ހުޅުމާލޭގައި ސިޔާސީ އަދި އެ ނޫން ހަރަކާތެއް ބާއްވަން ވިޔަސް އެޗްޑީސީގެ ހުއްދަ އަބަދުވެސް ނަގަންޖެހޭ ކަމަށާއި އިިދިކޮޅުން މާދަމާ ރޭ ބާއްވަން އުޅޭ ޖަލްސާ ވެސް އެ ގޮތަށް ކުރިއަށް ގެންދަން އެންގީ ފުރަތަމަ ފަހަރަށް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގެ ވަކި ތަނެއްގައި ޖަލްސާއެއް ނުވަތަ އެހެން އިވެންޓެއް ބާއްވަން ބޭނުންވިޔަސް، އެ ކުންފުނީގެ ހުއްދަ ހޯދަން އެދި ސިޓީ ފޮނުވަން ޖެހޭނެ ކަމަށެވެ. އެންމެ ކުރިން ފެށިގެން ވެސް އަމަލުކުރަމުން އަންނަނީ އެ އުސޫލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ ހުއްދަ އަށް ނޭދި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީގައި މާދަމާ ރޭ ބާއްވަން އުޅޭ "ކޮތަރު ކޮށި" ޖަލްސާ އަށް ތައްޔާރުވަނިކޮށް، އެ ކުންފުނިން އިއްޔެ ވަނީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފަ އެވެ.
އެޗްޑީސީން ބުނަނީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް އެދުމުން އެ ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު، ޔާމީންގެ ވެރިކަމުގައި އެތައް ހާސް ބަޔަަކަށް ގެދޮރު ހޯދައިދިނުމަށް ހިންގި ބިޔަ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އިމާރާތްކުރި ސަރަހައްދުގއި ޕީޕީއެމްގެ ޖަލްސާ ބާއްވަން އެ ޕާޓީން އުޅެނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ދެއްވި ހުއްދައެއްގެ ދަށުންނެވެ.
ނަރީޝް އަކީ ޕީޕީއެމްގެ ކައުންސިލްގެ މެމްބަރެއްގެ އިތުރުން ޔާމީންގެ އެންމެ އަރިސް ބޭފުޅުގެ ލިސްޓުން ޖާގަ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެޗްޑީސީން ބުނަނީ ހުޅުމާލެ އަކީ އެ ކުންފުނީގެ ބިމެއް ކަމަށާއި އެތަނަށް ސިޓީ ކައުންސިލްގެ ބާރު ނުހިނގާނެ ކަމަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން އިއްޔެ ވަނީ އެޗްޑީސީ އަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ވެސް ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރަން ފާސްކޮށްފަ އެވެ.
އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެ ނިންމުމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށެވެ.