އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދު: އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ދެ ރައީސުން. -- ފޮޓޯ | މިހާރު
30 ނޮވެމްބަރ 2022 - 13:59
އެމްޑީޕީގެ 60،000 މެމްބަރުންނަށް ސާފު ޖަވާބެއް ލިބުނީ އެވެ؛ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ އެވެ. ރަސްމީކޮށް އެކަން އަދި އިއުލާނެއް ނުކުރައްވަ އެވެ. އެކަމަކު ގާތް ބޭފުޅުންނާ އެކު ޕްރައިމަރީގެ ބައްދަލުވުންތައް ނަޝީދު ފައްޓަވައިފި އެވެ.
ނަޝީދު މި ދޭތެެރެއިން ޕްރައިމަރީގައި ވާދަކުރެއްވުމާ ދުރަށް ވާހަކަފުޅު ގެންދެވީ ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ފަހު އެވެ. ބަރުލާމާނީ ނިޒާމު ގެންނެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތަށް ޕާޓީގެ އެންމެ އިސް ގުނަން، ކޮންގްރެސްގެ ތާއީދު ނުލިބުނީ އެވެ. މި ނާކާމިޔާބީއާ އެކު އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ބެލެވުނީ އޭގެ ފަހުން ޕްރައިމަރީގެ ވާހަކަ ނުދެއްކެވުމުންނެވެ. ސަޕޯޓަރުން ސުވާލުކުރުމުން ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ސާފު ޖަވާބެއް ނުދެއްވި އެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ޕާޓީ ތެރޭގައި ހޫނުވެފައި އޮތް ކޯޅުމުގެ ތެރެއިން މިއީ، ދެ ރައީސުންގެ އަސްލު ފައިޓެވެ.
"މި ކޯޅުމެއް ޕްރައިމަރީއަށް ފަހު ވެސް ނުނިމޭނެ، ހަގީގީ ފައިޓާ ހަމައަށް މި އާދެވުނީ،" އެއް މެމްބަރަކު ވިދާޅުވި އެވެ.
އެމްޑީޕީގެ "ކޮންގްރެސް 2023": މިއީ މިހާތަނަށް އެމްޑީޕީން ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީ. --ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާގަ ނުދެއްވީ އެވެ.
އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.
ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ. ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ދެ ރައީސުން މިހާރު ފެންނަނީ ސިޔާސީ "ހަތުރުން"ގެ ގޮތުގަ އެވެ. އެއް މޭޒެއްގައި ވާހަކަ ނުދެއްކޭހާ ގުޅުން ގޯހެވެ. އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮވެމެ، މަޖިލީހުގައި ވެސް ކުރިއަށް ގެންދިޔައީ ދެ ފެކްޝަނުގެ އަރައިރުމެވެ.
ވަކި ތާރީޚެއް ކަނޑަނޭޅިއަސް އަންނަ އަހަރުގެ ކުރީކޮޅު ބާއްވާނެ ކަމަށް ބެލެވޭ ޕްރައިމަރީއަކީ މިހާތަނަށް ރައީސަކަށް ހުންނެވި ބޭފުޅަކާ ޕާޓީ ތެރެއިން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސްކަމުގައި ހުންނަވައި ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފުރަތަމަ ރައީސެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އެމްޑީޕީގެ ކޮންގްރެސްގައި. -- ފޮޓޯ : ފަޔާޒް މޫސާ | މިހާރު
އެމްޑީޕީން 2018 އިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ޕްރައިމަރީތަކުގައި ވެސް ނަޝީދު ވާދަކުރައްވަ އެވެ.
އެންމެ ފުރަތަމަ ވާދަކުރެއްވީ 2007 ގައި ބޭއްވި ޕްރައިމަރީގައި އޭރު ޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާ އެވެ. އޭގެ ފަހުން 2013 އާއި 2018 ގެ ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދު އެކަންޏެވެ.
- އެމްޑީޕީގައި 2007 އިން ފެށިގެން ބޭއްވި ހުރިހާ ޕްރައިމަރީއެއްގައި ނަޝީދު ވާދަކުރެއްވި.
- 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު, އަދި ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި ފުރަތަމަ ފަހަރަށް ރައީސްކަން ކޮށްފައިވާ އަދި މިހާރު ރައީސްކަމުގައި ހުންނެވި ފަރާތަކާ ވާދަކުރާ ރިޔާސީ ޕްރައިމަރީއެއް.
- އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ކޯޅުމާއި ހިޔާލު ތަފާތުވުންތަކުގެ އިތުރަށް މުޅި ސިޔާސީ ޕާޓީގެ ނިޒާމަށް ވެސް އަލަށް ތަޖުރިބާކޮށްލަން ފެންނާނެ މަންޒަރެއް.
- އެމްޑީޕީގެ އެތެރޭގެ އެހެން ޕްރައިމަރީތަކަށް ފަހު ބަލިވާ ކެންޑިޑޭޓް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނާރާ މައްސަލަ ބޮޑު.
- ދެ ފެކްޝަނުގެ ކެމްޕޭނަށް ފަހު މޮޅުވާ ރައީސެއްގެ ފަހަތުގައި ބަލި ގަބޫލުކޮށް މަސައްކަތް ކުރައްވާނެތޯ އުފެދޭ ސުވާލަށް ޖަވާބު ލިބޭނެ.
- ދެ ފެކްޝަނުގެ އާއްމު މެމްބަރުން ނަތީޖާ ބަލައިގަނެ ބަދަހިކަމާ އެކު ކެމްޕޭންގައި އުޅޭނެތޯ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ސިދާ ކުރިމަތިލެއްވުމެއް މިހާތަނަށް ނުފެނުނަސް ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ދެ ރައީސުންގެ ވާދަވެރި އިންތިހާބުތަކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކާއި ޕާޓީގެ އިސް މަގާމްތަކުގެ އިތުރުން ދާއިރާ ރައީސުންނާއި ގޮފިތަކަށް ވެސް ދެ ރައީސުންގެ ކެންޑިޑޭޓުން ވާދަކުރި އެވެ.
މި އިންތިހާބުތަކުގެ ނަތީޖާ ބުރަވެފައި އޮތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިއަށެވެ. މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންގެ އަޣުލަބިއްޔަތު އޮތީ ވެސް އެމަނިކުފާނަށެވެ.
އެކަމަކު މި ހުރިހާ އިންތިހާބުތަކާ ޕްރައިމަރީ ތަފާތުވާނެ ސަބަބެއް އެމްޑީޕީގެ އިސް ބޭފުޅުން ދައްކަަވަ އެވެ.
"ކުރިން ރައީސް ސޯލިހްއާ ދެކޮޅަށް ނެރުއްވީ ކެންޑިޑޭޓުން. މިފަހަރު ސީދާ ރައީސް ނަޝީދު އެ ނުކުންނަވަނީ. މިއީ ޕްރައިމަރީ ތަފާތުވާނެ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ދެން އިޝާރާތް ކުރެއްވީ ނަޝީދު ކެމްޕޭން އުކުޅުތަކަށެވެ. ހޮޅިއަށިތަކާއި ޖަގަހަތަކާއި ގޭގެއިން ނަޝީދު ތާއީދު ހޯއްދަވާ ގޮތެވެ. ފާޅުގައި އެމަނިކުފާނު ނުކުމެވަޑައިގެން ކެމްޕޭން ކުރެއްވި ނަމަ ޗެއާޕާސަން އިންތިހާބުގެ ނަތީޖާގެ ފަރަގު ކުޑަކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ރައީސްގެ ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ވާދަކުރައްވަން ނަޝީދު ނެރުއްވީ މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މި އިންތިހާބުގައި 48،000 މީހުން ވޯޓުލި އިރު ފައްޔާޒް ކާމިޔާބު ކުރެއްވީ 27،000 ވޯޓުންނެވެ.
"މި ނަތީޖާ އިން ފެންނަނީ ޕްރައިމަރީ ވާދަވެރިކޮށްދާނެ ކަމަށް. މި ހިސާބުތަކަށް ބަލަން ޖެހޭ ޕްރައިމަރީގައި،" އޭނާ ވިދާޅުވި އެވެ.
މި ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވިޔަސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ނިމޭނެ ކަމަށް އެ ޕާޓީގެ ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ގޯސްވި ކަންކަން އިތުރަށް ރަނގަޅު ނުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"ވަކި އިތުރު ކަމެއް ނުވާނެ، މިހާރު ހިނގާ ހުރިހާ ކަމެއް ކުރިއަށްދާނެ، އެއްބައިވެވޭވަރަށް ވުރެން މާ ދުރުވެއްޖެ،" ދެ ފެކްޝަނުގެ ކޯޅުމަށް އޭނާ އިޝާރާތްކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯވަރ އެސްޓިމޭޓް
01 December 2022
ރ ނަސީދުގެ ފަހަތުގަ މުލި އެމްޑީޕީ ތިބެގެން ވެސް ޔާމީނާއި ވާދަކޮއް ވަނީ އާދަޔަހިލާފު ތަފާތުކަން ބޮޑު ކުރިއެރުމެއް ނުލިބި ޕާރޓީއައް ވެރިކަން ގެއްލިފަ. އެކަމުން ސަލާމައް ވީ އިބޫއާއި ހެދ.ި އެފަދަ ހާލަތްގަ’ މިޙާރު ބައިވެފަ ވާ އެމްޑީޕީއާއި އެކު ހަމަ ލިބޭނީ ކޮލު ކެއްސެއް. ރާއޖޭގެ ގިނަ އަރްޔަތުން އަދިވެސް ތާއިދު ކުރަނީ އެމްޑީޕީގެ ފިކުރައް. އެކަމަކު އެފިކުރު ގެނައިމިހާއަކައް ނުން. އިބޫ އަކީ އެމްޑީޕީގެ ސަލާމަތް.
މިއުސަމް
01 December 2022
ތަފާތު ހިސާބުތަކުން ދައްކަނީ އެމްޑީޕީ ޕުރައިމަރީ ކާމިޔާބު ކުރާނީ ރައީސް ނަޝީދު ކަމަށް! ހިތާ ހިތުގެ ގުޅުމަކީ ފާއިސާއަށް ގަނެވޭނެ އެއްޗެއް ނޫން
އަހުނަފު
01 December 2022
ވެރިޔެއްގަ ހުންނަން ޖެހޭ ސިފަތަކެއް އިބޫގެ 4 އަހަރުން ނުފެނުނު
ތުނޑުހަސަނު
01 December 2022
ޕްރައިމަރީއެއް ބާއްވައިގެން ނަޝީދަށް ޓިކެޓް ދިނުމަށްވުރެ ގައުމަށް ފައިދާ ބޮޑުގޮތަކީ ރައީސްއަށް ޓިކެޓް ލިބޭނެގޮތަކަށް ތިކަންކުރުން. އަހަރެމެންގެެ މައްޗަށް ބަސްކިޔާ ގޮތްނިންމަން ހުންނަ ވެރިއަކަށް ނަޝީދު ވާކަށް ނޭދެން. މާތްﷲ އަޅަމެންނަށް ހެޔޮގޮތް މެދުވެރިކުރައްވާށި!
ލިކާކުއިޓް ރައީސް
01 December 2022
އިސްތިއުފާދިން ފަޤީރުކޮއި ކޮންމެ ޕްރައިމަރީއަކު ވާދަކުރެދޯ! ޥެރިކަމާހެދި ބޫތުކައިފަ
އިހުސާން.
01 December 2022
ހުރިހާ ބާރެއްލިބި އެއްކަމެއް ނުވި މީހެއް އިބުރާހިމަކީ... ފުލެޓެއްހާ ހިސާބުވެސް ނޭޅުނު
ހުސޭނ
01 December 2022
ތިބުނާ ބާރުގެ ތެރޭގައި ނަޝީދު ފެކްޝަންވެސްދޯ!ނަޝީދަށް އެއްބައިވާ ޕާޓީއެއް ލިބުނު. ހުރިހާ ބާރެއްވެސް ލިބުނު. ގައުމުގެ އެސެޓްތައްވިއްކާފައި ގޮނޑިން ފުންމާލާ ހުޅުޖެހުން ނޫންކަމެއް ލޯހުރިބަޔަކަށް ނުފެނުނު! އެއަރޕޯޓް ފަހުން ގަތީ! އެމްޓީސީސީ އޮތީ ބާދަނގަޑަށް ހަދާފައި... އިހުސާން ލިސްޓް ފުރިހަމަކޮށްލަދީ (:
ކައުންސެލަރު
30 November 2022
ހުނ!!!! ޕުޗުސް. ހުސް ހައްޕުނޑު. ބޭކާރު ވާހަކަ ނުދައްކާ!
އޮނަރަބްލް އަފީފު ދީދީ
30 November 2022
ޕްރައިމެރީޒްގަވޯޓުލުމަށް ފުރުސަތުލިބޭނެނަމަ (މިހާރު އެމްޑީޕީއިންވަކިވެ ޕާޓީއެއްގައިނޫޅޭތީ.) ވޯޓްދޭނީ ނަޝީދުއަށް. # ޒުވާނުންގެ ބޮޑުތަރުޙީބެއްއޮތް ނަޝީދު ޕްރައިމެރީޒް ކާމިޔާބުކުރިކަމުގައިވިޔަސް (ކަޓުމުއްލާއިންނާއި، ބައެއް ސައުދާޤަރުންގެ ދުއްޕާނާއިހެދި) އިންތިޙާބުކާމިޔާބުކުރަން އުދަގޫވާނެތީ، ނަޝީދުއާއި އަހަރުމެންއެންމެ ކުރިމަސައްކަތްދެމެހެއްޓުމަށް ނަޝީދަށް ރަގަޅުގޮތަކީ ޑރ މުނައްވަރު ފަދަބޭފުޅަކަށްތާއީދުކޮށް ކާމިޔާބަށް މަސައްކަތްކުރުންކަމަށް ދެކެން.
ހޭޭހޭ
30 November 2022
ކިތަންމެ ޑުރާމާއެއް ކުޅުނަސް ވޯޓު ދޭނީ ޕޕ އައް މިފަހަރު
މައިލޯ
30 November 2022
ވޯޓު ދޭނީ ޕީޕީއެމް ކެންޑިޓޭޓް ނަރީޝްއަށަ
ކުޑޭ
30 November 2022
އިރާދަކުރެއްވިއްޔާ ދިވެހިންނަށް ފެނިގެންދާނީ އަންނި ބޮޑުތަނުން ބަލިވެގެންދާތަން، ދިވެހިންނަށްޓަކައި، އެމްޑީޕީގެ މެންބަރުން އެބަޖެހޭ އޭނާ ބަލިކޮށް ސިޔާސީ ހަޔާތް ނިންމާލަދޭން