ވަގުތީ ކޭބަލެއް އަޅައި ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓްތަކަށް ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދީފި އެވެ.
އެ ކުންފުނިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ. ހިޔާގެ ފްލެޓްތަކުގައި ކަރަންޓާއި ފެން ނެތި ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ހޭދަވި އެވެ.
މިއަދު ހެނދުނު ހިޔާ ފްލެޓްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލެއް ބުރިވެގެންނެވެ.
އެ ކުންފުނިން ކުރިން ބުނީ، މައި ކޭބަލަށް ގެއްލުންވީ، ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ. އެހެންވެ، އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ކަރަންޓު ކެނޑި ގިނައިރުތަކެއް ވުމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް ޓަވަރުތަކުން މިއަދު ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ވިއްސަކަށް ހާސް މީހުން ދިރިއުޅެ އެވެ. ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށި ވެސް ވި އެވެ.
އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާ އެކު އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.