ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފްކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ކޯޓުން މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އަމުރު ނެރުނީ ބްރޯޑްކާސްޓިން ކޮމިޝަނުން ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ނިންމި ނިންމުމުގެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ އެވެ. އެގޮތަށް އެ ކޮމިޝަނުން ނިންމީ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލައިސަންސް ނުލިބޭ ގޮތަށް ގަވާއިދު ހެދުމަށް ފަހު އެވެ.
ސިވިލް ކޯޓުގެ ވަގުތީ އަމުރު އޮތްގޮތުން އަންނަ ޖެނުއަރީ މަހު ދިރާގު ޓީވީގެ ލައިސަންސް ހަމަވިޔަސް، ކޯޓުން މައްސަލަ ނިމެންދެން އެ ކުންފުންޏަށް ހިދުމަތް ދެވޭނެ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށް ލައިސަންސް ނުލިބޭ ގޮތަށް ގަވާއިދު ހެދި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކުރި އެވެ.