އިންޖީނު މަރާމާތު ކުރުމަށެވެ.

ކެރޭން ކޮންޓްރޯލް ނުވެ މޫދަށް ވެއްޓެން ދާން ފެށުމުން ޑްރައިވަރު ވަނީ ވަކި ހިސާބަކުން އެއިން ފުންމާލާފަ އެވެ.

މިޔަވާލި ދޯނި ފަޅުތެރޭގައި: މި ދޯނި ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި

އެ ހާދިސާ ހިނގި މަންޒަރު އެކަކު ވަނީ ރެކޯޑްކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކެރޭނު މޫދަށް ފުރޮޅާލުމުން އޭގެ ދަނޑި ގޮސް ޖެހުނީ ދޯނީގެ ކޮޅުފަސްކޮޅުގަ އެވެ. އެއާ އެކު ކޮޅުފަސްކޮޅު އެއްކޮށް އަޑިއަށް ގޮސް ދޯނި ކޮޅަށް ޖެހުނެވެ. އޭރު ދޯނީގެ ގެގަނޑު ތެރޭގައި ވެސް މީހުން ތިއްބެވެ.

"ދަނޑި އައިސް ވެއްޓުނީ އަޅުގަނޑުމެން ތިބި ތަނާ ކައިރިއަށް. ދުއްވައިގަންނަން އުޅެނިކޮށް އަޅުގަނޑު ކައްސާލައިގެން ވެއްޓުނީ މޫދަށް. އެކަމަކު އުފެދުނު ބާނިގަނޑު ތެރޭގައި އަނެއްކާވެސް ދޯނީގެ ތެރެއަށް ޖެހިއްޖެ،" ހަނީފު ބުންޏެވެ.

ހަނީފު ބުނި ގޮތުގައި ދޯނީގެ 18 ފަޅުވެރިންގެ ތެރެއިން އެ ވަގުތު ދޯނީގައި ތިބީ އޭނާގެ އިތުރުން ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު ތިބީ ދިރުނބާކޮޅުގަަ އެވެ. އަނެއް ތިން މީހުން ތިބީ ދޯނީގެ ކޮޅުފަސްކޮޅުގަ އެވެ. ބާކީ 12 ފަޅުވެރިން ތިބީ ދޯންޏާ ކައިރީގައި އެއްގަމުގަ އެވެ.

ދޯނީގެ މައްޗަށް ކެރޭން ވެއްޓުމުން ދޯނި ފެތިފައި: އެ ކެރޭން މިހާރު އޮތީ މޫދު އަޑީގައި ފޮޓޯ: ފޭސްބުކް

ދޯންޏާ ދިމާއަށް ކެރޭން ވެއްޓެމުން ދާ ތަން ފެނުމުން އެ މީހުން ބިރުން ހަޅޭއްލަވަމުން ދިޔަ އެވެ.

ހަނީފު ބުނީ ތިން މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ލޯނެއް ނަގައިގެން މީގެ ހަތް މަސް ކުރިން ގަތް ފައިބަރު ދޯނި މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ގާތްގަނޑަކަށް ދެ ބުރިއަށް ބިނދުނު އިރު އެތައް ލައްކަ ރުފިޔާއެއްގެ އަގުހުރި އިންޖީނު ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ނަފުސާނީ ގޮތުން އަދިވެސް މިތިބީ ޝޮކެއްގައި. ހީނުކުރާ ކަހަލަ ގޮތަކަށް ފުރާނަ ސަލާމަތްވި އިރު ދޯނީގެ ދުވަސް މިވަނީ ގޮސްފައި،" ހަނީފު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ކެރޭނު ދުއްވަން އިނީ ލައިސަންސް ނެތް ދިވެއްސެކެވެ. މި މައްސަލަ މިހާރު އަންނަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.