ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
05 ޑިސެމްބަރ 2022 - 20:29
ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ އިހުސާސްކުރެވިފައިވާ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން "ކިހިނެއް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ގޮތުން ދުޅަހެޔޮވުމަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ގޮތުން ދުޅަހެޔޮވުން ކަމަށެވެ.
ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާއިރު، އެ ބަލިތަކާއެކު އެ މީހުންގެ ނަފްސާނީ މައްސަލަ ބޮޑުވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޑަބްލިއުއެޗްއޯގެ ސްޓެޕްސް ރިސާޗު އޮން ރިސްކް ފެކްޓާސް ފޯ ނޮން-ކޮމިއުނަބްލް ޑިސީސްގެ ރިޕޯޓާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކަކީ ޑިޕްރެޝަންގެ އުނދަގޫ ދިމާވާ މީހުން ކަމަށެވެ.
"ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީކުރުން. ހޭލުންތެރިކަން އިތުރުކުރުމާއި ޕްރިވެންޝަނަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ގަބޫލުކުރަން. އަމިއްލަ ނަފްސަށް އެހީތެރިވާނެ ގޮތްތައް ދެނެގަނެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން ފަދަ ކަންކަމުން ގިނަ ފައިދާތަކެއް ކޮށް، ސިއްހީގޮތުން ދުޅަހެޔޮ ފަރުދަކަށް މީހާ ބަދަލުވޭ،" ނަސީމް ވިދާޅުވި އެވެ.
ސިއްހަތަކީ އަސާސީ އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ކަށަވަރުކުރެވޭނީ ނަފްސާނީ ސިއްހަތު ވެސް ކަށަވަރުކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކޮވިޑަށް ފަހު ސިއްހީ ގޮތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ މައްސަލަތައް ކަމަށް ބަލައި، އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ނަފްސާނީ މައްސަލަތައް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް އޭގެ ކުރިން ވެސް ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ތިބެގެން ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ހޯދޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށެވެ. އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އެ ފަރުވާ ފެށުން ކަމަށް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއަކީ ވެސް މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އާދަތައް ކުރާ ތަނަކަށް ވާތީ ޑްރަގްގެ ވިޔަފާރި އާއި މާރާމާރީ އާއި އިޖުތިމާއީ މައްސަލަތަކަކީ މީހުންގެ ނަފްސާނީ މައްސަލަތަކަށް ސީދާ އަސަރުކުރާ ކަންތައްތަކެވެ. ސޯޝަލް މީޑިއާގައި މީހުންގެ އަބުރު ކަތިލުމަކީ ވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ނަފްސާނީ މައްސަލަތައް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެކެވެ. އެހެންވެ، އެކަންތައް ހުއްޓާލަންޖެހޭ ކަމަށް ނަސީމް ވިދާޅުވި އެވެ.
މި ކެމްޕެއިންގައި ވަނީ ނަފްސާނީ މައްސަލަތަކާ މެދު މީހުން ދެކޭ ގޮތާއި އެ ބައްޔަށް ހޭލުންތެރިކަން ކުޑަމިންވަރު ފާހަގަކުރެވިފަ އެވެ. އެ ހާލަތު ބަދަލުކުރަން ނަފްސާނީ ބަލިތަކުގެ މައުލޫމާތު ފޯރުކޮށްދީ، އަވަސް ފިޔަވަޅު އެޅުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެއާއެކު، މި ހާލަތު ބަދަލުވެ، އެހީތެރިކަން ބޭނުންވާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެގެން ދިއުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހިދުމަތްދޭ މީހުންނާއި ތަމްރީން ލިބިފައިވާ މީހުން މަދުވުމުން އެކަމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމީހުންގެ ބޭންކް
07 December 2022
ޢޮފްކޯޒް. އިކޮނޮމީ އަށްކުރާ އަސަރު ކުރާނީ ބޮލައްތާ.
ލޯޝާ
06 December 2022
ތިޔަވަރަށް ދިވެހިން ޑިޕްރަޝަނަށް ވެއްޓޭ މައިގަނޑު ސަބަބަކީ ދިރިއުޅުމުގައި ހުރި ދަނތިއުދަގޫ ތަކާއިމެދު އިންތިހާއަށް ވިސްނަންޖެހުމާއި، އާންމުދަނީ އިތުރުކުރެވޭނެ މަގުތައް ސަރުކާރުތަކުގެ ނޭންގާނީކަމުގެ ސަބަބުން ފުޅާކުރެވިފައި ނެތުމާއި، މާމޮޅު އަދި މާބޮޑު "ގްރޭޓަރ މާލެ އޭރިއާ" އަކަށް ރާއްޖެތެރޭގެ އަތޮޅުތަކުގެ ރައްތަކުގެ ރައްޔިތުން ދިރިއުޅެން އައުމަށް މަޖުބޫރު ކުރުވާފައި އޮތުމުން ޚަރަދު ކުރަންޖެހޭ ފައިސާ ހޯދުމަށް ބުރަ މަސައްކަތް ކުރަންޖެހިފައިވުން!
ކަނބިއްޔާ
06 December 2022
އަހަރެން މިދޭތެރެއިން އެންމެ ޑިޕްރެސްވީ ހެލްތުސޮރުން ކަފަބުރު ހިފައިގެން ކޮރޯނާ ޓެސްޓުކުރްން ޗެކްޕޮއިންޓް ޖަހައިގެން އުޅުން ދުވަސްވަރު އަހަރެން ވެކްސިންނެއްނުނަގަންވުއްޔާ ޓެނިސްކުޅޭ ޖޯކަވިޗްވެސް ނުނަގާ ނެގިމީހުންނަށް ވާގޮތް މިއަދު ފެނޭނު ކުއްލިއަކަށް ޖިމުގަވެއްޓެނީ ޓްރެކްގަ ވެއްޓެނީ ޑޮކްޓަރުން ބުނާނެ ސާބިތެއްނުވެޔޭ.. ސާބިތުވާއިރު އޮންނަނީ ކައްވަޅުގަ ދެންވަކިކީއްކުރާނީ
ތުމް
06 December 2022
ޑިޕްރެޝަންއަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ތިމަންނަގެ އެކަހަލަ އެއްވެސް ބައްޔެއް ނެތޭ ހިތައްއަރުވާލައި ހިތްނޭދޭ ކަންކަމާ ދުރުވެ އަމިއްލައަށް ކުރިއަށްދާ މަސައްކަތްކުރުން.
ފާކެކުރި ނަސީމު
06 December 2022
ދިވެހިން ޑިޕްރެޝަނަށް ނުދާންވީ ސަބަބެއްނެތް. ޔާމީނުވާ ކަންތައްތަކެއް ކޮށްފި. މިސަރުކާރުން ޔާމީނު ނޫނީ ކޭމީހުން ހިމާޔަތް ކޮށްދީފި. އެމީހުން ނަގާފަ ހުރި ފައިސާތައް ހިފަހައްޓާފައިވަނިކޮށް ދޫކޮށްލައިފި. ވެންޓިލޭޓަރު ލާރިކައިފި. ބޭރު ޤައުމުތަކުންދިން ފައިސާ ބަހާހުސްކޮށްފި. ދައުލަތްގުމުދާ އަނބުރާ ނުލިބޭވަރަށް ދަރަނިވެރި ކުރުވައިފި. ކެވުނުވަރު މަދުވެގެން ޓެކްސް ބޮޑުކޮށްފި. ކުރިކަމެއް ހުރީ ސިމެންތި ބަނދަރަކާ ގުޅިފައި. ފަރުވާއަށް ފޭކު ބޭސްހަށް ހަދައިފި.
ރައްޔިތުސޮރު
06 December 2022
ތީ އަސްލު އަދަދު ކަމުގަ ވާނަމަ މާބޮޑަށްވެސް ރަނގަޅު! މިފަދަ ހާލަތެއްގަ (ރައްޔިތުން ދަރަނިވެ ބިކަވެފަ، ތޮއްޖެހިފަވާ ދިރިއުޅުމެއްގަ އިޖުތިމާޢީ އިންސާފެއްނެތް) ޤަޢުމަކަށްބަލާފަ. ހީވަނީ އަސްލު އަދަދަކަށްވާނީ ކޮންމެ ފަސްމީހަކުން 4 މީހަކީ ނަފުސާނީ ބަލި ތަހައްމަލް ކުރާނެ މީހެއްހެން.
ދިޕޫ
06 December 2022
މިޤައުމުގައި ޑިޕްރެޝަންގެ މައްސަލަ ނެތް އެކަކުވެސް ނެތް. ބޮޑުމީހަަކަސް ކުޑަ ކުއްޖަކަސް ޑިޕްރެޝަން. ސަބަބު ސާފެއްނުވޭ. ބައެއްފަހަރު ހީވޭ އެކަން ނެތިއްޔާ މީހަކަށް ނުވެއޭ. ބޮޑުސިންގާ ކަންތައްގަނޑަަކަށް ހަދައިގެން ޤައުމީ ބޮޑު މައްސަލައަކަށް އެކަން ނަގައިގެން އުޅޭއިރު އެއަށްވުރެ މާ ބޮޑެތި މައްސަލަތައް އެބަހުރި. ޑިޕްރެޝަނަކީ އެންމެނަށްވެސް އަންނައެއްޗެއް. އޭގައި ވަކިމީހަކު ބާކީނުވޭ. އެކަމަކު މިހާރު ކިރިޔާ ކަމެއްވާއިރަށް ''ޑިޕްރެޝަން'' ބޭސް ކާންޖެހޭ
ޢަހްމަދ
06 December 2022
ކެރަފާ ނަސީމް ތި މަޤާމުގައި ހުރުމުންވެސް ޑިޕްރެސް ވޭ.
އެންޓި ޑިޕްރެޝަން
06 December 2022
ޑިޕްރެޝަނަކީ ބައްޔެއް ނޫން. ވާގޮތަކީ މިހާރު އެހެން ނުކިޔާ މީހަކީ ކަޓު މީހެއް.
އެއްކަލަ އިބުރާ
06 December 2022
ލޮކްޑައުން އައްފަހު މުޅި ދުނިޔޭގަ ޑިޕްރެޝަން ވަނީ އެތައްގުނައެއް އިތުރު ވެފަ. މީ ގަސްތުގަ މީހުން މައިތިރިކޮއް ކޮންޓްރޯލް ކުރަން ރޭވިގެން މެޓްރިކްސް އިން ކުރިޔައް ގެންދާ ޕްރޮގްރާމެއް. ޑިޕްރެސް ވެފަ ތިބޭ އާބާދީ ބާރުގެ ދަށަށް ގެންނަން މާބޮޑު ކަމެއް ކުރާކައް ނުޖެހޭނެ. ކަންކަމާ ވިސްނާ ދެކޮޅު ހަދާ ރިވޮލިއުޝަނެއް ގެންނާނެ ހިއްވަރު ހުންނާނީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވިގެން ކަމައް ވާތީ.