ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދަތުރުފުޅު ކުރެއްވި މޮޓޯކޭޑުގެ ސެކިއުރިޓީ ބްރީޗްކުރީ ގަސްދުގައި ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކުރަން ގޮވާލައި ރައްޔިތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ރޭ ބޭއްވި ރެހެންދި އެވޯޑް ހަފުލާ އަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީސް ކައިރީ ތިބި ސަޕޯޓަރުންތަކެކެވެ.

އެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ އެފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދިޔަ ތަނަކަށް ރައީސްގެ މޮޓޯކޭޑް ވަދެގެން ދިޔުމަކީ އޮޅިގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި އަމަލެއް ކަމަށެވެ.

ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޖެހޭނީ އެމްއެންޑީއެފް އިން ކަމަށްވާއިރު އެ ހާދިސާ ހިންގުމުގެ ޒިންމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނަންގަވަން ޖެހޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

"އެހެން ފަރާތެއްގެ ބޮލުގައި އެ ޒިންމާ އެޅުވުމަށް ރައީސެއްގެ ސަލާމަތާއި ކަންކަން ކޮމްޕްރަމައިޒް ކުރުމަކީ ކުރަން ހެޔޮ ނުވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތީ ކަންކަން ދޯދިޔާވެ ނުބެލެހެއްޓި ފުރާނައަށް ގެއްލުންވާ ވަރުގެ ބޮޑު ހާދިސާއެއް ހިނގާފައިވާ އިރު ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ މާރިޔާ މަގާމުން ވަކިކުރަން ޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށް ހުސެއިން ވިދާޅުވި އެވެ.

"މާރިޔާ ވަކިކުރުމާއި ގަސްތުގައި ރައީސްގެ މޮޓޯކޭޑުގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަަ ހުށަހަޅަން." އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވި އެވެ.

އެހެން ފަރާތެއްގެ ބޮލުގައި އެ ޒިންމާ އެޅުވުމަށް ރައީސެއްގެ ސަލާމަތާއި ކަންކަން ކޮމްޕްރަމައިޒް ކުރުމަކީ ކުރަން ހެޔޮ ނުވާނެ ކަމެއް ނޫން: ހުސެން

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.

މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ރޭ ރައީސްގެ މޮޓޯކޭޑް ފެނުމާ އެކު، މަގު ބަންދުކޮށް މަގު މެދުގައި އިށީނީ އެވެ. އެހެންވެ، އެއްގޮތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ބޮޑީގާޑުންނަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އެންގި އެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކުރުމަށް ފަހު ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި އެމްއެންޑީއެފް އިން ވެސް ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.