އެހެން ދީންތައް ގެންނަން ބަޔަކު މަސައްކަތް ކުރޭ: އަޒްލީން

ރާއްޖެ އަށް އެހެން ދީންތައް ގެންނަން ބޭރުގެ ބައެއް ޖަމިއްޔާތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮތުމަކީ ބައެއް ގައުމުތަކުން ކަންބޮޑުވާ ކަމެއް ކަމަށާއި އެހެން ދީންތައް ރާއްޖެ ގެންނަން އުޅުމަކީ އިހަކަށް ދުވަހު ފެށުނު ކަމެއް ނޫން ކަމަށެވެ. އެކަމަކު މިހާރު އެފަދަ ކަންކަން ކުރިމަތިވަނީ ނުރައްކާތެރި ގޮތްތަކަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބައެއް ޖަމިއްޔާތަކުން އެކަމަށް މަސައްކަތް ކުރަމުންދާ ކަން މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެހެން ދީންތަކަށް ރާއްޖެ އިން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ކަން އަޒްލީން ފާހަގަކުރެއްވި އެވެ.

"އެފަދަ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އެވަނީ ވަރަށް ސާބިތުކަމާ އެކު ވިދާޅުވެ، އެމަނިކުފާނުގެ އިޚްލާސްތެރި އަމަލުފުޅުތަކުން އެކަން ދައްކަވަމުން،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އަޒްލީން ވިދާޅުވި އެވެ.

ކޮމަންވެލްތުން ވަކިވާން ރާއްޖެ އިން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ ކަންތައްތަކަކުން ރައީސް ޔާމީން ޔާމީން ރާއްޖެ ސަލާމަތްކޮށް ދެއްވާފައިވާ ކަމަށެވެ. އަދި އިސްލާމް ދީނަށް ގޮންޖަހާ ގައުމުތަކަށް އެމަނިކުފާނު ރައްދު ދެއްވާފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެމަނިކުފާނު ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އެކަމުން އަބަދަށްޓަކައި ދިވެހި ރައްޔިތުން ސަލާމަތްކޮށް ދެއްވާފައި،" އަޒްލީން ވިދާޅުވި އެވެ.

ރާއްޖެ އަށް މިއަދު އައިސްފައިވާ ތަރައްގީގެ އަސްލަކީ އިސްލާމްދީން ކަމަށާއި މި ސަރުކާރަކީ އެ ދީން ކުރިއަރުވަން ޚާއްސަ އިސްކަމެއް ދޭ ސަރުކާރެއް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ. އެގޮތުން ދީނީ އިލްމުގެ ދާއިރާ އިން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދިނުމާއި މިސްކިތްތައް އިތުރު ކުރުމާއި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުން ފަދަ އެތައް މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް އަޒްލީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، އިސްލާމް ދީން ހިމާޔަތް ކުރުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫން ކަމަށެވެ. އެހެންވެ އެކަމަށް ރައްޔިތުން ވެސް އިސްނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދީނީ މައުލޫމާތު އަންނަ އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަކީ ރައްޔިތުންގެ ކިބައިގައި އޮތް އަމާނާތެއް ކަމަށާއި އެއީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ދައުލަތުގެ އިސްވެރިއަކަށް ވަކި މީހަކު ހުރީމަ ދީނީ ކަންކަމަށް ވާހަކަ ނުދެކެވެންޏާ އެއީ ވިސްނުމުގެ މައްސަލައެއް. ދައުލަތުގެ ވެރިއަކަށް މި އަންނަނީ މާތް ﷲ ދެއްވާ ނިއުމަތުން،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

މީގެ އެތައް އަހަރުތަކެއް ކުރިން އިސްލާމީ ބޮޑެތި ދައުލަތް ވެއްޓި، މުސްލިމުން ނިކަމެތިވެގެން ދިޔަ އެއް ސަބަބަކީ އިލްމު ފޯރުކޮށް ދިނުމުގައި އިހުމާލުވުމާއި ދީނީ އިލްމު ފެތުރުމުގައި އިލްމުވެރިން އިހުމާލުވުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މިފަދަ ކަންކަމުން މިސާލު ނަގައި، މިކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.