ނަފްސާނީ ބައްޔާއި ދިމާވާ އެކި ކަންކަމާ ކުރިމަތިލާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހެލްތް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދާ މައުލޫމާތުގެ ދިނުމުގެ މަސައްކަތު ބައްދަލުވުމުގައި އެކި ސްކޫލުތަކުން ވިއްސަކަށް ދަރިވަރުންނާއި ސްކޫލުތަކުގެ 20 އޮފިޝަލުން ވެސް ބައިވެެރިވި އެވެ.
މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަރްވީން މާތޫރް ވިދާޅުވީ މާޔޫސް ވުމުން ނުވަތަ ކަމަކާ ކަންބޮޑުވުން ރައްޓެހިންގެ ފަރާތުން އެހީ ހޯދަންޖެހޭނެ ކަމަށެވެ. ކޮންމެ މީހަކީ ވެސް މާޔޫސްކަން ދިމާވެދާނެ މީހެއް ކަމަށާއި ނަމަވެސް، އަމިއްލަ ނަފުސަށް އިތުބާރުކޮށް މަސައްކަތް ކޮށްފިނަމަ އެކަމުން ސަލާމަތްވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު ރާއްޖެ އާއި އެހެން ގައުމުތަކުގައި ވެސް އިތުރުވަމުންދާ ކަން ވެސް އަރްވީން ފާހަގަކުރެއްވި އެވެ.
"އެ ބަލި ތަހައްމަލުުކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން. އޭގެ އެއް ސަބަބަކީ އަމިއްލަ ނަފްސު ކުށްވެރިކޮށް، އެއީ މައްސަލައެއް ކަމަށް ގަބޫލުކުރެވުން. އެފަދަ ކަންތައްތައް ކޮންމެ މީހަކަށް ވެސް ދިމާވެދާނެ އެކަމަކު އަހަރެމެން ކުރަންޖެހޭނެ ކަމަކީ އެކަމާ ދެކޮޅަށް ހަނގުރާމަކުރުން،" އަރްވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިޕްރެޝަނާ ދެކޮޅަށް ހަނގުރާމަކޮށް ބުރަ މަސައްކަތް ކޮށްގެން ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެމީހުންގެ ދިރިއުޅުމުން މިސާލު ނަގައި އަހަރެމެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ ޗެއާމަން އާސިމް މުހައްމަދު ވިދާޅުވީ ދަރިވަރުންނަށް ނަފްސާނީ ބައްޔާ ގުޅޭ މައުލޫމާތު ދިނުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީގެން ޝީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ބޭފުޅުންނާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.