ހުޅުމާލޭގައި ދަމާފައި ހުރި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިން ބެނާތައް ނެގީ އުސޫލާ ހިލާފުވުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ އޭނާގެ ކެމްޕެއިންގެ ފަރާތުން ހުޅުމާލޭގައި ދެމި ފޮތިތައް ނެގުމަށް ފަހު، އަލުން އެ ފޮތިތައް ދެމޭނީ ދުވާލަކަށް 10ރ. ދެއްކުމުން ކަމަށް އެޗްޑީސީން އެންގި ކަމަށެވެ.
އެކަމަކު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމްޑީޕީގެ ދެ ކެންޑިޑޭޓުން ކެމްޕެއިން ފޮތިތައް ދަމާފައި ވަނީ އެފަދަ އެއްވެސް ހުރަހެއް ނެތި ކަމަށް އުމަރު ވިދާޅުވި އެވެ.
އެއީ ސިޔާސީ ކެމްޕެއިނެއްގައި ދަމާ ބެނާތަކުން ފީއެއް ނަގާ ފުރަތަމަ ފަހަރު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތަކާއި އެކި ތަންތަނުގައި އިޝްތިހާރު ހަރުކުރުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައެޅުމަށް ފަހު ވެބްސައިޓުގައި އާންމު ކޮށްފައިވާ ކަމަށެވެ.
އެ އުސޫލާ ހިލާފަށް އެޗްޑީސީގެ ހުއްދައަކާ ނުލައި ޖަހާފައިވާ އެފަދަ ތަކެތި ނަގަމުން ގެންދާނެ ކަމަށާއި އެޗްޑީސީގެ ގަވާއިދުތަކުގެ ތެރެއިން ހުއްދަ އަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.