އެމްޓީސީސީގެ "މަހާ ޖައްރާފް" ޓެސްޓްކުރަން ބާލައިިފި

ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަންނަމުން އަންނަ ޑްރެޖަރު (މަހާ ޖައްރާފް) ޓެސްޓްކުރަން މިއަދު ކަނޑަށް ބާލައިފި އެވެ.


މި ޑްރެޖަރު ކަނޑަށް ބާލަން ނަންޓޮންގު ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތާއި ޗެއާމަން އަހްމަދު ނިޔާޒުގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީގެ ޑްރެޖަރު ކަނޑަށް ބާލާފައި: މި ޑްރެޖަރު މާޗް މަހުގެ ތެރޭގައި މާލެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނޭ. --ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ ޒިޔަތާ ހަވާލާދީ އެ ކުންފުނިން ބުނީ ދުނިޔޭގެ ފެންވަރުގެ ކޮންނަ ބޯޓު މާޗް މަހުގެ ކުރިން ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑްރެޖަރާއެކު އެމްޓީސީސީ އާ ހަރުފަތަކަށް މިސްރާބު ޖަހާނެ ކަމަށް ޒިޔަތު ވިދާޅުވި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ވެސް މި ޑްރެޖަރާއެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، އެމްޓީސީސީން ބުނިގޮތުގައި، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ އެވެ.

މި ޑްރެޖަރުގެ ސައިޒާއި ފެންވަރަށް ބަލާއިރު، މިހާރު ބިން ހިއްކަން ނަގާ މުއްދަތު އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.