ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ، އިންޓަނޭޝަނަލް ޓޫރިޒަމް ބޯސޭ (އައިޓީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ޒިޔާރަތްކުރައްވައިފި އެވެ.
ޖަރުމަންވިލާތުގައި ކުރިއަށްދާ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ރައީސް ޒިޔާރަތްކުރެއްވީ އެމަނިކުފާނު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބާއްވާ މި ފެއާއަށް ރައީސް ވަޑައިގަތުމުން އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ އެމަނިކުފާނަށް، އެ ސްޓޭންޑްގެ ރަމްޒީ މޮޑޮލްއެއް އަރުވައިފަ އެވެ. އެމަނިކުފާނު އަރިހުގައި އަނބިކަނަބަލުން ފަޒުނާ އަހުމަދު ވެސް ވަޑައިގަތެވެ.
މި ފެއާގައި ރާއްޖޭގެ 91 ކުންފުންޏަކުން 233 މީހުން ބައިވެރިވާ ކަމަށް ސަރުކާރުން ބުންޏެވެ.
އައިޓީބީ ފެއާގައި ރާއްޖެއިން މި ބައިވެރިވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ރާއްޖެއިން ފެއާގައި ބައިވެރިވީ 2019 ގަ އެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ވިދިވިދިގެން ތިން އަހަރު ހޯދައިފަ އެވެ.
ރައީސް، ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާ އާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ ގަތަރުގައި ބޭއްވި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސަށް ފަހު އެވެ.