އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދު ވާހަކަ ދައްކަވަނީ: ދެ ރައީސުންގެ ދެމެދުގައި ގުޅުން ގޯސްވީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމުގެ މައްސަލާގައި. -- ފޮޓޯ | މިހާރު
08 ނޮވެމްބަރ 2022 - 17:06
އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެވަނަ ދައުރަކަށް ތާއީދު ނުކުރައްވާނެކަން ސާފުކޮށް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ގާތުގަ އެވެ.
"މިފަހަރު ރައީސް ސޯލިހަށް ތާއީދުކުރެވޭކަށް ނެތް،" ގައުމީ މަޖިލީހުގެ ވަޓްސްއެޕްގްރޫޕްގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަން ހާމަކުރައްވާފައި އޮތުމުން ރައްދު ދެއްވަ އެވެ. އޭގެ އިތުރަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެކުރިން ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި ނަމަވެސް މި ފަހުން ސާފުކޮށް އެމަނިކުފާނު ނިންމަވާނެ ގޮތެއް އިއުލާން ނުކުރައްވަ އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ބޭއްވި މަޝްވަރާތަކަށް ފަހު ނަޝީދު، ފައްޔާޒްއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައްޑުއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ "ބޮނޑިއެއް" ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށެވެ.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގަރާރެއް އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ. އެކަމަކު މެމްބަރުންގެ ތާއީދު ނުލިބުމުން އެ ގަރާރު ކޮންގްރެސްގައި މަޝްވަރާއަށް ހުށަނާޅުއްވަ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ގަރާރު ހުށަނޭޅުއްވީ އިތުރަށް ވާހަކަ ދައްކައި މަޝްވަރާ އިން ހައްލެއް ހޯދަން އެއްބަސްވެވުމުންނެވެ. އެކަމަކު އެ މަޝްވަރާ ހިނގި ކަމެއް ޕާޓީން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ރައީސަށް ތާއީދު ނެތް ކަމަށް ނަޝީދު ވިދާޅުވިއިރު މި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ދައުވަތު ދެއްވައި ރައީސް ބޭއްވެވި ބައްދަލުވުމަށް ވެސް ވަޑައިނުގަތުމަށް ނިންމަވައި ވިދާޅުވީ އެއްވެސް މަޝްވަރާއެއް، ބައްދަލުވުމެއް ބާއްވަވަން ބޭނުން ނުވާ ކަމަށެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމަނިކުފާނާ ވާހަކަ ދައްކަވައި ކަންކަން ކުރިއަށް ގެންދަވަން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުއާ ދެމެދު ގުޅުން ގޯސްވީ ވެސް ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން އެދިވަޑައިގަތް ހިސާބުންނެވެ. އެކަމަކު މިއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ އަބްދުﷲ
10 November 2022
ރަނގަޅު ނިންމުމެއް، ތިބޭފުޅާ ތާއިދު ކުރައްވައިފި ނަމަ އިބޫ އަށް ގެއްލޭ ވޯޓް ވަރަށް ގިނަވާނެ، ތީ ހަމަ އިބޫ އަށް އެންމެ ރަނގަޅު އެންމެ ފައިދާކުރާނެ ނިންމުމެއް. މަގޭ ވޮޓް އިބޫ އަށް
އޭފް
10 November 2022
ރަގަޅު، އިބޫ، ކީއްކުރަން އެކަކުވެސް ތިބޭފުޅާގެ ތާއިދެއް ބޭނުންމެއް ނުވޭ. އަމިއްލަފުޅަށް މީހަކުގެ ތާއިދުލިބޭތޯ ނާށިގަނޑު ހިފައިގެން ނުކުންނަވާ.
އިމަނާ
09 November 2022
ކުރިޔަށް ހަތްކުޅި ކުޅޭކަމަށްކުރިން ބުނި. ނަމަވެސް މަށަށްފެނުނީ އަމިއްލަޔަށް އިލޮށިގަނޑެއް ފޭއްސިތަން. މިހާރު މިފެންނަނީ އަމިއްލައަށް ބާކީވާތަން. އެކޮޅުންހެން ފަސްޖެހުމެއްނެތި، އެޅުމެއްނެތި، ބިރެއްނެތި ދޮގުހަކާ، ހަޅޭއްލަވާނެކުދިންކޮޅެއް ހޯދާބަލަ. ދެރައީ މިހާރަކު މާރިޔާއެއްވެސްނެތް. ދެން...
އަސްލު
09 November 2022
ޔާމީނުއަށް ތާއީދު ކޮށްދެއްވާ, ޤައުމު ސަލާމަތް ކުރެވޭނީ ޔާމީނަށް. ތަރައްޤީކޮށް ރައްޔިތުންގެ އަނގަޔާ އަތާ ދިމާކޮށްދެވޭނީ ޔާމީނަށް. ވަޢުދު ފުއްދަ ދެވޭނީވެސް ޔާމީނަށް. ރައްޔިތުންނަށް ލިބެމުން މިދާ އަނިޔާއިން ޤައުމު ސަލާމަތް koh ދެއްވުމަށް ޔާމީނަށް ވޯޓްދެއްވާ... ސަރުކާރުން ވަނީ ރައްޔިތުންލައްވައި އެތައް މަސައްކަތެއް ކުރުވާފައި އަދި އެތައް ޚިފުމަތެއް ހޯދާފައި. އެކަމަކު އެތައް ރައްޔިތުންގެ މަސައްކަތްތަކަށް ދޭންޖެހޭ ލާރި ނުދީ ރައްޔިތުން ޙާލުގައި ޖައްސާފައި. ފިނޭންސް އިން ރައްޔިތުންގެ އެތައް ސަތޭކަ ބިލްތަކަށް މިލިޔަނުން ފައިސާ ދޭން އެބަހުރި. އެކަމު ފައިސާ ނުދީ ހިފަހައްޓާފައި އެބަހުރި. މީ ތެދު ޙަޤީޤަތް. އަނިޔާވެރި ވެވޭނީ މިހާކަންހާ ވަރަށް.
މަބުނީ
09 November 2022
ޔާމީނު އަރާފަ އިތުރަށް ދަރަނި ނުނަގާނެކަމުގެ ކޮން ގެރެންޓީއެއް އޮތީ؟ މިހާރުވެސް މިއުޅެނީ ގައުމު ދަރާފަ އޮތްވަރުން ލޮލުފިޔަނުޖެހިގެން.
އަހުމަދުބޭ
09 November 2022
މިއަދު މަނިކުފާނަކީ އެމް ޑީ ޕީ ގެ މައިނޯރިޓީ ލީޑަރ އަދި އަޅުގަނޑު އެދެނީ ދެން ރާއްޖޭގެ ސިޔާސީ މަސްރަހުން މަނިކުފާން ފެޔަށްޖެހޭނެ ދުވަހެއް، ﷲ ގެ އިރާދަފުޅުން އެދުވަސް ދިވެހި ރައްޔިތުންނަށް ދައްކަވާނެ، މަނިކުފާނުގެ ތާއީދު ނެތަސް ޕުރައިމަރީގައި އިބުރާހިމް ކާމިޔާބުކުރާނެ، އެއީ މިހާރު މަސްރަހު ވަނީ ބަދަލްވެފައި، މަނިކުފާނަށް ތާއީދުކުރާ މީހުން މިހާރުޕާޓީގައި އެއީ މަދުބަޔެއް
ޢަވާމެންދުރު
09 November 2022
ޢެމް ޑީޕީ ގެ ވެރިކަމެއްގަ ‘ އެތައްބައެއްހިމެނޭ ޕާރޓީއައްވުރެ ތިމާގެ އަމިއްލަ ނަފްސް މިއޮތީ އިސްކޮއްފަ. މިއީ އަދި ކުޑަވެރެއް. މިފަދަ ވިސްނުން ހުންނަމީހަކައް ގައުމެއް ވެސް މުހިއްމެއް ނުވާނެ.
ނަޝިދުގެ ވިސްނުން
09 November 2022
ނަޝީދު ބޭނުންވަނީ 2023ގަ ޔާމީނުވެރިކަމަށް އައުމަށް، އެހިސާބުން 10 އަހަރު ވެރިކަންވީތީ ދެން ޔާމީނު އަކަށް ކުރިމަތިނުލެވި ނަޝީދުގެ ޗާންސު އެންމެބޮޑުވާނީކަމަށް ފޯކަސްޓުކުރެވޭތީ އެގޮތަށް ނިންމީ..
×ދ×އއއއއ
09 November 2022
ތީ މިހާރު ބޭކާރު ބޮލެއް.
އެމްސް
09 November 2022
މިޤައުމަށްވެސް ބޭނުންވަނީ ޕާޓީ ފިތުނަ އެއްފަރާތްކޮށް، ޤައުމު އެއްބައި ކުރުވޭނެ ރައީސެއް! މުޅި ޤައުމު ކޮންކްރީޓުން ފުރާމުލުގެ ބަދަލުގައި ރަޢިއްޔަތުން ފުދުންތެރި ކުރެވޭވަރުގެ ވެރިއަކު! ޤައުމަށް ޖެހިހަ އޮތް ބިދޭސީންގެ އުނދަގުލުން މިޤައުމު ސަލާމަތްކޮށް، ވަޒީފާގެ ފަހި ފުރުސަތު ދިވެހީންނަށް ތަނަވަސް ކުރާނެ ލީޑަރެއް!
ވޯޓުއޮޅުވާލިޖިންނި
09 November 2022
ވަރަށް އަމިއްލައެދުން ބޮޑުމީހެއް! ތިމާބޭނުންހާގޮތަކަށް ހުރިހާކަމެއްވާކަށްނުޖެހޭ
އެމްސް
09 November 2022
އެއީ ރީކޯ މޫސަ ތޯ ނޫނީ އިބޫ ތޯ؟