"ދެ ރައީސުންގެ ފެކްޝަނުން ވެސް ތިބީ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ޔަގީންކަމުގައި. ސުވާލު އުފެދެނީ ނަޝީދު ނިންމަވާފާނެ ގޮތަކާ ދޭތެރޭގައި."
އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ނިންމާލެއްވުމަށް ފަހު ދެ ރައީސުން ބައިވެރިންނާ ސަލާމްކުރައްވަނީ: މި ކޮންގްރެސްގައި ދެ ރައީސުން ސުލްހަވި މަންޒަރު ފަނޑުވެ، ފެންނަނީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ މަންޒަރު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ނޮވެމްބަރ 2022 - 07:46
ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރަށް ވެވަޑައިގަތުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން އެންމެ އިސްކަމެއް ދެއްވި ސިޔާސީ މަސައްކަތްޕުޅެވެ. މި ވެރިކަން ދެބައިވުމާ ހަމައިން ފާޅުގައި ފެއްޓެވި އެ މަސައްކަތް ކޮޅެއްގައި ނުޖެހުނަސް އަދިވެސް ހުންނެވީ އުއްމީދެއްގަ އެވެ. ނިޒާމު ބަދަލުކުރުމުގެ ވާހަކަތައް ކުރިއަށް ގެންދެވީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕާޓީގެ ޕްރައިމަރީއަށް ނުކުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވަމުންނެވެ.
އެކަމަކު އެ ޔަގީންކަން ފަނޑުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީ ބޭއްވުމުގެ ވަގުތު ކުޑަތަންވެފައި އޮތް އިރު ނަޝީދު ވާދަކުރައްވާނެތޯ ޕާޓީ ތެރޭގައި ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. އެމަނިކުފާނުގެ ސިޔާސީ ކުރިމަގާ ގުޅިފައި އޮތް މި ނިންމެވުމުގައި އެއް ބަޔަކު ހިސާބު ޖަހަނީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރައްވާނެ ކަމަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން އެމަނިކުފާނު ބަދަލެއް ނުކުރައްވަ އެވެ.
ގޮތެއް ނިންމެވުމުގެ ކުރިއަށް, އެކި މާނަ ދޭހަވާ ގޮތަށް ދައްކަވަނީ ސިޔާސީ ވާހަކަތަކެކެވެ.
އެމްޑީޕީގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައްޑުއަށް މީގެ ދެ މަސްކުރިން ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި, ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ސަޕޯޓަރަކު ސުވާލުކުރުމުން ވިދާޅުވީ ރައީސްކަން ކުރައްވައިގެން ލިބިވަޑައިގަންނަވާނީ "އަނެއްކާވެސް ބޮނޑިއެއް" ކަމަށެވެ. އެ ވިދާޅުވީ ވާދަނުކުރައްވާނެ ވާހަކަ ކަމަށް މާނަކުރެވުނަސް އެއާ ވިދިގެން ބަރުލަމާނީ މަސައްކަތުގައި ކާމިޔާބީ ހޯއްދަވާނެ ކަމަށް ވިދާޅުވެ ސީދާ ޖަވާބު ފަނޑުކޮށްލެއްވީ އެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕްތަކުގައި ވެސް ދައްކަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރާ ދޭތެރޭގައި އޮތް ހިތްހަމަނުޖެހުންތަކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓާއި ސަރުކާރުގެ މުހިއްމު ވައުދުތަކެއް ނުފުއްދޭ ކަމަށް ފާޑުވިދާޅުވެ އެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ނުކުރެއްވޭ ވަރަށް ނަޝީދާއި އެމަނިކުފާނުގެ އަރިސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރަށް ދަނީ ފިއްތުންތައް ކުރިމަތިކުރައްވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމާ މެދު ނަޝީދުގެ ވިސްނުން ވެސް މި ފަހުން ވަނީ ހާމަކުރައްވައިފަ އެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ގާތުގައި ސާފުކޮށް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދެއް ނުކުރައްވާނެ އެވެ. ނަޝީދުގެ އެ ވާހަކަފުޅާއި ރޮނގު ހުރަސްކުރައްވައި ދެން ދައްކަވާ އެހެން ވާހަކަފުޅުތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ރައްދެއް ނުދެއްވަ އެވެ.
ޕާޓީ ތެރޭގައި ހޫނުވެފައި އޮތް މި އަރައިރުން ފިނިކުރުމުގެ ވިސްނުމެއް ދެ ރައީސުންގެ ފެކްޝަނުން ގެންގުޅޭ ތަނެއް ވެސް ނުފެނެ އެވެ.
ވެރިކަންކުރާ މައި ޕާޓީގެ ހާލަތު މި ހިސާބުގައި އޮތް އިރު މިހާތަނަށް ސާފުނުވެ އޮތް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ޕްރައިމަރީއަށް ނަޝީދު ނުކުންނަވާނެ ކަމެވެ. އެމަނިކުފާނުގެ ފަހަތަށް ޖެހިވަޑައިގެން ޕްރައިމަރީއަށް އެހެން މެމްބަރަކު ނެރުއްވަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް މި ދޭތެރެއިން އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ދެކެވުނެވެ.
ޕްރައިމަރީގައ ވާދަކުރެއްވުމާ ގުޅޭ ގޮތުން އެމްޑީޕީގެ ކޮންގްރެސްއަށް ފަހު އުފައްދާ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން ނަޝީދު އަދި ބޭނުންފުޅެއް ނުވެ އެވެ.
އެކަމަކު އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ޔަގީންކުރައްވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ވެސް ކުރައްވާނެ އެވެ. ސިޔާސީ ގޮތުން ބޮޑު ބައްޔަކާ އަމިއްލަ ޕާޓީތެރެއިން އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައެއް ނުގަންނަވާނެ އެވެ.
ޕާޓީ ތެރޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި އެމަނިކުފާނު ނެރުއްވި ކެންޑިޑޭޓުންގެ ނާކާމިޔާބީ އާއި މަޖިލީހާއި ޕާޓީ ތެރޭގައި އެމަނިކުފާނުގެ ތާއީދު ފަނޑުވެފައި އޮތުމުގެ އަސަރެއް ޕްރައިމަރީގެ ނަތީޖާއަކަށް ނުކުރާނެ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
ނަޝީދުގެ ދިފާއުގައި އަބަދުވެސް ނުކުންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވުމާއި ނުކުރެއްވުން ނަޝީދުގެ ނިންމުމަކަށް ވިޔަސް އޭނާއަށް ޕްރައިމަރީ ފެންނަނީ ނަޝީދާ އެކުގައި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަނުކުރައްވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުން ނަޝީދު މިހާތަނަށް ނާކާމިޔާބުވެވަޑައިގެންފައިވާ ކަމަކަށް ނުބުނެވޭނެ ކަމަށެވެ.
"މާލޭގެ ހުރިހާ ގޮނޑިއެއް, ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ނެގީ ރައީސް ނަޝީދު. އަތޮޅު ތެރޭގައި ކުދި ރަށްތަކުގައި ވޯޓަށް އުފެއްދީ ވަޒީފާތަކެއް, ރައީސް ޔާމީންގެ ދައުރު ނިމުނު އިރު 2,000 ވަޒީފާ ފެނަކައިގައި އުފެއްދިޔަސް މިހާތަނަށް 4,000 ވަޒީފާ ދީފައި އެބަހުރި. ފެނަކައިން ވޯޓު ހޯދީ, ބައެއް ތަންތަނާ ގުނަން ވެސް ތިބީ އެ މީހުން. ސައްހަ އިތުބާރު ހިފޭ ވޯޓެއް ނޫން ލައިގެން އެ އުޅެނީ," ބޮންޑޭ ވިދާޅުވި އެވެ.
"އެމްޑީޕީގައި ރައީސް ނަޝީދުގެ ބައިވަރު މެމްބަރުން ވަކިވެސް ކުރި ވޯޓާ ގުޅުވައި. އެ ޝަކުވާ އަދިވެސް އެކުރަނީ."
އޭނާ ވިދާޅުވި ގޮތުގައި ގައުމު އަނެއްކާވެސް މިއޮތީ ބަދަލަކަށް ބޭނުންވެފަ އެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކުރައްވައި ނަޝީދު ކާމިޔާބު ކުރައްވާނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނީ, ބޮންޑޭ ވިދާޅުވި ގޮތުގައި, ބަރުލަމާނީ ނިޒާމަށް ހުރަސްއަޅައި ގައުމުގެ ހާލަތު ގޯސްކޮށްލާތީ ހަރާބުގެ މަގަށް ގައުމު ގެންދަން ނަޝީދު ބޭނުންފުޅު ނުވާތީ އެވެ.
"މި ގައުމު ހަމައަކަށް އެޅެން އޮތީ ވެސް ރައީސް ނަޝީދު ވާދަކޮށްގެން. އެމަނިކުފާނަށް ތާއީދު އޮތްކަން އެނގޭތީ ވަށައިގެން އެންމެން ޕާޓީތެރެއިން ނެރެ ދިމާކޮށް ހަދަނީ ވެސް." އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކެންޑިޑެސީ ހޯއްދަވަން ޕްރައިމަރީއަށް ނުކުންނަވާއިރު އެމަނިކުފާނާ ދެކޮޅަށް ނަޝީދު ނުކުންނެވުމަކީ ރައީސްއާ އެކު ތިއްބެވި މެމްބަރުންނަށް އޮތް ކަންބޮޑުވުމެއް ނޫނެވެ. ނަޝީދު ވާދަކުރެއްވިޔަސް ނުކުރެއްވިޔަސް އެ މެމްބަރުން ވިދާޅުވާ ގޮތުގައި 2023 ގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވި ގޮތުގައި އެކަން ސާފުވަނީ އެމްޑީޕީގެ އެތެރޭގައި މިހާތަނަށް ބޭއްވި އިންތިހާބުތަކުންނެވެ. ކޮންމެ ފަހަރަކު ވެސް ނަޝީދު ނެރުއްވި ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވިދާޅުވި އެވެ.
"އެއީ ޕާޓީ ތެރޭގައި އެމަނިކުފާނަށް އޮތް ތާއީދު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕްރައިމަރީ ވެސް ފަސޭހަކަމާ އެކު ރައީސް ކާމިޔާބުކުރައްވާނެ," އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވެސް 45 މެމްބަރުންނަށް ވުރެން ގިނައިން ތިއްބެވީ ރައީސް ސޯލިހާ އެކު. ކޮންމެ މެމްބަރަކީ ވެސް އެ ބޭފުޅެއްގެ ދާއިރާގައި ތާއީދާއި ގުޅުންތައް އޮންނާނެ ބޭފުޅެއް ދެއްތޯ. އެހެންވެއްޖިއްޔާ މި ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރުގައި ޝައްކެއް ނެތް މިންވަރަށް އެ ޔަގީންކަން އެބައޮތް," ގަޕޯ ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ އެމްޑީޕީގެ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް. -- ފޮޓޯ | މަޖިލިސް
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ތާއީދު މިނެކިރާ ގޮތަކީ ނުވަތަ ތަސައްވުރަކީ ޕާޓީގައި ގިނަ މެމްބަރުން ތިބި ގޮތެކެވެ. އެ މަންޒަރު ސާފުކޮށް ޕާޓީން ފެންނަން އޮތް ކަމަށް ވިދާޅުވި އެވެ.
"އާޚިރުގައި ނުކުންނާނީ ވެސް ހަމަ އެ ނަތީޖާ ވޯޓަކުން. އެ އުސޫލުން ބަލާއިރު ބޮޑުތަނުން ރައީސް ޕްރައިމަރީ ކާމިޔާބުކުރައްވާނެ."
ގަޕޯ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއަށް ވުރެން އުނދަގޫ އަމިއްލަ ޕާޓީގެ ވެރިކަމުގައި ސަރުކާރަށް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ކުރިމަތިކުރިޔަސް އެ ހަގީގަތް ބަދަލުވުމެއް ނެތެވެ.
އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ޕްރައިމަރީގައި ނަޝީދު ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފި ނަމަ ސިޔާސީ ހަޔާތް ނިމުނީ ކަމަށް ނުވަތަ ޕާޓީގެ ތާއީދު ނެތް ކަމަށް ރަސްމީކޮށް ސިއްކަ ޖެހޭނެ އެވެ. ޕާޓީ ތެރެއިން ކަންކަން ވެދާނެ ގޮތް އެނގިވަޑައިގެން ހުންނަވައި އެ ރިސްކު އެމަނިކުފާނު ނަންގަވާފާނެ ހެއްޔެވެ؟
އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު: ދެ ރައީސުން އެކުގައި ސިޔާސީ މަސައްކަތް ކުރެއްވޭވަރަށް ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައި ކަމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ވިދާޅުވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއީ ނަޝީދާ އެކުގައި ތިއްބެވި މެމްބަރުންނަށް ސުވާލެއް ނޫނެވެ. އެ މެމްބަރުންނަށް ފެނިވަޑައިގަންނަވަނީ ނަޝީދަށް ތާއީދު އޮތް މަންޒަރެވެ.
ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނީތޯ ނުވަތަ ސަރުކާރާ ދެކޮޅު ކޯލިޝަނަކާ އެކު އިންތިހާބަށް ނުކުންނަވާނީތޯ ސުވާލު އުފައްދަނީ އެ ސަބަބުތަކާ ހެދި އެވެ. ސިޔާސީ މަސައްކަތުގެ އަމާޒު ސާފުކޮށް މިހާތަނަށް ވިދާޅުވަމުން ގެންދެވިޔަސް 2023 ގެ ނިންމުން ހާމަނުކުރައްވައި އެމަނިކުފާނު އަދި އެ ހުންނެވީ ސުވާލަކަށް ދޫކޮށްލައްވައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުކަލޯ
26 January 2023
މި ޕްރައިމަރީން ރައީސް ނަޝީދު "ބަލިކޮށްލައިފި ނަމަ" ދެން އޮތް އެންމެ ބުއްދިވެރި ގޮތަކީ ރައީސް ނަޝީދު އާ ސިޔާސީ ޕާޓީ އެއް އުފެއްދެވުން. މަށަށް ވިސްނޭގޮތުގަ "ފިކުރެއްގެ ދިރުން" މި ޝިޢާރުގެ "ފޮރުވިފަވާ" މާނަ އަކީވެސް އެއީ. އެނޫން ގޮތަކަށް އަސްލު އެމްޑީޕީގެ ފިކުރު ދިރުވޭނެ އެހެން މަގެއް މިވަގުތަކު ނެތް!
ތޮލާލް
22 November 2022
އަޅުގަނޑުމެން ކޮމްޕުރޮމައިޒް ކުރަން ތައްޔާރު ރައީސް ނަޝީދު އެކު ކޯލިޝަން ހަދަން
ޙަބީބު..
22 November 2022
އިބުރާހިމުވަރު އަނިޔާވެރިއެއްކޮބާ ނަޝީދު ފިޔައިގަ އެލިގަނެގެން ވެރިކަމައް ނަގާ އަރުވަދިނީމަ ރައްޔިތުން މިތިބީ ނަޝީދާއެކު އިބޫއައް ވޯޓެއްނުދޭނަން
ކާމިޔާބ
22 November 2022
ނަޝީދު އާއި ނުލާ މިޕާޓީއަކަށް ކާމިޔާބެއްނުވާނެ އެންމެގިނަމީހުންގެ ތާޢީދު އަދިވެސް އޮންނާނީ ނަޝީދުއަށް
މައައްލިމް
22 November 2022
ޕީޕީއެމް ރަނިންމޭޓުކަން ރައީސް ނަޝީދު ފެކްޝަނަށް ދޭން ރެޑީ ކޯލިޝަންހަދާ ގޮތަށް
ީޕީޓާ
22 November 2022
ދެ ރައީސުންގެ ގޭމް .ހިންޏަށް ހަކުރު އޮޅުވާލަނީ..
ރިޔާޒު މުޝައްރަފު
22 November 2022
މިއީ ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު! ރައީސް ނަޝިދުގެ ފެކްޝަން ޕީޕީއެމްއާއި ކޯލިޝަން ހަދަން ދައުވަތު އަރުވަން
ސަމްކޯ
22 November 2022
ޕީޕީއެމް އޮތީ ރައީސް ނަޝީދު އަށް މަރުހަބާ ކިޔަން ތައްޔާރަށް
ވަމުންދާގޮތް
22 November 2022
މަގޭ ސުވާލެއް އިބުރާހީމް ފުޅަށް ތި ވާދަކުރަނީ ނަށީދު ބަލިކުރަންތޯ؟ ނުވަތަ ޗާލާކީކަން ފެނި ވެރިކަން ހޯދުމުގެ ބޭނުމުގަތޯ؟ ވެރިަކަން ހޯދުމުގެ ބޭނުމުގަ ކަމަށް ވާނަމަ އެކަން އިބުރާހީމް ފުޅަށް ލިބެޭކަށް ނެތެވެ.ޕްރައިމަރީގަ ނަށީދު ބަލިކުރުން ކަމަށް ވާނަމަ ކާމިޔާބު ވެދާނެއެވެ. އެކަމަކު އެކަމުން ޕާރޓީއަށް ގެއްލުން ލިބި ވެރިކަން ޕާރޓީގެ އަތުން ނިމުގެންދާނެއެވެ ދެން އިބުރާހީމް ފުޅު ނުހޮވުނީ ނަށީދުގެ ކަންތަކާ ހުރެ ކަމަށް ބުނެ އެންމެން ފިލާފާނެއެވެ.
ކުޗީ
22 November 2022
އިބްރާހީމު ޕްރައިމެރީން ހޮވުނަސް ދިވެހިން ދެން ހިޔެއް ނުވޭ އިބްރާހީމު ވެރިކަމަށް ގެންނާނެ ހެނެއް.
ޖާހިލުކަން
22 November 2022
އަމިއްލަ ޕާރޓީ އިސްވެ ކުރާވެރިކަމައްވުރެ ވަކި ލީޑަރަކު ރަގަޅުވެއްޖެ. ‘ކަލްޓް’ ގެ ކަންތައް އަށަގަނެފި