ޕީޕީއެމްގެ ރައީސް މައުމޫން: ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް މިރޭ ހަފުލާއެއް ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެކަން ނުކުރެވޭނެ ކަމަށް ފުލުހުން އެންގި ސަބަބެއް ސާފެއް ނުވޭ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޖެނުއަރީ 2017 - 16:29
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ބާއްވަން އުޅުއްވާ ހަފުލާ ނުބޭއްވޭނެކަން ފުލުހުން އަންގައިފި އެވެ.
"ޕީޕީއެމްގެ ދިރުން، މެމްބަރުންގެ ހިޔާލު"ގެ ނަމުގައި ކުރީގެ ރައީސް މައުމޫން ބާއްވަން އުޅުއްވާ ހަފުލާ ނުބޭއްވޭނެކަން ފުލުހުން އެންގީ މައުމޫން ފައުންޑޭޝަންގެ އޮފީސް ހިންގާ ހ. ފުލިދޫގެ އަށް ގޮސް ކަމަށް މައުމޫންގެ ފެކްޝަނުން ބުންޏެވެ. މިރޭގެ ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އަދި މިހާރު މައުމޫން ޕާޓީގެ މަސައްކަތްތައް ކުރައްވާ ހ. ތެމާގަ އެވެ.
މައުމޫންގެ ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދެ ފުލުހަކު މިއަދު މެންދުރުފަހު ފުލިދޫގެ އަށް ދިޔައިރު މައުމޫން އޮފީހުގައި ނޫޅުއްވާތީ، ފުލުހުން އެކަން އެންގީ އޭރު އެ އޮފީހުގައި ހުންނެވި މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫނަށެވެ. އަދި އެ މައުލޫމާތު މައުމޫނާ ހިއްސާ ކުރެއްވުމަށް ފާރިސްގެ ކިބައިން ފުލުހުން އެދުނު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު، މިރޭގެ ހަފުލާ ނުބާއްވަން ފުލުހުން އެންގި ސަބަބެއް ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
މީގެ ކުރިން، ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރަން މައުމޫން ބާއްވަން އުޅުއްވި ޖަލްސާ ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕާޓީގެ ކައުންސިލް ނުބޭއްވި ވަނިކޮށް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެހެންވެ، ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވެންދެން ޕާޓީ ހިންގާނީ ރައީސް ޔާމީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
19 January 2017
ދެބެއިންގެ މޮޅު ޑުރާމާ. ވަރަށް ކާމިޔާބު..!
ރެޓޭ
19 January 2017
ކަލޯ ފުލުހުން އެގޮތަށް އުޅޭނެއެއްނު މިހާރުވެސް 7000 ރުފިޔާ ކޮންމެ ފުލުހަކަށް އިތުރު ކޮށްފި.
އިންތިޚާބު
19 January 2017
ރައީސް މައުމޫން ހެޔޮނުވާނެ އައުޕާޓީއެއް އުފައްދަވާބަލަ. އޭރުން ޚަލީލުމެންނަކަށް މަނިކުފާނާބެހޭގޮތުން ވާހަކައެއް ނުދެއްކޭނެ. އެކަމަކު މަނިކުފާނު ޕާޓީއެއް އުފައްދަވަން އުޅުއްވާއިރަށް ދެން ޤާނޫނަށް އަންނާނެ ބަދަލުތަކެއް. އެއީ ޕާޓީއެއްގެ ރައީސްކަން ކުރައްވާފައިވާ މީހަކަށް އެހެން ޕާޓީ އެއް ނުހެދޭނެކަމަށާއި، ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުރެފައި އަލަށްހަދާ ޕާޓީއެއްގެ މެމްބަރަކަށް ނުވެވޭނެކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އައުޕާޓީއެއް ނުހެދޭނެކަމަށް . މި ކަން ވެސް ކުރާނެ.
ހައްޤު ބަސް
19 January 2017
ވަރަށް ފަހުން އަޅުގަޑު ރިޕޯޓެއް ހަދަން ވެގެން ޤާނޫނު އަސާސީ ބަލާލީ މެވެ. އޭތި ބަލާފައި އަޅުގަޑު ހިތަށް އެރި އެވެ. "މިއީ ކީއްކުރާން ހަދާފައި އޮތް އެއްޗެއް ތޯއެވެ"އެހާވެސް އަސަރު ކުރި އެވެ. ކަން ހިގާ ގޮތާއި އެ ފޮތުގައި ލިޔެފައިވާ ގޮތް ތަފާތު ކަމުން ނެވެ.
އައްމަޑޭ ރާއްޖެ
19 January 2017
ފުލުހުންގެ ތެރެއިން ބަޔަކު ސިޔާސީ ގުންޑާއިންނަށް ވެގެން އުޅޭތަން މި ފެންނަނީ. ތިޔައީ ހިތާމަ ހުރިކަމެއް. ފުލުހުންގެ ވަޒީފާއަކީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން. އަދި، މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން. ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމިއްލަ ޖީބަކުން ނޫން. ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ އަމުރަށް ތަބާވެ، އެ ބައެއްގެ މަސްލަހަތު ހިމާޔަތްކުރަންޏާ، އަހަރެމެން ނިކަމެތި ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ ވަޒީފާ ދޫކޮށް، ސިޔާސީންގެ ޢުލާމުންގެ ގޮތުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރަން.
Ainthu
18 January 2017
ޔާމީން މިގަންނަނީ ހާދަބިރެކޭ ރައީސް މައުމޫން ބައްދަލުވުމެއް ބާއްވަން އުޅުނީމަ. ރައީސް ޔާމިން އިސްތިއުފާ ދެއްވާފައި ގެޔަށް ދޭ. ޔާމިން ބުނަންތަ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި އަހަރުމެން ޔާމިން ދޭނެ ވޯޓެއް ނެތް. ޔާމިންގެވެރިކަން ނިމެން ބާކީ އޮތީ މަދު ހަފްތާކޮޅެއް. ދެންބަލާ ކައުންޓްޑައުން ފެށުނީކަމައް. މިފަހަރު ކައުންސިލް އިންތިހާބުގައި މުޝްތަޝާރު ގެ ފެކްސަން ފެއިލް ކޮއްލާނަން އިންސާފުވެރި އިންތިހާބެއް ބާއްވަފިއްޔާ. ހިތްވަރެއް ހުރިއްޔާ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މިނވަން އިލެކްޝަން ކޮމިޝަން އެއް އެކުލަވާލަ ބަލަ. ނުކެރޭނެ ރައީސް ޔާމިން އަކަށް މިނވަން ކޮމިޝަން އެއް އެކުލަވާލާކައް. ޕަޕެޓުން ތިބީ އިލެކްޝަން ކޮމިޝަންގެ މެމްބަރުން ގޮތުގައި
މޮޅޭދޯ
18 January 2017
ތިކުޅުއްވަނީ ޑުރާމާއޭ އިގޭތޯ. ދިވެހިންނަކީ ގުބޯލުންނެއް ނޫނޭ އިގޭތޯ.
ހަޑިގިއްލާ
18 January 2017
ބޭއްވޭނެ! ބާއްވާނަން! ފުލުހުން ތީ އަޅެފަހެ ކުލީ ފުލުހުންތަ؟
ގިވްއިން
18 January 2017
ބޭއްވިއްޖެތަ؟ ކޮންތަނެއްގަ ބާއްވާނީ؟ ފޭހުނު އިލޮށި ލޮލަށްހެރޭވާހަކަ އަޑުއަހަމުތަ؟
މެެންޓަލިސްޓް
18 January 2017
ތިޔައީ އާއިލީ މައްސަލައެއް ،،، އެއްވެސް ހާލެއްގައި ސިޔާސީ މައްސަަލައެއްނޫން ،، ތިޔަކަން ހައްލުކުރަން ދާންޖެހޭނީ ފެމިލޯކޯޓަށް ކަމަށް ބުަނަންޖެހެނީ ،، އަސްލުގައި ކާމިނީ އާއިލާގެ އެއްބަފައި 2 ބަނޑުދެކުދިންގެ މައްސަލައެއް ތިޔައީ ،،، އަޅުގަނޑު އުއްމީދުކުރަން ފެމިލީކޯޓުން ތިޔަކަމަށް ހައްލެއް ހޯއްދަވައިދޭނެކަމަށް ،،، ވަރަށްވެދުން
އަސްލު ސަކީނާ
18 January 2017
ފުލުހުންނަކީ ޕ.ޕ.މ ގެ ގޮތްޕެއް އެހެންވީމާ ބޮޑުމީހާ ބުނާގޮތް ހަދަނީ ... ފްލެޓާއި ކޮނޑަށް ގިނަފަށް އަރަނީ ބުނީމަ ބުނާގޮތް ހެދީމާ .... !!!! ލަދު ކުޑަ ބަޔެއް.